ޚުޠުބާ: މައިންބަފައިންގެ ރުހުން ލިބުމަކީ ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތްކުރައްވަވާ ކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 30ސ
ޚުޠުބާ: މައިންބަފައިންގެ ރުހުން ލިބުމަކީ ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތްކުރައްވަވާ ކަމެއް!

މުސްލިމް އަޚުންނޭވެ! އަހަރެމެންނަކީ ޒަމާނުއްސުރެން މާތް اللهގެ ދީން ޤަބޫލުކޮށް، އެކަލާނގެއަށް އީމާންވެގެން ތިބި ބަޔަކީމުއެވެ. އަހަރެމެން އުޅެމުން އައީ ވަރަށް އަމާންކަމާއި ޞުލްޙަވެރިކަމާއި އަޚުވަންތަކަމާއެކުގައެވެ. ނަމަވެސް ފަހުގެ ތާރީޚުގައި އަހަރެމެންގެ މުޖުތަމަޢަށް އިޖުތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެއާމެދު ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނައި ފިކުރު ކުރާންޖެހިފައިވާ ކަމެކެވެ.  

މުސްލިމް އަޚުންނޭވެ! މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދި އެ ބައިމީހުންނަށް ނުކިޔަމަންތެރިވުމެވެ. އަދި އެ މީހުން މުސްކުޅިވާ ދުވަހު އެ މީހުންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދިނުމެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެކެވެ. ވަޞިއްޔަތް ކުރައްވައިފައިވަނީ އެ ކަމުގެ މަތިވެރިކަމުންނެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށްހިތުމަށް) ތިމަންރަސްކަލާނގެ وصيةކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާ އެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރުތުނބުން ވީއްލުން ވަނީ، ދެ އަހަރުގައެވެ. (ތިމަންރަސްކަލާނގެ أمرކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكرކުރާށެވެ! އެނބުރި رجوعވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ."  

ކީރިތި ޤުރްއާނުގައި އެތައް މަޤާމެއްގައި މައިންބަފައިންނަށް އިޙުސާންތެރިވުމަށް އަމުރުކުރައްވައިފައި ވެއެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެކެވެ. އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑިއެކެވެ. ސުވަރުގެއަށް ވަނުމުގެ ދޮރެއްވެސް މެއެވެ. މައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެކެވެ. މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވަތެވެ. މިކަން މިހެން އޮތް ހިނދު، މިކަން ހަނދާންނައްތައިލައި، މައިންބަފައިންނަށް ނިކަމެތިކޮށްހިތައި، އެ މީހުން ހިތުގައި ޖައްސައި، ނުވަތަ އަޅައިނުލައި، ދޫކޮށްލައިފައިވަނީ ކިތައް މީހުންހެއްޔެވެ؟ ހޮސްޕިޓަލުތަކުގައްޔާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މުސްކުޅި ބަލީގައި އެކަނިވެރި ޙާލުގައި، މަންމަ ނުވަތަ ބައްޕަ ދޫކޮށް، އުފަލުގައި އަނބިދަރީންނާއެކު އުޅެމުންދާ އިންސާނާއެވެ! މަރުގެ ސަކަރާތުގެ ތެރެއަށް ތިބާ ވެއްޓޭ ހިނދު، ތިބާއަށް ސަލާމަތްވެވޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. 

ވިސްނުން ބަދަލުކުރާށެވެ! ތިބާ ކުޑަކުޑައިރު، ނިދިނަގައިލައި، ތިބާގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި މަސައްކަތްކޮށް، ތިބާއަށް އުފާވެރިކަން ހޯދައިދިން ލޮބުވެތި މަންމައާއި ބައްޕައަށް އެހީތެރިވާށެވެ! މި އަދު އެ ދެ މީހުން އެ ވަނީ މުސްކުޅިވެ ގައި ބާރު ދެރަވެފައެވެ. ތިބާގެ އޯގާތެރިކަމާއި އެހީތެރިކަމަށް ބޭނުންވެފައެވެ. 

މިއަދު އޮންލައިން