ފަތުރުވެރިކަމުގެ ސިނާޢަތުން ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު 6 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޕޯޓަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން، ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ބޭންކުތަކުން އެމްއެމްއޭއަށް ވިއްކި ފައިސާގެ ގޮތުގައި ގާތްގަނޑަކަށް 318.8 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ.
މީގެއިތުރުން، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒަރވްގައި ހުރީ 686.8 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17 އިންސައްތައިގެ ދަށްވުމެކެވެ. ރަސްމީ ރިޒަރވް ދަށްވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އޭޕްރީލް މަހު ސަރުކާރުގެ ސުކޫކް އަނބުރާ ދެއްކުމަށް ރިޒަރވުން ފައިސާ ބޭނުންކުރުމެވެ.
ހަމައެއާއެކު، 2026 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ބޭރުގެ ދަރަނި ދެއްކުމަށް ޖުމްލަ 608.6 މިލިޔަން ޑޮލަރު ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި އިންޑިއާއިން ނަގާފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްކޮށް ދައްކައި ޚަލާޞްކުރުން ހިމެނޭ ކަމަށްވެސް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.