ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް: އެމްއެމްއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 24ސ
ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް: އެމްއެމްއޭ

ރާއްޖޭގެ ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން ޖެހޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށާއި، ބޭރުފައިސާއިން މުސާރަ ދިނުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

ރާއްޖޭގެ އެތެރޭގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ 40 އިންސައްތަ މިހާރުވެސް ހިންގަނީ ބޭރުފައިސާއިންނެވެ. އެހެންކަމުން އެތެރޭގެ އިޤްތިޞާދުގައި ދިވެހި ރުފިޔާގެ ދައުރު ބޮޑުކުރުމަކީ ސިޔާސަތެއް ކަމުގައި ވިޔަސް، އެކަން ތަންފީޒުކުރާނީ އިޤްތިޞާދީ ދިރާސާތަކާއި މެކްރޯ އިސްލާހުތަކަށް ފަހު 2030 ވަނަ އަހަރާ ހަމައަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ. ގަވަރުނަރު އަޙްމަދު މުނައްވަރު ވެސް ވަނީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން އެތެރޭގެ ބާޒާރުގައި ޤައުމީ ފައިސާ ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ މުވައްޒަފުންތަކެއްގެ ކަންބޮޑުވުން އަމާޒުވެފައިވާ މި މައްސަލައާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޤާނޫނަށް އަލަށް ގެނައި ބަދަލުތަކުގައި ވެސް އަދި ކުރިން އޮތް ގޮތުގައި ވެސް މުވައްޒަފުންގެ މުސާރަ ދިވެހި ރުފިޔާއަށް ބަދަލުކުރަން ލާޒިމްކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ދުނިޔޭގެ ހަނގުރާމަތަކާ ގުޅިގެން ތެލުގެ އަގު ތިންގުނަ އުފުލި، އިމްޕޯޓް ޚަރަދުތަކާއި ދަރަނި ދެއްކުމުގެ ސަބަބުން ރާއްޖޭގެ ރިޒާވަށް ވަނީ ބުރަބޮޑުވެފައެވެ. މީގެއިތުރުން އިޤްތިޞާދުގައި ރުފިޔާ ދައުރުވާ މިންވަރު އިތުރުވެ، ޤަވާއިދާ ޚިލާފަށް ބޭރުފައިސާގެ ވިޔަފާރިކުރާ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި އެމްއެމްއޭއިން މިހާރު ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމާއި އިޝްތިހާރުކުރުމަކީ ބޮޑެތި ޖޫރިމަނާތަކެއް އަންނާނެ ޤާނޫނީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި ޤަވާއިދާ ޚިލާފުވި ބައެއް މަނީ އެކްސްޗޭންޖަރުންގެ ވިޔަފާރި ބަންދުކޮށް، ބޭންކުތަކަށް ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ މަޢުލޫމާތު ހާމަކުރުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

ހަމައެއާއެކު ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެމްއެމްއޭ އިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު، އަހުމަދު މުނައްވަރު ވަނީ އެކަން ހާމަކުރައްވައިފައެވެ. ގަވަރުނަރު ވިދާޅުވި ގޮތުގައި އެހެން ގައުމުތަކަށް ބަލާއިރު ވެސް އެ ގައުމެއްގެ އެތެރޭގެ ބާޒާރުގައި ބޭނުންކުރާނީ އެ ގައުމެއްގެ ފައިސާއެވެ.

އެމްއެމްއޭ އިން 2030 ވަނަ އަހަރާ ހަމައަށް ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، އިގްތިސާދުގައި އެމެރިކާ ޑޮލަރު ބޭނުންކުރާ މިންވަރު މަދުކުރުމަށް ދުރުރާސްތާގެ ތަސައްވުރެއް އެކުލަވާލާފައި އޮތް ކަން ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ މިމަހުގެ 24 ވަނަ ދުވަހު ހާމަކުރައްވާފައެވެ.

 

މިއަދު އޮންލައިން