ދެމަފިރިން އެކަކު އަނެކަކަށް އެހީތެރިވުމަށް އޮންނަ އޮތުމަކީ އެއްވެސް މީހެއްގެ ޙައްޤަށް ލިބޭ އުނިކަމެއް ނޫނެވެ. އެކަމުން ލިބޭނީ އިތުރު ފުރިހަމަ ކަމެވެ. އެކަން ނުވިސްނޭ މީހުން ދައްކާ ވާހަކަތަކަށް ނުހެއްލޭށެވެ!
ﷲ ތަޢާލާގެ ޢަދުލުވެރިވަންތަކަމާއިމެދު ސުވާއުފައްދަން މަސައްކަތް ނުކުރާށެވެ! ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނާއި އެންމެންނަށްވެސް ޙައްޤުތައް ދެއްވަވާފައިވަނީ އެންމެ ފުރިހަމައަށެވެ. ވީމާ ސުވާލު އުފެއްދުމަކަށް އެއްވެސް ޖާގައެއް ނެތެވެ.
އިސްލާމް ދީނުގައި އަންހެނުންނަށް އެކަނބަލުންގެ ޙައްޤުތައް ދީފައި ނުވާކަމަށް ބުނެ ވާހަކަދައްކާ މީހުން އެފަދަ ވާހަކަތައް އެދައްކަނީ އިސްލާމް ދީނުގައި ކަންކަން އޮތް ގޮތް ނުވެސް އެނގިތިބެ ނޫންނަމަ އެނގިތިބެވެސް އިސްލާމް ދީނާއިމެދު ނަފްރަތު އުފެއްދުމަށެވެ.
މިކަމުގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ތިމާއަށް ލިބިފައިވާ ދަރިންގެ މެދުގައި ހަމަހަމަ ނުކުރެވޭ މީހުންވެސް މިފަދަ ވާހަކަތައް ދައްކާކަމެވެ. އެކަމުންވެސް އެނގެނީ އެމީހުން އެފަދަ ޥާހަކަތައް ދަކަނީ އެއްވެސް އަސާސެއްގެ މައްޗަށް ބުރަވެ ނޫންކަމެވެ.
ނިކަން ވިސްނައިލަބަލާށެވެ! ފިރިހެނުންނަށް ނުލިބޭނެ އެތައް ޙައްޤެއް އިސްލާމް ދީނުގައި އަންހެނުންނަށް ވަނީ ދެއްވަވައިފައެވެ.
1 އަންހެން ކުއްޖަކު އުފަންވުމުން އެއީ އޭނާގެ މައިންބަފައިންނަށް ސުވަރުގެ ލިބުމަށް ފަހިވެގެންދާ ފުރުޞަތެވެ.
2 އެ ކުއްޖާ ޢިއްފަތްތެރިކަމާއިއެކު ބޮޑުކޮށް ކައިވެނިކޮށްދިނުމުން އެކަންވެގެންދަނީ ނަރަކައާއި މައިންބަފައިންނާއި ދެމެދުގައި ލެވޭ ފާރަކަށެވެ. (ނަރަކައިން ސަލާމަތްކޮށްދޭނެ އައްޑަނައަކަށެވެ.\)
3 އެ ކުއްޖާ އަންހެނަކަށްވެ މައަކަށްވުމުން އޭނާގެ ދަރިން އެމަންމައަށް ޚިދުމަތްކުރުން ލައްވަވާފައިވަނީ އެންމެ ފަސޭހައިން ސުވަރުގެ ވައްދަވާނެ ސަބަބެއް ކަމުގައެވެ.
4 ގަދަކަމުން ވަރިވިޔަސް ޢިއްދައިގެ ޚަރަދުވެސް ދޭންޖެހެއެވެ. ދުނިޔޭގައި ނުދީފިނަމަ ޤިޔާމަތް ދުވަހު ބަދަލު ހޯއްދަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
5 ލޯބިދީ އަޅައިލުމުގައި އިސްކަންދޭންޖެހޭ މިންވަރަށް ބަލައިފިނަމަ މަންމައަށް 75 އިންސައްތައެވެ. ބައްޕައަށް 25 އިންސައްތައެވެ.
މިހިރީ އިސްލާމް ދީނުގައި އަންހެނުންނަށް ދެއްވަވާފައިވާ ޚާއްޞަ ކަމެވެ. މަތިވެރި މަޤާމެވެ! ފިރިހެނުންނަށް މިއިން އެއްވެސް މަތިވެރިކަމެއް ނެތެވެ. އަދި މިކަންކަން އަންހެނުންނަށް ލިބިދީފައިވަނީ އިސްލާމް ދީން ނޫން ކޮން ދީނެއްގައި ހެއްޔެވެ؟
މީގެ އިތުރުން ކައިވެނިކުރުމުން ނަން ބަދަލުކުރަން ނުޖެހޭ، އެ އަންހެނަކު ރުހޭ މީހަކާ ނޫނީ ކައިވެނި ނުކުރެވޭނެ ދީނަކީ އިސްލާމް ދީނެވެ! މިފަދަ އެތައް ބައިވަރު ޙައްޤުތަކެއް އިސްލާމް ދީނުގައި އަންހެނުންނަށް ލިބިދީފައިވާއިރުވެސް އިސްލާމް ދީނުގައި އަންހެނުންނަށް އެއްވެސް މަޤާމެއް ނެތް ކަމަށް ދައްކާ ވާހަކަ ޤަބޫލުކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން