ޓެކްސް ނިޒާމު ހަރުދަނާކުރުމަށް މީރާއަށް ޤާނޫނީ އިތުރު ބާރުތަކެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 27ސ
ޓެކްސް ނިޒާމު ހަރުދަނާކުރުމަށް މީރާއަށް ޤާނޫނީ އިތުރު ބާރުތަކެއް!

ރާއްޖޭގައި ޒަމާނީ ޓެކްސް ނިޒާމެއް ޤާއިމުކޮށް އަމަލުކުރަން ފެށިތާ މިހާރު މިވަނީ 16 އަހަރު ފުރިފައިވާއިރު، މިއީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމަށް އެޅުނު އެންމެ ނުފޫޒުގަދަ ބިންގަލެވެ. މި މުއްދަތުގެ ތެރޭގައި ޓެކްސް ނިޒާމަށް ތަފާތު ބަދަލުތައް ގެނެވުނު ނަމަވެސް، ޓެކްސް އިދާރާ (މީރާ) އަށް ތަންފީޒީ އަދި ޤާނޫނީ ގޮތުން އެކަށީގެންވާ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. މިފަދަ ހުރަސްތައް ނައްތާލައި، ޤާނޫނު ތަންފީޒުކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްސަދުގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ މުހިންމު އިސްލހުުތަކެއް ގެނެސް ފާސްކޮށްފައެވެ.

މި އިސްލާހުތަކުގެ މައިގަނޑު އަމާޒަކީ، ޓެކްސް ބަޔާން ހުށހަޅާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަމިއްލައަށް ކަނޑައެޅުމުގެ (އެސެސް ކުރުމުގެ) ފުރިހަމަ ޤާނޫނީ ބާރު މީރާއަށް ދިނުމެވެ. ހަމައެއާއެކު، އޮޑިޓްކުރުމާއި ތަހުުޤީޤު ހިންގުމުގެ އިޖުރާއަތުތައް އަލުން މުރާޖައާކޮށް، ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމުގައި މީރާގެ ދައުރު ފުޅާކުރުމެވެ. މީގެއިތުރުން، ޓެކުހުގެ ކުށްތަކާއި އަދަބުތައް އިތުރަށް ހަރުކަށިކޮށް، މީގެކުރިން ހަމައެކަނި ޤަވާއިދުތަކުން ހިންގަމުން އައި އުސޫލުތަކަށް ޤާނޫނީ ސައްހަކަން ހޯދައިދިނުމަކީވެސް މި ބަދަލުތަކުގެ މުހިންމު ބޭނުމެކެވެ.

މީރާއަށް އަލަށް ލިބިގެންދިޔަ މުހިންމު ބާރުތައް

މި އިސްލާހާއެކު، ކަނޑައެޅިފައިވާ މުއްދަތުގައި ބަޔާން ހުށަނާޅާ ފަރާތްތަކުގެ ޓެކްސް އަދަދު ކަނޑައެޅުމުގެ އިހްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންދެއެވެ. އަދި މި އަދަދު ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ކަމާބެހޭ ކޮންމެ ފަރާތަކުންވެސް ހޯދުމުގެ ފުރިހަމަ ޤާނޫނީ ބާރު މީރާއަށް ލިބިދެއެވެ. މީގެއިތުރުން، ބަޔާން ނާޅާ ހާލަތްތަކުގައި ޓެކްސް ކަނޑައަޅާނެ އުސޫލުތަކާއި، ފޮނުވަންޖެހޭ ނޯޓިސްތަކާއި، އޮޑިޓް ކުރުމުގެ މިންގަނޑުތައް މިހާރު ޤާނޫނުގައި ވަރަށް ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ.

އަދި ތަހުޤީޤީ އަދި އޮޑިޓް މަރުޙަލާތަކުގައި ބޭނުންވާ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި މީރާގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ޤާނޫނީ ހައްޤު ކަށަވަރުކޮށްދީފައިވެއެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ބަހާލައިގެން (އިންސްޓޯލްމަންޓް އުސޫލުން) ފައިސާ ދެއްކުމުގެ ނިޒާމަށް ޤާނޫނީ ހައިސިއްޔަތު ދީފައިވާއިރު، ލިޔެކިޔުން ހުށަހެޅުމުގެ އެންމެ ފަހު ތާރީހު ސަރުކާރު ބަންދު ދުވަހަކާ ދިމާވާނަމަ އަމަލުކުރާނެ އުސޫލުތައްވެސް ވަނީ އެކަށައަޅާފައެވެ.

ދައުލަތަށް ލިބެންޖެހޭ އެހެނިހެން ފައިސާ ހޯދުމާއި ކޯޓަށް ދިއުމުގެ ބާރު

މި އިސްްލާހުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ، ޓެކްސް ފިޔަވައި ދައުލަތަށް ލިބެންޖެހޭ އެހެނިހެން ފައިސާ ހޯދުމަށްޓަކައި ޝަރުޢީ މަރުހަލާއަށް ދިއުމުގެ ބާރު މީރާއަށް ލިބިގެންދިއުމެވެ. ކުރިން ހަމައެކަނި ބަންޑާރަނައިބަށް އޮތް މި އިހްތިޔާރު، އައު އިސްލާހާއެކު ބަންޑާރަނައިބު ކަނޑައަޅުއްވާ އުސޫލެއްގެ މަތިން، ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކާ ގުޅޭ ޖޫރިމަނާ ފަދަ ދައުލަތުގެ ފައިސާތައް ހޯދުމަށް ކޯޓަށް ދިއުމުގެ ފުރުސަތު މީރާއަށް ފަހިވެގެންދެއެވެ.

ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ހައްޤުތައް ހިމާޔަތްކުރުމަށްޓަކައި، ޤާނޫނު ތަންދޭ މިންވަރަށް ފިޔަވައި މީރާއަށް ލިބޭ ސިއްރު މައުލޫމާތުތައް ރައްކާތެރިކުރުން ޤާނޫނުން ވަނީ ލާޒިމުކޮށްފައެވެ. ހަމައެއާއެކު، ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު އަޅާ އިދާރީ ފިޔަވަޅުތައް ވަރުގަދަކޮށް، ގިނަވެގެން 250،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީން ބިލު ދިރާސާކުރި މަރުހަލާގައި، ކުށްތަކަށް ފިޔަވަޅު އެޅުމުގެ މުއްދަތެއްގެ ގޮތުގައި ކުށް ކުރި ތާރީހުން ފެށިގެން ގިނަވެގެން 2 އަހަރު ދުވަސް ވަނީ ކަނޑައަޅާފައެވެ.

ޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް ފަދަ ރާއްޖޭގެ ޒަމާނީ ޓެކްސް ނިޒާމު ހަރުދަނާކަމާއެކު ހިންގުމުގެ މައިނާރަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނެވެ. މަޖިލީހުން ގެނައި މި ބަދަލުތަކުގެ ސަބަބުން، ޓެކްސް ތަންފީޒުކުރުމުގައި ހުރި ޤާނޫނީ ހުރަސްތައް ނެތިގޮސް، ނިޒާމުގެ އިންސާފުވެރިކަން އިތުރުވެގެންދާނެއެވެ. މިއީ ދައުލަތަށް ހައްޤުވާ އާމްދަނީ ފުރިހަމައަށް ހޯދައި، ޤައުމުގެ އިޤްތިސާދީ ކުރިއެރުމަށާއި ރައްޔިތުންގެ ލާބައަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

 

މިއަދު އޮންލައިން