ދެމަފިރިން އެކަކު އަނެކަކަށްދޭ ސަމާލުކަމަށްވުރެ ބޮޑަށް އެހެން މީހުންނަށް ސަމާލުކަންދިނުމަކީ ކުރަންހެޔޮވާނެ ކަމެއް ނޫން! ފައިދާކުރާނީ ބައިވެރިޔާއަށް ސަމާލުކަންދިންވަރަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ދެމަފިރިން އެކަކު އަނެކަކަށްދޭ ސަމާލުކަމަށްވުރެ ބޮޑަށް އެހެން މީހުންނަށް ސަމާލުކަންދިނުމަކީ ކުރަންހެޔޮވާނެ ކަމެއް ނޫން! ފައިދާކުރާނީ ބައިވެރިޔާއަށް ސަމާލުކަންދިންވަރަކުން!

މިހާރަކަށް އައިސް ގިނަ ބައަކަށް އެންމެ ގިނަ ވަޤުތާއި ހަކަތަ ހޭދަކުރެވެނީ އެހެން މީހުންގެ ކަންކަމާއި ބެހުމަށެވެ. އެހެން މީހުން އުޅެންވީ ގޮތް ކިޔައިދިނުމަށެވެ. އެވަރަކުންވެސް ފުއްދައިލަނީއެއް ނޫނެވެ. އެހެން މީހުން އުޅެނީ ތިމާ ބުނާގޮތަށްތޯ ބަލަންވެސް ބަލައެވެ.  

މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެކަންކަމަށް ވަޤުތާއި ހަކަތަ ހޭދަކުރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ ކަންކަމަށް ވަޤުތާއި ހަކަތަ ހޭދަކުރުމުގެ މުހިންމުކަން މާބޮޑެވެ. ތިމާގެ ދިރިއުޅުން ކުރިއަރާނީ އެއިރުންކަމަށްވާތީއެވެ.  

ވަރަށް ޢާންމު ކަމެއްގެ ވާހަކަ ބުނެލާނަމެވެ. މަސައްކަތުގައި އުޅެނިކޮށްވެސް މީހަކު މެސެޖެއް ކޮށްފިނަމަ އެމެސެޖަށް ޖަވާބުދޭނެއެވެ. ސުވާލެއް ކޮށްފިނަމަ ކުރުކޮށް ޖަވާބުދިނުމުގެ ބަދަލުގައި ބޭކާރު ވާހަކަތައްވެސް ކިޔައިދޭނެއެވެ.  

އެކަމަކު ތިމާގެ ބައިވެރިޔާ މެސެޖެއް ކުރިނަމަވެސް އަޅައިވެސް ނުލާނެއެވެ. ނުވެސް ކިޔާނެއެވެ. މެސެޖްނުކިޔައި ގިނައިރުވުމުން ފޯނުކޮށްލައިފިނަމަ ވަރަށް ބިޒީކަމަށްބުނެ އަވަސްއަވަހަށް ފޯނުބާއްވާނެއެވެ.  

މިއީ ދައްކާ ތޯތޯ ވާހަކަތަކެއް ނޫނެވެ. ދާދިފަހުން ހިނގައިދިއަ ކަމެއްގެ ވާހަކަ ކިޔައިދޭނަމެވެ. މިބުނި ފަދައިން ފިރިމީހާ ކަންކަން ކުރަމުން ދިއައިރުވެސް އަނބިމީހާ ހުރީ ކެތްތެރިވެގެންނެވެ. ފިރިމީހާގެ މަސައްކަތްބުރައީކަން ޤަބޫލުކޮށް ރުހިގެންނެވެ. 

އެހެން ހުއްޓައި އެއްދުވަހަކު ފިރިމީހާގެ ފޯނު ބަލައިލެވޭނެ ފުރުޞަތެއް އަނބިމީހާއަށް ލިބިގެން ފޯނު ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ކޮންމެ ދުވަހަކު އެކުވެރިންނަށް މެސެޖްކުރުމުގެ ވާހަކަދައްކަން އެތައް ވަޤުތުތަކެއް ވަނީ ހޭދަކޮށްފައެވެ.  

އެހިސާބުން އަނބިމީހާއަށް ވިސްނުނީ އޭނާގެ މުހިންމުކަމެއް ފިރިމީހާއަށް ނެތީކަމަށެވެ. އެހެންވެ މެސެޖްކުރުން ހުއްޓައިލިއެވެ. ފޯނުކުރުންވެސް ހުއްޓައިލިއެވެ. ނަތީޖާއަކަށްވީ މަޑުމަޑުން ދެމީހުންގެ ގުޅުން ކުޑަވަމުންގޮސް ފޫހިވެ ކައިވެނި ރޫޅައިލަން ބޭނުންވުމެވެ. ވަރިވާން ބޭނުންވުމެވެ.  

އެކަން ފިރިމީހާއަށް ވިސްނުނީ ވަރިވާން އެދުމުންނެވެ. އަދި ވަރިވާން ބޭނުންވި ސަބަބު ކިޔައިދިނުމުންނެވެ. އެއީ ހެޔޮލަފާ ފިރިއަކަށްވީތީ މާފަށް އެދި އެކަންކަން އިޞްލާޙްކުރިއެވެ. ނަމަވެސް ކުރީގެ ޙާލަތަށް ގުޅުން ބަދަހިކުރެވުނީ އެތައް ދުވަހަކުންނެވެ.  

ވީމާ މިހުރީ ކޮންމެ ދެމަފިރިއަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަންކަމެވެ. ތިމާގެ ވަޤުތާއި ހަކަތަ ބޭނުންކުރަންވީ ތިމާއަށް ފައިދާހުރި ގޮތަށެވެ. އެންމެ ބޮޑު އިސްކަމެއް ޑޭންޖެހޭނީ އަނބިމީހާއަށެވެ. ފިރިމީހާއަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން