ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުން އެނގެނީ މައިންބަފައިންނަށް ސުވަރުގެ ވަދެވުމަށްފަހުގައިވެސް އެމީހުންގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން ދަރިން ދުނިޔޭގައި ތިބެ ކޮށްފައިވާ ހެޔޮދުޢާއިން އެމީހުންގެ ދަރަޖަ ސުވަރުގޭގައި މަތިކޮށްދެއްވަވާނެ ކަމެވެ. އެއިގެ މާނައަކީ އެމީހުންނަށް ތިރީ ދަރަޖަ ލިބިފައިވަނިކޮށް މަތީ ދަރަޖަތަކަށް އުފުއްލަވައި ދެއްވަވާނެ ކަމެވެ.
ވީމާ މައިންބަފައިން ދުނިޔޭގައި ތިބި ނަމަވެސް އަދި މަރުވުމަށްފަހުގައިވެސް އެމީހުންނަށް ހެޔޮދުޢާކުރުން ހުއްޓައިނުލާށެވެ! އެއީ ކޮންމެ ދުވަހަކުވެސް ކުރާކަމަކަށް ހަދާށެވެ. އެހެންވެ ބައެއް ބޮޑެތި ޢލްމްވެރިން ވިދާޅުވަނީ ކޮންމެ ފަރުޟްނަމާދެއްގައި ނުވަތަ ނަމާދަށްފަހުގައިވެސް މައިންބަފައިންނަށް ހެޔޮދުއާކުރުމަށެވެ. އެއީ ކޮންމެ ދުވަހަކު ފަރުޟް 5 ނަމާދުކުރާފަދައިން 5 ފަހަރުކުރާ ކަމަކަށް ހެދުމަށެވެ.
އެހާބޮޑު ސަމާލުކަމެއް ޢިލްމްވެރިން އެކަމަށް ދެއްވަވާ ސަބަބަކީ އެކަމުގެ ސަބަބުން ދުޢާކުރާ ދަރިންނަށްވެސް ﷲ ތަޢާލާ ރަޙުމަތް ލައްވަވާނެތީއެވެ. އިން ޝާ ﷲ.
ހަމަ ޔަޤީން އެއްކަންތައް އެބައޮތެވެ. އެއީ މީހަކަށް ސިއްރުން (އެމީހަކަށް ނުއަންގައި) އެމީހަކަށްޓަކައި ހެޔޮދުޢާކުރުމުން ދުޢާކުރި މީހާއަށްވެސް އެރަޙްމަތް ލެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެ ކަމެވެ. ވީމާ އެކަމުން އެނގެނީ ދުޢާކުރާ ދަރިންނަށްވެސް ލައްވަވާނެ ރަޙުމަތުގެ ބޮޑުކަމެވެ.
މިޘާލެއް ބުނެލަން ހެއްޔެވެ؟ ތިބާ ދުޢާކުރީ މައިންބަފައިންނަށް ފާފަ ފުއްސަވައިދެއްވެވުން އެދިގެންނެވެ. މަލާއިކަތުން ދުޢާކުރައްވަވާނީ އެދަރިފުޅުގެ ފާފަފުއްސަވައިދެއްވެވުން އެދިގެންނެވެ. ހަމައެގޮތަށް މައިންބަފައިންނަށް ފުރިހަމަ ޞިއްޙަތެއް ދެއްވެވުން އެދިގެން ދުޢާކުރިނަމަވެސްމެއެވެ. އަދި ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދިގެން ދުޢާކުރި ނަމަވެސްމެއެވެ.
ވީމާ މައިންބަފައިން ދުނިޔޭގައި ތިބިނަމަވެސް އަދި ނިޔައުވުމަށްފަހުގައިވެސް އެމީހުންނަށް ހެޔޮއެދިގެން ދުޢާކުރަމުން ގެންދާށެވެ. އެދަރިއަކަށް ހެޔޮ ރަޙުމަތް ލައްވަވާނެތެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން