އެއްވެސް ފާފައަކީ ކުރަން ފަށައިފިނަމަ ދެވިހިފާކަމެކެވެ. އެގޮތުން ދޮގުހެދުމަކީވެސް ދެވިހިފާ ކަމެކެވެ. ގިނަ މީހުން ފުތަމަ ދޮގުހަދާނީ އާދައިގެ ކަންކަމުގައެވެ. އެއީ މާބޮޑުކަމެއް ނޫންކަމަށް ދެކެގެންނެވެ. ނަމަވެސް ދޮގުހަދަން ފެށުމުން އިސާހިތަކު ބިރުކެނޑި ބޮޑެތި ދޮގުތައްވެސް ހަދަން ފެށެއެވެ. ޙަރާމްކުރައްވަވާފައި އޮތީ ވަކިވަރެއްގެ ދޮގުހެދުމެއް ނޫނެވެ. ދޮގުހެދުމެވެ.
ދޮގުހަދައި މީސްތަކުންނަށް ކަންކަން އޮޅުވައިލުމަކީ މަގުފުރެއްދުމުގެ ޢަމަލެކެވެ. އެއީ އުންމަތުންވެސް ބޭރުވާފަދަ ކަމެކެވެ. އެކުރެވެނީ ނަރަކައަށް ވަންނަންޖެހިދާނެ ބޮޑު ފާފައެކެވެ.
މީސްތަކުންނޭވެ! ކައިވެނިތައް ރޫޅުމުން ފެށިގެން މުޅި ދިރިއުޅުން ހަލާކުވަމުންމިދާ އެންމެ ބޮޑު އެއް ސަބަބަކީ ދޮގުހެދުން ޢާންމުވުމެވެ. ދޮގު ހެދުމުގެ ނުބައި އާދަ އުންމަތުގައި އަށަގެންފައި މިވަނީ ވަކިވަރަކަށް ނޫނެވެ. އެކަން ޢާންމުވެފައިވާވަރުން އެއީ ފާފައެއް ކަމަށް ޤަބޫލުކުރެވޭ މީހުންވެސް ވަރަށް މަދުވެއްޖެ ކަމަށް ބުނެވިދާނެއެވެ.
ޢާންމުކޮށް ދޮގުނުހަދާ ބައެއް މީހުންވެސް މީހުން ހެއްވާލަން ނުވަތަ މަޖަލަކަށް އެބަ ދޮގުހަދައެވެ. އެއީ ކިހައިވަރެއްގެ ކަމެއްކަމާއިމެދު ވިސްނާނުލައިތިބެއެވެ.
"މީހުން ހެއްވާލުމުގެ ބޭނުމުގައި ނަމަވެސް ދޮގުބުނާ މީހުންނަށް ހަލާކު ހުރި" (މާނައީ އެއީ ލަޢްނަތް ލެއްވެވި ކަމެއް) ކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. (އަބީ ދާވޫދު 4990)
Prophet Muhammad (ﷺ) said:
“Woe to the one who tells lies to make people laugh, woe to him.”
Sunan Abi Dawud 4990 Book 43, Hadith 218
ސަމާސައަށް ވެސް، އަދި ބައަކު ހެއްވާލަން ނަމަވެސް ދޮގު ނުހަދާށެވެ! އެމީހާއަކީ ﷲ ތަޢާލާގެ ރަހްމަތުން ބޭރުވެ ބޮޑެތި މުޞީބާތްތަކެއް ކުރިމަތިވެދާނެ މީހެއްކަން މި ޙަދީޘްފުޅުން މިއޮތީ އެނގޭށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން