މީހަކު ބޯ ކޮށަންވެގެން ތަނަކަށް ވަނެވެ. ވަންއިރު އެ ބޯކޮށާ މީހާ އޭނާގެ ކަންތައްތަކެއް ނުފުދި ހުރެގެން، އޭނާ އޭނާގެ ވެރި ރަސްކަލާންގެއާ މެދު ޝަކުވާ ކުރަނީ. ތިމަންނަ މިވެނި ކަމެއްވެސް ނުފުދެއޭ، އެވެނި ކަމެއްވެސް ނުފުދެއޭ، އެވެނި މީހަކުވެސް މިވެނި ހާލުގައޭ އުޅެނީ، މިވެނި ކަމެކޭ، އޭނަގެ ވަރަށް ބައިވަރު ޝަކުވާތައް. އެހެންވީމާ އެއްވެސް ކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާ، އޭނަގެ ވެރި ރަސްކަލާންގެ އޭނައަށް ކޮށްނުދެއްވާ ކަމުގެ ޝަކުވާ އޭނަ މި ކިޔަނީ.
ދެން ކޮންމެއަކަސް، މި ބޯ ކޮށަން އިން މީހާ އޭނަގެ މި ޝަކުވާތައް އަޑުއަހަން އެބައިން އެއްވެސް އެއްޗެއް ނުބުނެ. އިނދެފާ، ބޯ ކޮށާ ނިމުނީމާ އޭނަ ނުކުމެގެން ހިނގައްޖެ. ގޮއްސަ އިރުކޮޅަކުން ވަރަށް ބާރަށް އައިސް އެއްކަލަ ބޯ ކޮށާތަނަށް މީނަ ވަދެއްޖެ. ވަދެފަ ބުނީ، އޭ މިތާ އެބައުޅެއޭ ބޯ ކޮށަން ޖެހިފަ ތިބި ބައިވަރު މީހުން. ވަރަށް ބޯ ދިގު މީހުން އެބައުޅެއޭ މި ސަރަޙައްދުގަ. ތިމަންނައަށް ފެންނަ ގޮތުގަ ވަރަށް ގިނަ މީހުން ތިބީ ބޯ ކޮށަން ވެފައޭ. ކަލޭ ކީއްވެހޭ އެމީހުން ބޯ ކޮށާ ނުދެނީ؟ އެނާގެ ޖަވާބު ވަރަށް ސާފު، އޭނަ ބުނީ އެމީހުން ބޯ ކޮށާކަށް ނާދެއޭ ތިމަންނަ ގާތަކަށް. އައީމަތާއޭ ކޮށޭނީ!
އެހެން ނޫންތޯ ވާނި. ބޯ ދިގު މީހާ ބޯކޮށަން އައީމަ ނޫންތޯ ކޮށޭނީ؟ އެހެންވީމާ އޭނައަށް މި ކިޔައިދިނީ ކަލޭގެ ބައިވަރު ހާޖަތްތައް އެބަހުއްޓޭ ނުފުދި. ކަލޭ އެކަމަށް ދެންނެވީމަ ނޫންހޭ ﷲ ކޮށްދެއްވަވާނީ. އެހެން ނޫންތޯ ވާނީ. އަޅުގަނޑުމެން ކަމަކާ އެދިގެން ކަމަކަށް ޝައުޤުވެރިވެގެން ކަމެއް ބޭނުންވެގެން ތަކުރާރުކޮށް އަޅުގަނޑުމެން ﷲ ތަޢާލާގެ ހަޟްރަތުގައި އެދިގެން ދެންނެވީމަތާ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަން ކޮށްދެއްވާނީ. އަޅުގަނޑުމެން އަދި ކަމެއް ބޭނުންވެފައި ހިތަށް އަރައިގެން ހުއްޓަކަސް، މިވެނި ކަމެއް ނުވެއޭ ހިތައް އަރައިގެން ޝަކުވާގެ އުސޫލުން އަޅުގަނޑުމެންގެ ހިތަށް ލައިގެން އުޅުނަކަސް އެއީކީ އަދި ހަޤީގަތުގަ ދަންނަވާ ދެންނެވުމެއް ނޫން.
އެހެންވީމަ މި ދުނިޔޭގަ މި އަންނަ ފިތުނަތަކުގައި އިންސާނާ ސަލާމަތް ވާނީ ކީރިތި ޤުރުއާނުގަ އިންސާނާ ހިފަހައްޓައިގެން. އޭގެ ފަހުގައި އިންސާނާ އަބަދުވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ޚުޝޫޢަތްތެރިކަމާއި، މަޑުމޮޅިކަމާއި، ތަޤުވާވެރިކަމާއި، ދީންވެރިކަމާއި އެކު އެ އިލާޙުގެ ޙަޟްރަތުގައި ދަންނަވާ ހުރުން، އެއީ އިންސާނާ އަބަދު ﷲ އާ ކުއްތަން ކޮށްދޭނެ މަގު.
- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން