ބައިވެރިޔާގެ ޢަމަލުތައް ހުންނަގޮތުން ޝައްކެއް ކުރެވިއްޖެނަމަ އެކަމުގެ ޙަޤީޤަތް ދެނެގަންނަން ކުރަންޖެހޭ ކަމެއް ނުކުރާކަށް ނުބުނާނަމެވެ. ނަމަވެސް އެފަދަ ތުހުމަތެއް ނެތި ބައިވެރިޔާއަށް ސިއްރުން އޭނާގެ ފޯނު ނުބަލާށެވެ! އެކަންވާނީ ޖާސޫސްކުރުމަކަށެވެ.
ހަމައެއާއިއެކު ސަބަބެއް އޮވެގެން ފޯނުބަލަންވެގެން ބައިވެރިޔާ އެދިއްޖެނަމަ ފޯނުދޭންވާނެއެވެ. އެކަމުން ކުރާ ފައިދާ ބޮޑުވާނެތީއެވެ. އަނެކާގެ ހިތުގައި އުފެދިފައިވާ ޝައްކުތައް ފިލުވައިލެވޭނެތީއެވެ. ފޯނުދިނުމަށް ދެކޮޅުހަދައިފިނަމަ ޝައްކުތައް އިތުރުވެ ބޮޑުވާނެތީއެވެ.
އަހުރެންގެ ނަޞީހަތަކީ ބައިވެރިޔާއަށް ފޯނު ސިއްރުނުކުރުމެވެ. ފޯނުތަޅުލަންވީ ބައިވެރިޔާޢަކަށް ނޫނެވެ. އެހެން އެންމެންނަށެވެ. ބައިވެރިޔާ ނޫން މީހަކަށް ތިމާގެ ހުރިހާ ކަންކަން އެނގުމެއް ނެތެވެ.
މިހުރިހާ ކަމެއްވެސް ގޮސް މިގުޅެނީ އެންމެ ކަމަކާއިއެވެ. އެއީ އިޚްލާޞްތެރިކަމެވެ. ވަފާތެރިވެވޭނީ އިޚްލާޞްތެރިވެގެންނެވެ. ދެމަފިރިންވެސް އިޚްލާޞްތެރިވާށެވެ! އެއިރުން އެބާވަތުގެ ޝައްކުތައް އުފެދުމުގެ ފުރުޞަތު ކުޑަވާނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން