މައިންބަފައިންނަށް ހޭދަކުރަން ފަސްނުޖެހޭށެވެ! އެއީ އެތައް ގުނައަކަށް އިތުރުވެގެން އަނބުރައި ލިބޭނެ އެއްޗެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މައިންބަފައިންނަށް ހޭދަކުރަން ފަސްނުޖެހޭށެވެ! އެއީ އެތައް ގުނައަކަށް އިތުރުވެގެން އަނބުރައި ލިބޭނެ އެއްޗެކެވެ!

އެއީވެސް ލޯބިން އެކުގައި ދިރިއުޅޭ ދެމަފިރިންނެވެ.

ފިރިމީހާއަކީ ވަރަށް ހެޔޮލަފާ މީހެކެވެ. އަނބިމީހާ ލައްވައި މަސައްކަތެއް ނުކުރުވައެވެ. އިޙްތިރާމާއިއެކު ގޭގައި ބައިންދަނީއެވެ. ހުރިހާ ޚަރަދެއްކުރަނީ ފިރިމީހާއެވެ.  

އެއްފަހަރަކު ޖެހުނު މައްސަލައަކީ ފިރިމީހާ އޭނާގެ މަންމައަށް މަހަކު 10000 ރުފިޔާދޭއިރު އަނބިމިހާގެ މަންމައަށް މަހަކު 5000 ރުފިޔާދޭކަމެވެ. އަނބިމީހާ އެކަމަށް ޝަކުވާކުރީ ފިރިމީހާ އިންޞާފުވެރި ނޫންކަން ބަޔާންކޮށެވެ. އެކަމަށް ފިރިމީހާ ނުރުހުމުން އަނބިމީހާ ރުޅިގަދަވިއެވެ.  

މަހެއްހައި ދުވަސްފަހުން އަނބިމީހާ ވަރަށް އަދަބުވެރިކަމާއިއެކު ފިރިމީހާގެ ގާތުން އެދުނީ އޭނާގެ މަންމައަށްދޭ ފައިސާ ކޮންމެވެސް ވަރަކަށް އިތުރުކޮށްދިނުމަށެވެ. ޖަވާބުގައި ފިރިމީހާ ކިޔައިދިނެވެ.  

"ކުރިންވެސް ތިއަގޮތަށް ބުނެވެން އޮތެވެ. އަހުރެންގެ މަންމަގެ ތިބީ ދެދަރިންނެވެ. ދެދަރިންވެގެން މިދެނީ މަހަކު 20000 ރުފިޔާއެވެ. އެއީ އަހަރަކު ދެފަހަރުވުމަށާއި އެހެންގޮސް މަންމަގެ ހުރިހާ ޚަރަދަކަށެވެ. ތިބާގެ މަންމަގެ 5 ދަރިން އެބަތިއްބެވެ. އެއިގެ ތެރޭގައި އަހުރެންނަށްވުރެ ތަނަވަސްދަރިންވެސް އެބަތިއްބެވެ. ކޮންމެ ދަރިއަކު 5000 ރުފިޔާދޭނަމަ މަންމައަށް މަހަކު 25،000 ރުފިޔާ ލިބޭނެއެވެ. އެއިރުން އަހުރެންގެ މަންމައަށްވުރެވެސް ގިނަވާނެއެވެ. އަހުރެންގެ އިތުރުން މަންމައަށް އެހީވަނީ ދެދަރިންނެވެ. އެދެދަރިންވެގެން ދެނީ މަހަކު 5000 ރުފިޔާއެވެ. އަހުރެން އެކަނި ދޭވަރެވެ. އެކަމަކު ތިބާއަށް ވިސްނައެއް ނުލެވުނެވެ. ޝުކުރުވެރިއެއް ނުވެވުނެވެ. ތިބާގެ އެދުމަށް އަހުރެން ވިސްނާނަމެވެ. އެކަމަކު ފުރަތަމަ މަންމަގެ އެހެންދަރިންނާއިވެސް ވާހަކަދައްކާށެވެ."  

ދެން މިބުނަނީ އަހުރެންގެ ނަޞީހަތެވެ. ފިރިމީހާ ތިބާގެ މަންމައަށް އެހީތެރިވާނަމަ ޝުކުރުވެރިވާށެވެ. މިހާރު މިއުޅެނީ އަމިއްލަ މަންމައަށްވެސް ދަރިން އެހީތެރިނުވެގެންނެވެ. ތިބާގެ މަނަމައަށް އިތުރަށް ބޭނުންވާނަމަވެސް ރިވެތިކޮށް އެދޭށެވެ. އަދި މައިންނަށް އެހީތެރިވުމަކީ ހުރިހާ ދަރިންގެ ޒިންމާއަކަށްހަދާށެވެ. ގިނައިން ލިބޭނަމަ ގިނައިން ދޭށެވެ.  

މައިންބަފައިންނަށް ހޭދަކުރަން ފަސްނުޖެހޭށެވެ. އެއީ އެވަޤުތު އަތުން މަދުވިޔަސް ގެއްލޭ އެއްޗެއް ނޫނެވެ. އެތައް ގުނައަކަށް އިތުރުވެގެން އަނބުރައި ލިބޭނެ އެއްޗެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސކުން

މިއަދު އޮންލައިން