ނިކަމެތިންނަށް ކުނިމޫނު ދެއްކުމާ ޖަމާޢަތުގެ ނަމާދަށް ނުގޮސް އޮފީހުގެ ކޮޓަރީގަ ނަމާދުކުރުމަކީ މުސްލިމުންނަށް ހުއްދަ ކަންކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ނިކަމެތިންނަށް ކުނިމޫނު ދެއްކުމާ ޖަމާޢަތުގެ
ނަމާދަށް ނުގޮސް އޮފީހުގެ ކޮޓަރީގަ ނަމާދުކުރުމަކީ މުސްލިމުންނަށް ހުއްދަ
ކަންކަމެއް ނޫން!


ﷲ ތަޢާލާ އަންގަވާފައިވަނީ ހަމައެކަނި ނަމާދުކުރުމަކަށް ނޫނެވެ. ޝަރުޢީ ޢިޛުރެއް ނެތްނަމަ އޮތީ ޖަމާޢަތަށް ދިއުމެވެ. މިކަމުގެ ވާހަކަ ފަހުން ދައްކާނަމެވެ. އިހަށް އަޑުއަހާށެވެ!

ބައެއް މީހުންނަށް ތަނަވަސްކަން ލިބުމުން ނުވަތަ ނުފޫޒު ގަދަ މަޤާމެއް ލިބުމުން ކިބުރުވެރިވެ ބޮޑާވެއެވެ. އެމީހެއްގެ ސައިޒް ބިޔަ ފަރުބަދައެއް ފަދައިން ފެނެއެވެ. އެހިސާބުން މީސްތަކުންނަށް ޚާއްޞަކޮށް ނިކމެތިންނަށް ކުނި މޫނު ދައްކައެވެ. ނިކަމެތިންނާއި ބައްދަލުކުރަން ވެސް ބޭނުމެއް ނުވެއެވެ. ނިކަމެއްޗަކާއި ސަލާމްކުރި ނަމަވެސް ހީވާނީ ނަޖިހެއްގައި އަތްލަން އުޅޭހެންނެވެ. އެހައިވެސް ފަކުރު ގަނެއެވެ.

މިހިރަ ފެންނަނީ ހާދަހައިވާ ނުބައިކަންބޮޑުވެގެންވާ ސިފަތަކެވެ. މިފަދަ މީހުންނަށް އެއްވެސް މީހަކު ހިތްހެވެއް ނުކުރާނެއެވެ. މަޖުބޫރުވެގެން ނިކަމެތިން ހިނިތުންވި ނަމަވެސް އެއްވެސް މީހެއްގެ ހިތުގެ ލޯތްބެއް ނުލިބޭނެއެވެ. އެމީހަކަށް ލިބެމުންދާނީ މީސްތަކުންގެ ލަޢްނަތެވެ. އެކަމުގެ ސަބަބުން އެމީހަކަށް ދުނިޔޭގައިވެސް ގިނަފަހަރު އޮންނަނީ ނިކަމެތިކަމާއި ކުރިމަތިލާން ޖެހިފައެވެ.

ނިކަން ވިސްނައިލަބަލާށެވެ! ތިމާއަށް ތިމާގެ ސައިޒު މާބޮޑުކަމަށް ފެނުމުން ޖަމާއަތަށް ނަމާދަށް އަރަން ބޭނުން ނުވާ މީހުން އެބައުޅެއެވެ. އޮފީހުގެ ކޮޓަރީގައި މުސއްލައެއް އަޅައިގެން އެކަނި އެބަ ނަމާދުކުރެއެވެ! އެއީ ނަމާދުކުރަން ކާކު އޭނާއަށް ހުއްދަ ދިން ގޮތެއް ހެއްޔެވެ؟

 ހަމަ ޔަޤީނުންވެސް އެއީ ރަސޫލް (ﷺ) އާއި ޞަހާބީން ކަންކުރެއްވެވި ގޮތެއް ނޫނެވެ! ރަސޫލް (ﷺ) އާއި ޞަޙާބީންވެސް ނަމާދުކުރެއްވެވީ ޖަމާޢަތުގައެވެ. މިބުނި ފަދައިން ތިމާގެ ސައިޒު ބިޔަކަމަށް ތިމާއަށް ފެނިގެން އުޅޭ މީހުން އެބޭކަލުންނަށްވުރެވެސް މަތިވެރިކަން ބޮޑީހެއްޔެވެ؟ ޙަދީޘްފުޅުގައި އޮތީ މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ދިއުމަށެވެ.

މިހިރަ މިހިރަ ކަންކަމަކީ މުސްލިމުން މިއަދު ވިސްނައި ފިކުރުކުރަން ޖެހިފައިވާ ކަންކަމެވެ. އިޞްލާޙްކުރަން ޖެހިފައިވާ ނުބައި ސިފަތަކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން