ބައިވެރިޔާގެ ކުރިމަތީގަ ކުޑަ ދޮގެއް، ކުޑަ މަކަރެއް ނޯންނާނެ! ވަޤުތު ޖެހުމުން ވަކިވީމާ ރުޅިއައުމުގެ ބޭނުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ބައިވެރިޔާގެ ކުރިމަތީގަ ކުޑަ ދޮގެއް، ކުޑަ މަކަރެއް ނޯންނާނެ! ވަޤުތު ޖެހުމުން ވަކިވީމާ ރުޅިއައުމުގެ ބޭނުމެއް ނެތް!

އަހުރެން ދައްކަން މިއުޅެނީ އަނބިންގެ ނުވަތަ ފިރިންގެ ވާހަކައެއް ނޫނެވެ. ދެމަފިރިންގެ ވާހަކައެވެ. ދެމީހުންގެ ވާހަކައެވެ. މިކަމުގައި ދެމީހުންނަށްވެސް އިޙްޞާޞްކުރެވޭނީ އެއްގޮތަކަށެވެ. މިބުނަނީ ދޮގުހެދުމާއި މަކަރުހެދުމުގެ ވާހަކައެވެ. 

ބައެއް މީހުންނަށް ވިސްނެނީ މިހެދެނީ ކުޑަ ދޮގެއް ނުވަތަ ކުޑަ މަކަރެއް ކަމަށެވެ. މާބޮޑު މައްސަލައެއް ނުޖެހޭނެ ކަމަށެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އަނބިމިހާގެ ކުރިމަތީގައިވެސް އަދި ފިރިމީހާގެ ކުރިމަތީގައިވެސް ކުޑަދޮގެއް އަދި ކުޑަމަކަރެއްވެސް ނުއޮންނާނެއެވެ. ކިތަންމެ ކުޑަކަމެއްގައި ނަމަވެސް ދޮގު ނުވަތަ މަކަރުހަދައިފިނަމަ އިތުބާރު ގެއްލޭނެއެވެ. އެއީ ފަސޭހައިން އަނބުރައި އިޢާދަކުރެވޭނެ ކަމެއް ނޫނެވެ. ގިނައިން އޮންނަނީ އެކަން ޢުމުރަށް ދެމިގެން ގޮސްފައެވެ.  

ކުޑަ ޙާދިސާއެއްވެސް ކިޔައިދޭނަމެވެ. ދެމަފިރިން އެކުގައި ގޮސް ބާޒާރުކޮށްގެން ކުރިން ކާރުކައިރިއަށް ދިއައީ އަނބިމިހާއެވެ. ފިރިމީހާއަށް ދެވުނުއިރު ހުރީ ފިރިހެނަކާ ވާހަކަދައްކާށެވެ. ފިރިމީހާ އެކަމަށް ސަމާލުކަމެއް ނުދެއެވެ. ދެމީހުންނަށްވެސް ހިނިތުންވެލާފައި ކާރަށް އެރީއެވެ. 

އެއީ ފިރިމީހާއަށް އެނގޭ މީހެކެވެ. އެހެންކަމާއިއެކުވެސް ކާރުދުއްވާލާފައި އެއީ ކާކުތޯ ސުވާލުކުރުމުން އެއީ ދަންނަ މީހަކު ކަމަށްބުނެ ބުނީ ނުބައި ނަމެކެވެ. ފިރިމީހާ އިތުރަށް ސުވާލެއް ނުކުރެއެވެ. އެކަމަކު ފިރިމީހާ ނިންމީ އެންމެ ގޯސްކޮށެވެ.  

"އޭނާއަކީ ރަނގަޅު ދިރިއުޅުމެއް އުޅޭ މީހެކެވެ. އަނބިމީހާއަކާ ނުބައި ގުޅުމެއް ނުބާއްވާނެއެވެ. އެކަމަކު އަނބިމިހާއަކީ ތެދުވެރިއެއް ނޫނެވެ. ރަނގަޅުވާނީ ބޮޑުކަމެއް މެދުވެރިނުވަނީސް ވަކިވުމެވެ."  

މިއީ މިފަދަ ޙާލަތެއްގައި އަނބިމީހާވެސް ނިންމާނެ ނިންމުމެވެ. ދޮގުހަދާ، އިތުބާރުނުކުރެވޭ މީހަކާއިއެކު އުޅޭކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. ވީމާ ކިތަންމެ ކުޑަކަމެއްގައި ނަމަވެސް ދޮގުނުބުނާށެވެ. ކިތަންމެ ކުޑަ ނަމަވެސް މަކަރެއް ނުހަދާށެވެ. ދޮގާއި މަކަރުހަދަން ވިސްނައިދެނީ ޝައިޠޯނާއެވެ. އެކަމަށް ސަމާލުކަންދޭށެވެ.

 

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން