ޚުޠުބާ: ނަމާދުން ފައިބާގޮތަށް ފާފަކޮށް ލިބުނު ޘަވާބު ނަގައިލުން ހުއްޓައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ޚުޠުބާ: ނަމާދުން ފައިބާގޮތަށް ފާފަކޮށް ލިބުނު ޘަވާބު ނަގައިލުން ހުއްޓައިލާށެވެ!

މުސްލިމް އަޚުންނޭވެ! މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރޭގައި މިސްކިތުގެ ޙުރުމަތް ކަނޑައިލުން ހިމެނެއެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ކަންކަން ހުންނަގޮތަކީ، ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ، ޣީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޢައިބުކިއުމާއި، ޖަދަލުކުރުމާއި، ހަޑިހުތުރު އެއްޗެހިގޮވުމާއި، ޒުވާބުކުރުމާއި، މީސްތަކުންގެ އަބުރާބެހުމާއި، ދޮގުވާހަކަތައް ފެތުރުމާއި، މި ފަދަ ކަންކަންކުރުމެވެ.  

މިފަދަ މީހުންނަށް، އެއުރެން ކުރި ނަމާދުން ލިބުނު ރޫޙާނީ ފައިދާއަކީ ފަހެ ކޮބައިހެއްޔެވެ؟ ނަމާދުކުރުމުން ލިބުނު މަތިވެރި ޘަވާބާއި ދަރުމައިން ލިބުނު މާތްކަން، އަމިއްލައަށް ނަގައިލައި، އެނބުރި ގެއަށްދަނީއެވެ. މި ކަންކަމާ މެދު ވިސްނައިލާކަށް ނުވޭހެއްޔެވެ؟ މި ފަދަ ކަންކަންކުރާ މީހުން ޙައްޤުގެ މަގަށް އެނބުރި އަންނާށެވެ! ނަމާދުން ފައިބައިގެން، މުސްލިމު އަޚުންނާ ސަލާމްކުރުމަށްފަހު މަޑުމައިތިރިކަމާ އެކީ ގެއަށް އެނބުރި ދާމީހާގެ މާތްކަމުގެ ބޮޑުކަމާއެވެ! މުސްލިމުން އެއްބަޔަކު އަނެއްބަޔަކާމެދު ޢަމަލު ބަހައްޓަންވީ ގޮތް ބަޔާންކުރައްވައި ކީރިތި ރަސޫލާ މުޙައްމަދު z ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން އެކަކު އަނެކަކަށް ޙަސަދަވެރިނުވާށެވެ! އެކަކު އަނެކަކު ދެކެ ރުޅިނާންނާށެވެ!  

އެކަކު އަނެކަކަށް ފުރަގަސްނުދޭށެވެ! اللهގެ އަޅުންގެ ގޮތުގައި، އަޚުންތަކެއްކަމުގައި ތިޔަބައިމީހުން ވާށެވެ! އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ! ފަހެ، އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އޭނާ، އޭނާގެ އަޚާއަށް ނަޞްރުވެރިވެ އަޅާނުލައި ދޫކޮށެއް ވެސް ނުލާނެއެވެ. އޭނާ، އޭނާގެ އަޚާ ނިކަމެއްޗެއް ވެސް ނުކުރާނެއެވެ. އެއް މުސްލިމެއްގެ ލެއާއި (އެބަހީ: ފުރާނައާއި) މުދަލާއި އަބުރު، އަނެއް މުސްލިމެއްގެ މައްޗަށް ޙަރާމްވެގެންވެއެވެ."[1]  

މުސްލިމް އަޚުންނޭވެ! ވިޔަފާރީގައި ތެދުވެރިވުމަކީ އަޅުކަމެކެވެ. މާތް الله އޭގެ ދަރުމަ ބޮޑުކުރައްވައިފައިވާ ކަމެކެވެ. ވިޔަފާރީގައި މަކަރުހެދުމަކީ މާތް الله ލަޢުނަތް ލައްވައިފައިވާ އެކަމުގެ ޢަޛާބު ބޮޑު ކަމެކެވެ. ވިޔަފާރި މުދަލުން ޒަކާތްދިނުމަކީ މުދަލުގައި ބަރަކާތްލައްވާ ކަމެކެވެ. ނަމަވެސް، މި ކަންކަން ހަނދުމަނައްތާލައި، ވިޔަފާރީގައި މަކަރާއި ޙީލަތްހަދައި، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ބޭނުންކޮށް، ޒަކާތް ނުދައްކައި، މުދާ ޚަޒާނާކޮށް، މުންކަރާތްތަކާއި، ބޭކާރުގޮތުގައި މުދާ އިސްރާފުކުރުމުން ނިކުންނަ ނަތީޖާއަކީ، އޭގައި މާތް الله ބަރަކާތްނުލެއްވުމެވެ. ނަމަވެސް މާތް الله ރުހިވޮޑިގެންވާ މަގުން މުދާ ހޭދަކޮށް، އެއާ މެދު އަމާނާތްތެރިވުމުން މާތް الله އޭގައި ބަރަކާތްލައްވައި، އިންސާނާގެ ދަރިފަސްކޮޅަށް އެ މުދާ ވާރުތަކުރައްވައެވެ. މި ކަންކަމަކީ ކީރިތި ޤުރްއާނުން އެނގޭން އޮތް ކަންކަމެވެ. ވީމާ މިކަންކަމާ މެދު ފިކުރުހިންގައި ޢަމަލުތައް ސީދާކުރާށެވެ!

މިއަދު އޮންލައިން