ޑޮލަރުގެ އަގުއުފުލުނީ މިސަރުކަރުގެ ސިޔާސަތުތަކުގެ ސަބަބުންކަމަށްބުނެއާއި ޑޮލަރުގެ އަގުދަށްކުރަން އެނގޭކަމަށާއި އަގުދަށްކުރާނެ ކަމަށް އެމްޑީޕީން ފަތުރާ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއްނަމަ އެމްޑީޕީގެ ދެ ދައުރުގައިވެސް ޑޮލަރުގެ އަގު އިތުރަށް އުފުލިގެން ދިއައީ ކީއްވެގެން ހެއްޔެވެ؟
އެމްޑީޕީން ވެރިކަމާއި ޙަވާލުވިއިރު ޑިލަރެއްގެ ރަސްމީ އަގަކީ 12.42 އެވެ. ކަޅުބާޒާރުގައި 13 އެވެ. ފުރަތަމަ ދައުރު ނިމުނީ 16 ރުފިޔާއަށް މަތިވެފައިވަނިކޮށެވެ. ދެވަނަ ދައުރު ނިމުނީ 19 ރުފިޔާއަށް ބޮޑުވެފައި ހުއްޓައެވެ. 6 ރުފިޔާ ބޮޑުވީއެވެ. އަގުހެޔޮކުރާ ސިޔާސަތުން އަގުބޮޑުވާނަމަ އެސިޔާސަތަށް ކިޔަންޖެހޭނީ އަގުބޮޑުވާ ސިޔާސަތު ނޫންތޯއެވެ؟ ވެރިކަމުގައި ތިބޭއިރު އަގުވަނީ ބޮޑެވެ. ދަށެއް ނޫނެވެ.
މިސަރުކާރުގައި އިތުރަށް އަގުބޮޑުވާންޖެހުނު ސަބަބަކީވެސް އެމްޑީޕީން ގެންގުޅެފައިވާ ދޯދިޔާސަތުތަކެވެ. ޤާނޫނުއަސާސީގެ ބާރުކަނޑުވާލައި އެމްއެމްއޭގައި ހުރި ފައިސާތައް ނަގައި ބަހައި ހުސްކުރިކަމެވެ. މިޙަޤީޤަތް އޮޅުވާލަން ފަތުރާ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތްކަމާއި އެއީ ތަޅާ ހުސްއަނގަތަކެއްކަން އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ.
ދައްކާ ވާހަކަތަކުގައި ބުރަދަނެއް ހުރިކަމަށްވާނީ ތިމާމެންނަށް ނަތީޖާ ނެރެވުނު ނަމައެވެ. ތިމާމެންގެ ވެރިކަމުގައި ބޮޑުތަނުން ފޭލްވީމާ އެކަން ފޮރުވަން ޑޮލަރު ޑޮލަރު ކިޔުމަކުން ޤައުމުގެ އިޤްޠިޞޯދަށް ކުރާނެ ފައިދާއެއް ނެތެވެ.
ވިޔަފާރިވެރިޔާ ފިރާޤް ވިދާޅުވިފަދައިން ޑޮލަރު ލިބުމަކަށް އެއްވެސް ދަތިކަމެއް ނެތެވެ. މައްސަލައަކަށްވަނީ ޑޮލަރުހުރި މީހުން ޑޮލަރު ބޮޑުއަގުގައި ވިއްކާކަމެވެ. ވީމާ މައްސަލައަށް ޙައްލެއް ހޯދޭނީ ކަޅުބާޒާރު ބަނަދުކުރެވިގެންނެވެ.
އެންމެ ގިނަ ޢަދަދަކަށް ބޭރުފައިސާ ލިބެނީ ރިޒޯޓުތަކަށެވެ. ލިބޭ ފައިސާ ބޮޑުއަގުގައި މާރުކޮށްގެން ދިވެހި ރުފިޔާއިން ހުރިހާ ބޭނުންތަކެއް ފުއްދޭނެ ގޮތަށް ހުރި ޤަވާޢިދުތައް ބަދަލުކުރަން އެބަޖެހެއެވެ. ޑޮލަރު ލިބޭ ފަރާތްތަކުން ބޮޑު އަގުގައި މާރުކުރުން ހުއްޓުވިގެން ނޫނީ ޑޮލަރުގެ މައްސަލަ ޙައްލެއް ނުކުރެވޭނެއެވެ.
އެމައްސަލަ ޙައްލުކުރަން މިހާރުގެ ސަރުކާރުން ގެންދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. ނަތީޖާވެސް ދާދިއަވަހަށް ފެންނަންފަށާނެކަން މިހާރުވެސް އަންނަނީ އެނގެމުންނެވެ.