ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުތަކާއެކު އެ ސަރަހައްދަށް މީހުން ބަދަލުވާ މިންވަރު އިތުރުވެ، އަސާސީ ޚިދުމަތްތަކަށް އޮތް ބޭނުންތެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ޖަމާވެފައިވާ ސަރަހައްދަކީ ޢުމްރާނީ، އިޤްތިސާދީ އަދި އިޖުތިމާއީީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ ސަރަހައްދެއް ކަމަށްވާ މާލެ ސިޓީގައި އާންމު ދިރިއުޅުމާއި ވިޔަފާރިތަކުގެ މައިބަދަ ކަމުގައިވާ ކަރަންޓުގެ ޚިދުމަތަށް އޮތް ޑިމާންޑް އެތައް ގުނައަކަށް އުފުލިގެން ގޮސްފައިވާއިރު، މި ކަމަށް ދުރުރާސްތާގެ ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމަށް ކަރަންޓުގެ މައި ކުންފުނި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިހާރު ވަނީ ވަރުގަދަ އަދި ޒަމާނީ މަޝްރޫޢުތަކެއް ފަށަން ތައްޔާރުވެފައެވެ.
އިތުރުވަމުން އަންނަ އާބާދީގެ ޑިމާންޑާ އެއްވަރަށް ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ނުވަތަ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ސްޓެލްކޯއިން ވަނީ މުހިންމު ޕްލޭންތަކެއް އެކަށައަޅައި، އަމަލީ މަސައްކަތްތައް ފަށާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
70 މެގަވޮޓުގެ މީޑިއަމް ސްޕީޑް އިންޖީނުގެ: ހުޅުމާލޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 70 މެގަވޮޓުގެ މި އައު އިންޖީނުގެއާއެކު، ހުޅުމާލޭގެ ޖުމްލަ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް މަތިވެގެންދާނެއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް މިހާރު ދަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ.
20 މެގަވޮޓުގެ ވަގުތީ އިންޖީނުގެ: ދާއިމީ ނިޒާމު ޤާއިމުވަންދެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ކުއްލި ބޭނުންތައް ފުއްދައިދިނުމުގެ ގޮތުން، 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް އެޅުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ. ގުޅިފަޅު މެގަ ޕްރޮޖެކްޓް (200 މެގަވޯޓު ކުރީ ސަރުކާރުން "ސިކްސްތު ޕަވަރ ޕްރޮޖެކްޓް" ގެ ނަމުގައި ހުޅުމާލޭގައި ތަރައްޤީކުރަން ނިންމި 100 މެގަވޮޓުގެ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ 200 މެގަވޮޓަށް ބޮޑުކޮށް، ގުޅިފަޅަށް ބަދަލުކޮށްފައެވެ. މިއީ މުޅި ސަރަހައްދުގެ ކުރިމަގަށް ގެނެވުނު ވަރަށް މުހިންމު ބަދަލެކެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ފާހަގަކުރެއްވި ގޮތުގައި، މީގެކުރިން ކަރަންޓުގެ ޑިމާންޑު މައްޗަށްދާ ވަރަކަށް ބޭނުންކުރަމުން އައީ ހައި ސްޕީޑް ޖެންސެޓުތަކެވެ. ނަމަވެސް އެއީ ތެލުގެ ހަރަދާއި މަރާމާތަށް ބޮޑު ހޭދައެއް ހިނގާ، ދިގު މުއްދަތަކަށް ބަލާއިރު ދެމެހެއްޓެނިވި ހައްލެއް ނޫނެވެ.
އަލަށް ތައާާރަފުކުރާ "މީޑިއަމް ސްޕީޑް" އިންޖީނުތަކަކީ ތެޔޮ އެންދުން ކުޑަ، ހަރަދު ކުޑަކޮށް މެދުކެނޑުމެއްނެތި ގިނަ ވަގުތު ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ނިޒާމެކެވެ. ހާއްސަކޮށް ރާއްޖެއަށް ހޫނުގަދަވާ ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިންތިހާއަށް އުފުލިގެންދާ "ޕީކް ސީޒަން" ތަކުގައި ވިއުގައަށް ބާރުބޮޑުވިޔަނުދީ، އިތުބާރާއެކު ހިފަހައްޓައިދިނުމުގެ ފުރިހަމަ ޤާބިލުކަން މި އިންޖީނުތަކަށް ލިބިގެންވެއެވެ. 2028 ވަނަ އަހަރުގެ މެދުތެރޭގައި ހުޅުމާލެ ފޭސް ދޭއްގައި އަލަށް ޢިމާރާތްކުރެވޭ ފްލެޓުތައް އެއްކޮށް ނިމި، އެތައް ހާސް ރައްޔިތުންނެއް އެތަނުގައި ދިރިއުޅެން ފަށާނެއެވެ. އެހެންކަމުން އެ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ކަރަންޓު އުފެއްދުމުގެ އިތުރުން، ކަރަންޓު ވިއުގަ (ގްރިޑް) ޒަމާނީކުރުމާއި، ކޭބަލް ނެޓްވޯކް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްތައްވެސް ތަރުތީބުވެގެން ކުރިއަށްދާނެއެވެ. ސްޓެލްކޯއިން ފަށާފައިވާ މި ބިޔަ މަޝްރޫއުތައް ފުރިހަމަވެގެން ދިޔުމަކީ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ހިމެނޭ މުޅި "ގްރޭޓަރ މާލެ" ސަރަޙައްދުގެ ކަރަންޓުގެ ހިިދުމަތަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމެކެވެ. މިއީ ހަމައެކަނި މިއަދުގެ ބޭނުންތަކަށް ގެނެވޭ ހައްލެއް ނޫނެވެ. މިއީ ކުރިމަގުގެ ޖީލުތަކަށާއި، ޤައުމުގެ އިޤްތިސާދީ ކުރިއެރުމަށް ބޭނުންވާ އެންމެ މުހިންމު ބިންގާ ކަމުގައިވާ، ދާއިމީ އަދި އިތުބާރުހުރި ކަރަންޓުގެ ހިދުމަތް ކަށަވަރުވެގެންދާނެ އަގުހުރި މަސައްކަތެކެވެ.