ޢިބްރަތްތެރި ވާހަކަ: މަންމަ މަރުވެއްޖެކަމަށް ޑޮކްޓަރު ބުނީމާ ވަޅުވެސް ނުލައި ގޭގަ އުފާކޮށް ޕާޓީ ބޭއްވި ދަރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 7ސ
ޢިބްރަތްތެރި ވާހަކަ: މަންމަ މަރުވެއްޖެކަމަށް ޑޮކްޓަރު ބުނީމާ ވަޅުވެސް ނުލައި ގޭގަ އުފާކޮށް ޕާޓީ ބޭއްވި ދަރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

ރަނގަޅު ވިސްނުމަކުން ބަލައިފިނަމަ މައިންބަފައިން ދުނިޔެއިން ނެތިކޮށްލުމަށް އެއްވެސް ކަމެއް ކުރުމަކީ ކުރަން ވަރަށް ލަދުވެތިކަން ބޮޑު ކަންކަމެވެ. މުސްލިމުން ވަރަށް ބޮޑަށް ބިރުވެތިވާންޖެހޭނެ ކަމެކެވެ. ތިމާގެ އާޚިރަތް ގެއްލި ނަރަކައަށް ވަންނަން ޖެހުން ގާތް ކަމަކަށްވާތީއެވެ. ހިތާމައަކީ އެހެންކަމާއިއެކުވެސް މިފަދަ ކަންކަން ހިނގާ ކަމެވެ.  

މައިންބަފައިންގެ އިތުރުން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ލިބިދާނެ ކިތަންމެ ކުޑަކަމެއްވެސް ނުކުރާށެވެ! އެންމެ މީހެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރުމަކީވެސް މުޅި އުންމަތުގެ އެންމެންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރުން ފަދަ ކަމެއް ކަމަށް އޮތްކަން އެންމެ ހިނދުކޮޅަކަށްނަމަވެސް ހަނދާން ނައްތައިނުލާށެވެ!  

އެއިގެ އިތުރުން ޔަޤީންކުރަންވީ ޔިމާގެ ޢާޚިރަތް ގެއްލިދާނެ އެއްވެސް ކަމެއް ކުރަން ބުނެފިނަމަ އެއީ ތިމާދެކެ އެއްވެސް ވަރަކަށް ލޯބިވާ މީހަކު ނޫންކަމާއި އެއީ ޝައިޠޯނެއް ކަމެވެ. އޮތީ އަވަހަށް ދުރުހެލިވުން ކަމެވެ.  

ތިޜީގައިވާ ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!  

މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން ފުލުހުން ހޮސްޕިޓަލަށް ގެންދިއަ އަންހެނެކެވެ. އޭނާއަކީ ކާކުކަން އަންގައިދޭނެ އެއްވެސް ލިޔުމެއްވެސް އޭނާގެ އަތަކު ނެތެވެ. އޭނާއަށްވަނީ ހާޓްއެޓޭކެއް ޖެހިފައެވެ. ހޭއެރީވެސް 3،4 ދުވަސްފަހުންނެވެ.  

ހޭއެރުމުން އޭނާގެ ޢާއިލާ އޮޅުންފިލުވަން ޑޮކްޓަރުން ސުވާލުކުރުމުން އޭނާބުނީ އޭނާގެ ދަރިއަކު ހުންނަކަމަށާއި އޭނާއާއިބެހޭ އެއްވެސް މައުލޫމާތެއް ދަރިފުޅަށް ނުދިނުމަށެވެ. ބިލްތައް އޭނާ އަމިއްލައަށް ދައްކާނެ ކަމަށެވެ.  

އޭނާ ދޫކޮށްލަން އޮތްދުވަހު ޑޮކްޓަރުން ގާތު އެދުނީ ދަރިފުޅަށް ގުޅާފައި އޭނާ މަރުވެއްޖެ ކަމަށް ބުނެދިނުމަށެވެ. "އަހަރެންނަށް ވަރަށް ބޮޑަށް ޤަބޫލުކުރެވޭ އަހަރެންނަށް މިކަން މިދިމާވީ ދަރިފުޅުގެ ސަބަބުންކަމަށް. އެހެންވެ އެކަމަށް މިއެދެނީ. ކަމުގެ ޙަޤީޤަތް އޮޅުންފިލުވަން ފަސޭހަވާނެތީ."  

ޑޮކްޓަރު އޭނާގެ ދަރިފުޅު ހޮސްޕިޓަލަށް ގެނުވާފައި މަންމަ މަރުވެއްޖެ ކަމަށް ބުންޏެވެ. ދަރިފުޅު ބުނީ ޖަނާޒާގެ ކަންކަން ހަމަޖައްސާފައި މާދަމާ ހަށިގަނޑު ބަލައި އަންނާނެ ކަމަށާއި ބަލައި އަންނަންދެން މޯޗަރީގައި ބާއްވާލަ ދިނުމަށެވެ.  

މަންމަ އެރޭ ގެއަށް ދިއައިރު ދަރިފުޅު އުޅެނީ އެކުވެރިން ގެނެސްގެން ޑިސްކޯ ޕާޓީއެއް ބާއްވައިގެންނެވެ. ދެޖިންސުގެ ޒުވާނުން އުފާކޮށް މަޖާކުރަމުން ގެންދަނީއެވެ.  

