ޚުޠުބާ: ނަމާދުއަޅާފައި ކުޅިވަރުކުޅުމަށާ މަސައްކަތް ކުރަން ނުތިބެމާ ހިނގާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
ޚުޠުބާ: ނަމާދުއަޅާފައި ކުޅިވަރުކުޅުމަށާ މަސައްކަތް ކުރަން ނުތިބެމާ ހިނގާށެވެ!

މުސްލިމް އަޚުންނޭވެ! އަހަރެމެންގެ މުޖުތަމަޢު ގޯސްވުމުން، އެ ވާހަކަ ދައްކަނީ ހަމަ އަހަރެމެންގެ ދޫތަކުންނެވެ. ނަމަވެސް އެ ކަންކަން ޙައްލުކުރުމަށް އިޚުލާޞްތެރިކަމާއެކީ މަސައްކަތްކުރަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންހެއްޔެވެ؟  ނަމާދު ވަގުތުތައް ފާއިތުވެދާ އިރު، ނަމާދު އަޅައިފައި ކުޅިވަރުކުޅުމަށް ޒުވާނުންނާއި ކިޔަވާކުދީންނާއި އަހަރެމެންގެ ޅަދަރީން މައިދާނަށް ދޫކޮށްފައިވަނީ އަހަރެމެން އަމިއްލައަށެވެ. ނަމާދު އަޅައިފައި ދުންޔަވީކަންކަމުގައި މަޝްޣޫލުވެ ތިބެނީ ވެސް އަހަރެމެން އަމިއްލައަށެވެ. ޙަރާމްގޮތުގައި ފައިސާ ހޯދައި، އެއިން ދިރިއުޅުން ބިނާކުރާ މީހުން އަހަރެމެންގެ މުޖުތަމަޢުގައި އުޅެއެވެ. އެ ފައިސާއަކީ ޙަރާމް އެއްޗެއްކަމާއި، އެ ކައިގެން، ނުވަތަ އެއިން އަނބިދަރީންނަށް ޚަރަދުކުރުމުން ނުކުންނަ ނޭދެވޭ ނަތީޖާއަކާ މެދު އަހަރެމެންވަނީ ޣާފިލުވެފައެވެ.  

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ގޮތުން ޙަރާމް އެއްޗެއް ކައިގެން، ނުވަތަ ޙަރާމް އެއްޗަކުން ލިބޭ އެއްޗެއް ކައިގެން، ހެދިބޮޑުވާ ހަށިގަނޑަކީ، ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެކެވެ. މި ކަމަކީ އެހައިމެ ބިރުހުރި ކަމެކެވެ. ބަންގީގެ އަޑު އިވުނަސް، މާއްދިއްޔަތަށް ޓަކައި ފިހާރަތަކާއި، ހޮޓާތައް ހުޅުވައިގެން ޚިދުމަތްދޭން ތިބެނީ ވެސް ހަމަ އަހަރެމެންނެވެ. މުޖުތަމަޢުގެ އިސްލާމީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ފޭރާން އަޅައިގެން އުޅުމާއި، ރަށުތެރޭގައި ނިވާކަން  ކުޑަ  ފޮޓޯތަކާއި  އިޝްތިހާރުތަކާއި ޞޫރަތައް ހަރުކުރަނީ ވެސް ހަމަ އަހަރެމެންނެވެ. މި ކަންކަމަކީ އަހަރެމެންނަށް ޙައްލުކުރެވޭން ހުރި ކަންކަމެވެ. މިއިން ކަމެއްގެ ވާހަކަދައްކައި، އެ ކަމެއް ހުއްޓުވާންއުޅޭ މީހާ ވަނީ، އެހެން މީހުންގެ މިނިވަންކަމަށް  އަރައިގަންނަ  މީހެއްކަމުގައެވެ.  އިންޞާފަކީ ފަހެ މިއީހެއްޔެވެ؟  

މުސްލިމް އަޚުންނޭވެ! އިޖުތިމާޢީ ގޮތުންނާއި، އަޚުލާޤީ ގޮތުން މުޖުތަމަޢުތައް ފަސާދަވަނީ މާތް الله ދެއްވި މަތިވެރި ނިޢުމަތްތައް ހަނދާންނައްތައިލުމުންނެވެ. ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތް اللهއަށް އުރެދި ޣާފިލުވުމުންނެވެ. ޝައްކެއްނެތް ގޮތުގައި އެ ބިމެއްގައި މާތް الله ނުރުއްސަވާކަންތައް ގިނަވެ، މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމު ވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެއެވެ. ވީމާ، މިފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ މުޖުތަމަޢެއްގެ އެންމެހައި ފަރުދުންނާއި، ޖަމާޢަތްތަކުގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެކެވެ. މާތް الله އަހަރެމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ! އާމީން!

