މުސާރަ ޑޮލަރުން ދިން ނަމަވެސް ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރާނީ ދިވެހި ރުފިޔާއިން: ޕެންޝަން އޮފީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
މުސާރަ ޑޮލަރުން ދިން ނަމަވެސް ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރާނީ ދިވެހި ރުފިޔާއިން: ޕެންޝަން އޮފީސް

ވަޒީފާ އަދާކުރާ ފަރާތްތަކަށް މުސާރައިގެ ގޮތުގައި ބޭރު ފައިސާ ނުވަތަ ޑޮލަރު ދިން ނަމަވެސް، ޕެންޝަން ކޮންޓްރިބިއުޝަން ފައިސާ ޖަމާކުރާނީ ދިވެހި ރުފިޔާއިން ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކުރައްވައިފިއެވެ. ޕެންޝަން އޮފީހުން މިކަން ސާފުކޮށްދެއްވާފައި މިވަނީ، ބައެއް ފަރާތްތަކުން ޕެންޝަން ފައިސާ ދައްކަނީ ޑޮލަރުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

ޕެންޝަން އޮފީހުން ފާހަގަކުރެއްވި ގޮތުގައި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ އަބަދުވެސް ދިވެހި ރުފިޔާއިން ހިންގަމުން އަންނަ ސްކީމެކެވެ. ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ ފަރާތެއްވެސް މި ސްކީމުގައި ބައިވެރިކޮށް، ކަނޑައެޅިފައިވާ ފައިސާ ޖަމާކުރުން ލާޒިމުވެއެވެ. މިގޮތުން ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، މުވައްޒަފުގެ އަސާސީ މުސާރައިގެ މަދުވެގެން 7 އިންސައްތަ ވަޒީފާ އަދާކުރާ ފަރާތުން އަދި މަދުވެގެން 7 އިންސައްތަ ވަޒީފާ ދޭ ފަރާތުން ކޮންމެ މަހަކުވެސް ސްކީމަށް ޖަމާކުރަން ޖެހެއެވެ.

މީގެއިތުރުން ޕެންޝަން އޮފީހުން ވިދާޅުވީ، ވަޒީފާ އަދާކުރާ ފަރާތަކަށް ބޭރު ފައިސާއިން މުސާރަ ލިބޭނަމަ ޕެންޝަނަށް ޖަމާކުރާ ފައިސާގެ އަދަދު ހިސާބުކުރާނީ އެ ލިބޭ އަސާސީ މުސާރަ ދިވެހި ރުފިޔާއަށް ބަދަލުކުރުމަށް ފަހުގައި ކަމަށެވެ. އަދި ޕެންޝަން ފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާ އާއި، ރިޓަޔަރވުމުން ޕެންޝަންގެ ގޮތުގައި ދޫކުރާ ފައިސާ ރެކޯޑުކުރުމާއި ދޫކުރުމުގެ ހުރިހާ މުޢާމަލާތެއްވެސް ކުރިއަށްދާނީ ދިވެހި ރުފިޔާއިން ކަމަށް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޕެންޝަން އޮފީހުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ މިހާރު ފެންމަތިވެފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޭރު ފައިސާއާ ގުޅޭ އައު ގަވާއިދުތަކާއި އުސޫލުތަކާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ. އަދި މިއީ އެ އުސޫލުތަކުގެ ސަބަބުން އަލަށް ގެނެސްފައިވާ ބަދަލެއް ނޫން ކަމަށްވެސް އެ އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިއަދު އޮންލައިން