މަންމަފެނުމުން ދަރިފުޅު ދިއައީ ސިއްސައިގެންނެވެ. ބުނީ މަންމަ މަރުވެއްޖެކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ. މަންމަ ބުނީ އެއީ ހަމަ ތެދެއް ކަމަށެވެ. "އާނ! އެއީ ހަމަ ތެދެއް! ދަރިފުޅުގެ މަންމަ މަރުވެއްޖެ! މިއީ ވިހޭމީހާ! އަވަހަށް ޕާޓީ ހުއްޓާލާފައި މިގެއިންވެސް ނުކުމޭ. މަންމަ މަރުވިކަމުގެ އުފަލުގަދޯ މިރޭ ތިއަ ޕާޓީ ބޭއްވީ! ފުދިއްޖެ! ފުދި އިތުވެސްވެއްޖެ!" އެހެން ބުނެފައި އެތަނުގައި ތިބި އެންމެންނަށް އިންޒާރުދީ ވަގުތުން ގެއިން ނުކުންނަން އަންގައި ގެއިން ނެރުނެވެ. އެމީހުންނާއިއެކު ދަރިފުޅުވެސް ގެއިން ނެރެލީއެވެ.

އަނެއްދުވަހު އޭނާއަށް ޑޮކްޓަރު ދިނުމުން ކުރިން ކާން ގެންގުޅުނު ބޭސްތައް ހިފައިގެން ގޮސް ޑޮކްޓަރަށް ދެއްކިއެވެ. ޓެސްޓްކޮށްފައި ބުނީ އެބޭސްތަކަކީ ޑޮކްޓަރު ލިޔެދިފައިވާ ބޭސްތައް ނޫން ކަމަށާއި ހިތުގެ ބަލި އިތުރަށް ބޮޑުވާނެ ބޭސްތަކެއް ކަމަށެވެ.

މަންމަ ހިތަށް އެރިއެވެ. "ގެއާއި ތަނަވަސްކަން ބޭނުންވި ނަމަވެސް މިއީ ބޮޑުވަރުތާއެވެ. ފުރާނަ ސަލާމަތްވިކަން އެއީ ލެއްވެވި ބޮޑު ރަޙްމަތެކެވެ. އަދި އެކަނި ގެންގުޅެ ބޮޑުކުރުމުން ދަރިއަކު މިފަދަކަމެއް ކޮށްފާނެކަމަށް ކުރިން ހީވެސް ނުކުރެވުނުކަން އެއީ އަހަރެންގެ ހުރި އުނިކަންތާއެވެ!"  

އޭނާގެ ދަރިފުޅު އޭނާ އާއިމެދު މިފަދަ ގޮތަކަށް ކަންކަންކުރީ ހިލޭ ފިރިހެނުން ނުގެންގުޅުމަށާއި ކައިވެނިކޮށްގެން ހަރުދަނާ ދިރިއުޅުމެއް އުޅުމަށް ނަޞޭޙަތްދޭތީއެވެ. ބޭނުންހައި ވަރަކަށް ޚަރަދުކުރާނެ ފައިސާ އަތަށް ނުދޭތީ މަންމަ އަވަހަށް މަރުވުމުން މަންމަގެ ތަނަވަސްކަން އަވަހަށް އަމިއްލަ އަތަށް އަރާނެކަމަށް ބަލައިގެންނެވެ. ދަރިފުޅު ގުޅިގެން އުޅުނު ލޯބިވެރިޔާގެ ލޯބީގެ އަވާގައި ޖެހެވުނު ބޮޑުކަމުންނެވެ. ނަމަވެސް އެކަން އޭނާއަށް ލިބުނު ބޮޑު ދެރައަކަށް ބަދަލުވެގެންދިއައީއެވެ. 

މިއީ އަޅުގަނޑަށް ފެނުނު މޫވީ ކްލިޕެއްގައި ކަންކަން ހިނގައިދިއަ ގޮތެވެ. ހަމަ މިފަދަ ކަމެއް އަޅުގަނޑުގެ އަވަށްޓެރި އަންހެނަކަށްވެސް މެދުވެރިވިއެވެ. މަންމަ ނެތިކޮށްލަން އޭނާގެ ދެދަރިން ކުރަމުން ގެންދިއަ މަސައްކަތް ކާމިޔާބުނުކުރެވުނީ އޭނާއަކީ އަޅުގަނޑުގެ މަންމަގެ އެންމެ ގާތް އެކުވެރިޔާކަމަށްވުމުން އޭނާގެ ދެދަރިން ދީފާނެ ދެރައަކަށް އަޅުގަނޑުގެ މަންމަ ހޭލުންތެރިވީވަރުންނެވެ. އޭނާ ބަލިވާއިރަށް އޭނާގެ ދަރިންނަށް ނުޖައްސައި ހުރިހާ ކަންކަން މަންމަ ކޮށްދިނީތީއެވެ. އެވަރުންވެސް މަންމަ ނެތިކޮށްލަން ސިހުރު ހެއްދުވިކަންވެސް ފަޅާއެރިއެވެ.  

އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވާއިރު އަހަރެމެން ކޮންމެ މީހަކީވެސް މަރުވާނެ މީހެއްކަމާއި މަންމައަށް އެފަދަ ގޮތެއް ހެދުމުން ދެއްވަވާނެ ޢަޛާބަށް ވެސް ހަމަ ބިރުވެތިނުވެވެނީހެއްޔެވެ؟ ޝައިޠޯނުންގެ ކޮޅަށް ލެބެވިފައި ތިބޭވަރުން އެކަންކަން ހަމަ ހިތަށްވެސް ނާރަނީއެވެ.  

މިއީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތެރި ވާހަކައަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.

 

- ލައިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން