ތުޅާދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) ގެ އޭޓީއެމެއް ހުޅުވުމާ ގުޅިގެން ބޭންކިންގ ހިދުމަތްތައް ފަސޭހަކަމާއެކު ލިބި، އެ ރަށުގެ މަސައްކަތްތެރިންނާއި، މަސްވެރިން އަދި ރަށުގެ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަރީރު ވިދާޅުވީ، ބ. ތުޅާދޫގައި އެމް.އައި.ބީ ގެ އޭޓީއެމް ހިދުމަތް ތައާރަފުކުރުމާއެކު ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބި، އެހެން ރަށަކަށް ދާންނުޖެހި އަސާސީ ބޭންކިންގ ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އިސްލާމިކް ބޭންކިންގ ހިދުމަތްތަކަކީ ދިވެހި މުޖުތަމައުތަކަށް ދުވަހުން ދުވަހަށް މުހިންމުވަމުން އަންނަ، އަދި އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ހިދުމަތްތަކެއް ކަމަށެވެ.
މިނިސްޓަރ ޒަރީރު ވަނީ ދިވެހި ތާރީޚުގައި ލިޔެލާ ޖެހުމުގެ މަސައްކަތުގެ މައި މަރުކަޒުގެ ގޮތުގައި ތުޅާދޫއަށް އޮތް މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، އެވޭލާ ޒަމާނުގައި ދިވެހި ރަސްރަސްކަލުންނާއި އިއްޒަތްތެރިންގެ ގަނޑުވަރުތަކާއި ގޭގޭގައި ބޭނުންކުރި ތަކެތިން ފެންނަން ހުރި ހުނަރުވެރި މަސައްކަތްތެރިކަން މިއަދުވެސް އެ ރަށުގައި ރައްކާތެރިކަމާއެކު ދަމަހައްޓަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، ތުޅާދޫއަކީ މަސްވެރިކަމުގެ ދާއިރާގައިވެސް ދިގު ތާރީޚެއް އޮތް ރަށެއްކަމަށާއި، ގިނަ ރައްޔިތުންތަކެއް އާމްދަނީ ހޯދަނީ މަސައްކަތްތެރިކަމާއި މަސްވެރިކަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ރަށުގައި އުފައްދާ ލިޔެލާޖެހި ތަކެތި ބ. އަތޮޅުގެ ރިސޯޓުތަކަށާއި، ގެސްޓްހައުސްތަކަށާއި ސުވެނިއާ ފިހާރަތަކަށް ފޯރުކޮށްދެމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އަތްތެރި މަސައްކަތްތައް ހިމާޔަތްކުރުމަކީ ހަމައެކަނި ސަގާފީ ކަމެއް ނޫން. އެއީ ވަރަށް މުހިންމު އިޤްތިޞާދީ ސިޔާސަތެއްވެސް މެ. ސަގާފީ މަސައްކަތެއް ދެމިއޮންނާނީ އެ މަސައްކަތުން އާއިލާތަކަށް ފައިދާވާފަދަ ރަނގަޅު އާމްދަނީއެއް ލިބިގެން،" މިނިސްޓަރ ޒަރީރު ވިދާޅުވިއެވެ.
ތުޅާދޫއަށް މި ހިދުމަތް ފުޅާކޮށްދެއްވީތީ އެމް.އައި.ބީ ގެ އިސްވެރިންނަށާއި މެނޭޖްމަންޓަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. އަދި މާލީ އިދާރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ހަބަރު: ސަރުކާރު