މިފްކޯއިން މަސް ގަންނަ އަގު ކިލޯއެއް 21 ރުފިޔާއަށް ބޮޑުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މިފްކޯއިން މަސް ގަންނަ އަގު ކިލޯއެއް 21 ރުފިޔާއަށް ބޮޑުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދުން ފެށިގެން މަސް ގަންނަ އަގު ކިލޯއެއް 21 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އަދި މި ދުވަސްވަރު މަސްވެރިންގެ އަތުން މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާނެ ކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.

މި އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުން އައީ 20.00 ރުފިޔާގެ ރޭޓުންނެވެ. ނަމަވެސް މިއަދު ގެނައި މި ބަދަލާއެކު މަސް ކިލޯއެއްގެ އަގަށް މިވަނީ އިތުރު 1.00 ރުފިޔާ އިތުރުވެފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް ދުވަސްވަރެއް ކަމަށްވުމާއެކު، މަސް ބާނާ ނިސްބަތް މަދުވުމުގެ ސަބަބުން ބާޒާރުގައި މަހުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަން ފަށާފައިވަނީ މި ސަބަބާ ހުރެއެވެ.

މަސް ގަންނަ އަގަށް ގެނައި ބަދަލާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯއިން ވިދާޅުވީ، މަސް ގަންނަ އަގު މައިގަނޑު ގޮތެއްގައި ބިނާވަނީ ޑިމާންޑާއި ސަޕްލައިގެ މައްޗަށް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު ވީހާވެސް އެންމެ މަތިކުރުމަށް މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން