ޒިންމާދާރު އަދި ޤާބިލު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 56ސ
ޒިންމާދާރު އަދި ޤާބިލު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަނީ

ރާއްޖޭގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި ޒިންމާދާރު، ހުނަރުވެރި އަދި ދީނީ ކަންކަމަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމުގައި ކަނޑައަޅައި، އެކަން ހާސިލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ފަށައިފިއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ކަމަށްވާ ގާތްގަނޑަކަށް 45 އިންސައްތަ ޒުވާނުން ހިއްސާކުރާއިރު، ޤައުމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި މުހިންމު ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ޚިޔާލާއި ބައިވެރިވުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ޚާއްސަ އިސްކަމެއް ދެއްވަމުންނެވެ. މިގޮތުން "ޔޫތު ކޮންފަރެންސް" އާއި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ޒުވާނުންގެ ޕާލިމެންޓެއް އުފެއްދެވުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

“އެހެންވީމާ، ވަށާޖެހޭ ގޮތެއްގައި، ޒުވާނުންނަށް އެކިކަހަލަ ފަހި ފުރުސަތުތައް ޤާއިމުކޮށްދީ، މަގު ކޮށައިދިނުމާއި، ހަމައެއާއެކީގައި، ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މިހެންގޮސް، ވަށާޖެހޭ ސިޔާސަތެއް ތަންފީޒު މި ކުރަނީ.”  ރައީސް ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެވިފައިވަނީ ތައުލީމާއި ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށެވެ. އެގޮތުން އެޕްރެންޓިސްޝިޕް އަދި ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމްތަކުގެ ޒަރީއާއިން އެތައް ސަތޭކަ ޒުވާނުންނަކަށް އެކި ދާއިރާތަކުން ފަންނީ ތަމްރީނު ވަނީ ފޯރުކޮށްދީފައެވެ. މީގެއިތުރުން، އިސްލާމީ ރިވެތި އުސޫލުތަކަށް ލޯބިކުރާ ޖީލެއް ބިނާކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ "ޒުވާން ޚަތީބުން" ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ 1000 ޚަތީބުން ތަމްރީނުކުރުން ކަމަށްވާއިރު، މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ވަނީ މި ސަނަދު ހާސިލުކޮށްފައެވެ.

އިޤްތިސާދީ ގޮތުން ޒުވާނުން ފައިމައްޗަށް ތެދުވުމަށް ބާރުއެޅުމުގެ ގޮތުން، ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނަށް މާލީ އެހީތެރިކަމާއި، މެންޓަރޝިޕް އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ އެހީތެރިކަން ދިނުމަށް "ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" އިނީޝިއޭޓިވްގެ ދަށުން އެސްއެމްއީ ޑިޖިޓަލް އަދި ބީސީސީ ގުޅިގެން މުހިންމު މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ހަމައެއާއެކު، ހަށިހެޔޮ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުޅިވަރުގެ ވަސީލަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމާއި، އަތޮޅުތަކުގައި ޔޫތު ހަބްތައް ޤާއިމުކުރުމުގެ އަމަލީ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

"ޒުވާނުންނަކީ، ޤައުމުގެ އިޤްތިޞާދު ބިނާކުރުމުގައި، ސަރުކާރުގެ އެންމެ މުހިންމު އެއް ފަރާތް. ދެން، މިގޮތުން ބަލާއިރުގައި، ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި، އެކިކަހަލަ ޕްރޮގްރާމްތަކާއި، އެކިކަހަލަ މަޝްރޫއުުތައް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން." ރައީސް ވިދާޅުވިއެވެ.

ޤައުމިއްޔަތާއި ވަޠަނީ ލޯބި އަށަގެންނެވުމަށްޓަކައި ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފެއްޓެވި "ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީން ޕްރޮގްރާމް" އަކީ ޒިންމާދާރު، ގޮންޖެހުންތަކާ ކުރިމަތިލާން ކެރޭ ހަރުދަނާ ޒުވާނުންތަކެއް ބިނާކުރުމަށް އެޅުނު ވަރުގަދަ ބިންގަލެކެވެ. ސަރުކާރުން ޔަޤީންކަން ދެނީ، މި ސިޔާސަތުތަކުގެ ސަބަބުން ދިވެހި ޒުވާނުންނަކީ ޤައުމުގެ އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީގެ އެންމެ މުހިންމު ބައިވެރިންނަށް ވެގެންދާނެ ކަމެވެ.

 

މިއަދު އޮންލައިން