މުސްލިމް އަޚުންނޭވެ! މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އީމާންކަމުގެތެރެއިންވާ ކަމެކެވެ. އިންސާނާ އޭނާގެ އަޚާއަށް އެހީތެރިވެދިނުމުގައި ވާހައި ހިނދަކު، މާތް الله އޭނާއަށް އެހީތެރިވެވޮޑިގެންވާނެ ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ޙަދީޘްކުރައްވައިފައެވެ.

ތަނަވަސްކަމުގެ އަހުލުވެރީންނޭވެ! އަހަރެމެންގެ ތެރެއިން ކުޑަކުދީންތަކެއް އެކަނިވެރިކަމާއި، މާޔޫސްކަން ތަޙައްމަލުކުރަމުންދެއެވެ. އޭގެތެރެއިން އެއްބަޔަކީ، ކުޑަކުދީންގެ ހިޔާތަކުގައި ދިރިއުޅެމުންދާ ކުދީންނެވެ. އެ ކުދީންގެ ޙާލަތު އެނގޭނީ އެ ކުދީންގެ ގާތަށް ޒިޔާރަތްކުރުމުންނެވެ. ތުއްތު ތުއްތު ކުދީންނެވެ. ޔަތީމު ކުދީންނެވެ. ނުވަތަ ކޮންމެވެސް ސަބަބަކާހުރެ، މަންމައާއި ބައްޕަގެ އެހީތެރިކަން ލިބިފައިނުވާ ކުދީންނެވެ. އެ މަރުކަޒުގައި ދެ އަހަރުން ދަށުގެ ކުދީންވެސް ވެއެވެ. އެ ތަނަށް ޒިޔާރަތްކޮށްފި މީހަކު، އެ ކުދީންގެ ޙާލަތު ފެނުމުން، ހިތަށް އަސަރުނުކޮށެއް ނުދާނެއެވެ. ވީމާ، އެ ކުދީންނަށް އުފާވެރިކަން ހޯދައިދޭށެވެ! އެ ކުދީންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދޭށެވެ! އެ ފަދަ ކުދީންނަށް ޚިދުމަތެއްކޮށްދިނުމަކީ ވަރަށް މަތިވެރި ސަވާބާއި ދަރުމަހުރި ކަމެކެވެ. ސުވަރުގޭގެ ނިޢުމަތްހުރި ކަމެކެވެ.     

މުސްލިމް އަޚުންނޭވެ! މި މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ އަނެއް ބަޔަކީ ލޭ އަޅާ ކުދީންނެވެ! އެ ކުދީންނަށް ތިޔަބައިމީހުންގެ އެހީތެރިކަމާއި އޯގާތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ. އެ ކުދީން ދުނިޔޭގައި އުޅުމަށް ޓަކައި ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރާންޖެހެއެވެ. އަހަރެމެންގެ އެހީތެރިކަމާއި އަޅައިލުން އެ ކުދީންނަށް ލިބިއްޖެ ނަމަ، އެއީ އެ ކުދީންނާއި އެ ކުދީންގެ ބެލެނިވެރީންނަށް ލިބޭ ވަރަށްބޮޑު ހިތްވަރަކަށް ވާނެއެވެ.  މިއީ، އިންސާނިއްޔަތަށް ޓަކައި ކުރެވޭ ވަރަށް މަތިވެރި ޚިދުމަތެކެވެ. އަޅުކަމެކެވެ. މި ކަން ހަނދާނުގައި ބެހެއްޓެވުމަށް ގޮވައިލަމެވެ.

 

މިއަދު އޮންލައިން