ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 46 އިންސައްތަ މަސައްކަތް ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 46 އިންސައްތަ މަސައްކަތް ނިމިއްޖެ

އއ. ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 46 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން މިހާރު އެރަށުގައި ކުރިއަށްދަނީ ބަނދަރު ޕޭވްމަންޓާއި ކޮންކްރީޓް މަސައްކަތްތަކެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ (ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާ) އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 50.8 މިލިޔަން ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ރަސްމީކޮށް ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ 35،695 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، އެއްގަމުތޮށި ވަރުގަދަ ކުރުމަށްޓަކައި 213 މީޓަރުގެ ޕްރީކާސްޓް އެލް-ބްލޮކް ގާތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ރަށް ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 550 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އަދި ފެރިދޫ ބަނދަރަށް އުޅަނދުފަހަރު ވަދެ ނިކުމެ ހެދުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން 80 މީޓަރުގެ ޖެޓީއަކާއި، 12 މީޓަރުގެ ބްރިޖެއް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން