އަންހެނުންވެސް، ފިރިހެނުންވެސް ކައިވެނިކުރަންވީ ކާކާތަ؟ އިސްކުރަންވީ ކޮން ބޭނުމެއްތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އަންހެނުންވެސް، ފިރިހެނުންވެސް ކައިވެނިކުރަންވީ ކާކާތަ؟ އިސްކުރަންވީ ކޮން ބޭނުމެއްތަ؟: މުފްތީ މެންކް

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ!

ކައިވެނިކުރަންވީ ރީތިކަމަށް ނުވަތަ ތަނަވަސްކަމަށް ބަލައިގެނެއް ނޫނެވެ. ރީތިކަންވެސް ގެއްލިގެންދާނެއެވެ. ތަނަވަސްކަންވެސް ގެއްލިގެންދާނެއެވެ. އެކަމަކު އެމީހަކާއިއެކުގައި ދެމިހުންނާނެ ކަމެއް ވެއެވެ. އެކަމަކީ ޞާލިޙްކަމެވެ. ތަޤްވާވެރިކަމެވެ. އެއީ އެމީހަކު އަމިއްލައަށް ދޫކޮށްލުމުން ނޫނީ އެއްވެސް މީހަކާއި ވަކިވެގެންދާނެ ކަމެއް ނޫނެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ހުރިހާ ކަމަކަށްވުރެވެސް މުހިންމީ އާޚިރަތެވެ. އަޚުންވެސް އަދި އުޚުތުންވެސް ކައިވެނިކުރުމުގައި އިސްކަންދޭންވީ ތިމާ ގޮވައިގެން ސުވަރުގެދާން މަސައްކަތްކުރާނެ ބައިވެރިއަކަށެވެ. އެކަމަށްވުރެ މުހިންމު ކަމެއް ނެތެވެ.  

ދުނިޔޭގެ އެންމެ ތަނަވަސް މީހުންގެ ތެރޭގައި ގިނައީ ﷲ ތަޢާލާއަށް އީމާންނުވާ މީހުންނެވެ. އާޚިރަތް ދުވަހު އެމީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ހަމައެގޮތަށް ތިމާއަކީ މުސްލިމެއް ކަމަށް ބުނަމުން ސުވަރުގެ ހޯދަން މަސައްކަތް ނުކުރާ މީހުންނަށް އެދުވަހުން ޖެހޭނެ ޙާލަށް ވިސްނާށެވެ.  

މިއަދު އަހުރެމެން ބުނާ ބަސްތައް މީޒާނުގައި ކިރައިލެވޭނެއެވެ. ދީނަށް ޢަމަލުކޮށް ސުވަރުގެ ލިބިގަތުމަށް ކުރަްނޖެހޭ މަސައްކަތް ނުކުރާނަމަ އެމީހެއްގެ ބަސްތައް ބުރަވާނީ އެމީހަކާއި ދެކޮޅަށެވެ. އެބަސްތައް ވެގެންދާނީ ކުރެވުނު ފާފައަކަށެވެ. ވީމާ ބުރަވެގެންދާނީ ފާފައިގެ ކޮޅަށެވެ. އެއިރުން ވަންނަން ޖެހޭނީ ނަރަކައަށެވެ.  

މިކަންކަމަކީ ކޮންމެ މުސްލިމަކަށްވެސް ވިސްނޭނެ ކަންކަމެވެ. ނަމަވެސް ކައިވެނިކުރަން އުޅޭއިރު ވިސްނައި ނުލެވެނީއެވެ. ރީތިކަމަށާއި ތަނަވަސްކަމަށް ބަލައި ވެވޭ ލޯތަބަށް އިސްކަންދެވެނީއެވެ. ދެމީހަކު ކިތަންމެ ބޮޑަށް ލޯބިވެ، ކިތަންމެ އުފަލުގައި އުޅެވުމަކީ ސުވަރުގެ ވަދެވޭނެ ސަބަބެއް ނޫނެވެ. ސުވަރުގެ ވަދެވޭނީ ޞާލިޙް އަޅުންނަށެވެ. ޞާލިޙް އަޅަކަށްވެވޭނީ ތަޤްވާވެރިވެ ހެޔޮ ޢަމަލުތައް ކުރިވަރަކުންނެވެ. ވީމާ ޙަޔާތަށް ބައިވެރިއަކު އިޚްތިޔާރުކުރާއިރު އެންމެ ބޮޑަށް ބަލަންވީ ކުރިންވެސް ބުނިފަދައިން ތިމާ ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާނެ މީހަކަށެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

- މިއަދުނޫސް 

މިއަދު އޮންލައިން