ނ. ޅޮހީ އަދި ދ. ހުޅުދެލީގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެ ދެ ރަށަށް އައު ޖެންސެޓް ގެންގޮސް، އިންސްޓޯލްކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ.
ނ. ޅޮހީގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ގެންދެވުނު 400 ކިލޯވޮޓްގެ އައު ޖެންސެޓާއެކު އެ ރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މި އައު ޖެންސެޓް ގެނައުމުގެ ކުރިން ޅޮހީ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 860 ކިލޯވޮޓެވެ. ނަމަވެސް، އަލަށް ގެނެވުނު ޖެންސެޓާއެކު އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 1،260 ކިލޯވޮޓަށް މަތިވެގެންދާނެއެވެ.
މީގެއިތުރުން، ދ. ހުޅުދެއްޔަށް ވެސް ވަނީ 400 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފައެވެ. އަދި އެ ރަށަށް ގެންދެވުނު ޖެންސެޓް އިންސްޓޯލްކޮށް، ވީއެންމެ އަވަހަކަށް ބޭނުންކުރަން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.
ފެނަކައިން މަޢުލޫމާތު ދެއްވާ ގޮތުގައި މި އައު ޖެންސެޓްތައް އިންސްޓޯލްކޮށް، ޚިދުމަތް ދޭން ފެށުމުން ހުޅުދެލީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.