ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކޮށް، ގައުމުގައި އަށަގަނެފައިވާ ކުށުގެ ވެށްޓަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅަކީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ނިގުޅައިގަތުމެވެ. މިއީ އެތައް ޒަމާނެއް ވަންދެން ގައުމަށް ކޮންމެހެން ބޭނުންވެފައި އޮތް، ނަމަވެސް އެއްވެސް ވެރިކަމެއްގައި ވުޖޫދުކުރަން ނުކެރި ފަސްޖެހިފައި އޮތް މުހިންމު ކަމެކެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވަނީ މިފަދަ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި، ކުށްވެރިންގެ މުލަށް އަމާޒުކޮށް ގަޓު ނިންމެވުމެއް ނިންމަވާފައެވެ. މިއީ ދިވެހި މުޖުތަމައުގެ ސަލާމަތާއި ހައްގުތައް ރައްކާތެރިކުރުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.
ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުގެ މައިގަނޑު މަގުސަދަކީ ކުށް ކޮށްގެން ނުހައްގު މުއްސަނދިކަން ހޯދުމެވެ. ކުށްވެރިޔާ ޖަލަށް ދިޔަ ނަމަވެސް، އޭނާ ހޯދި ނަހަމަ މުދަލުން އާއިލާއަށާއި އޭނާގެ ނެޓްވޯކަށް މާލީ މަންފާ ލިބޭނަމަ، ކުށްކުރުމުގެ ހިތްވަރު އެމީހުންގެ ކިބައިން ކެނޑިގެން ނުދެއެވެ. މިކަމާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ޖިނާއީ ކުށްތަކުން ނުހައްގުން މީހުން ހޯދާ މުދާތައް ދައުލަތަށް ނަގައި، އެ މުދަލުން އިތުރަށް މާލީ މަންފާ ހޯދުމުގެ ހުރިހާ ދޮރުތަކެއް ބަންދުކުރުން ކަމަށެވެ. އަދި ވޭތުވެދިޔަ ތަނުގައި ދައުލަތުގެ މުދާ އަނބުރާ ހޯދުމުގައި ދިމާވެފައިވާ ގާނޫނީ ހުރަސްތަކަށް މި ބިލުން އެދެވޭ ހައްލެއް ލިބިގެންދާނެއެވެ.
ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވާނީ ފޮނުވާފައި.
— Dr Mohamed Muizzu (@MMuizzu) August 25, 2026
މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު…
ރާއްޖޭގައި މީގެ ކުރިން މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ފަދަ ބައެއް ގާނޫނުތަކުގައި މުދާ ހިފެހެއްޓުމުގެ މާއްދާތަކެއް ހުރި ނަމަވެސް، އެކަށީގެންވާ ވަކި ހާއްސަ ގާނޫނެއް ނެތުމުގެ ސަބަބުން ކޯޓުތަކުން މުދާ ނެގުމަށް އަމުރުކުރަނީ ވަރަށް މަދުންނެވެ. ނަތީޖާއެއްގެ ގޮތުން ތަހުގީގީ އަދި ތަންފީޒީ އިދާރާތައް އޮންނަނީ ބާރުވެރިނުކުރެވިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މީގެއިތުރުން ހެކިބަސްދޭ ފަރާތްތަކާއި ސިއްރު އޮޕަރޭޝަންތައް ހިންގާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ ހުށަހަޅުއްވާފައެވެ.
މި ގާނޫނަކީ އިންތިހާއަށް ފުޅާ ދާއިރާއެއްގައި ބާރުތައް ދީފައިވާ ވަރުގަދަ ގާނޫނެކެވެ. އެގޮތުން ކުށް ސާބިތުވެގެންނާއި، ހާއްސަ ހާލަތްތަކުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އިރުޝާދުގެ ދަށުން ކުށް ސާބިތުނުވި ނަމަވެސް ޝައްކުއުފެދޭ ނަހަމަ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބެއެވެ. އަދި މި ގާނޫނު އައުމުގެ ކުރިން ކޮށްފައިވާ ކަންކަމަށާއި، ރާއްޖެއިން ބޭރުގައި ހިންގާފައިވާ އަމަލުތަކާއި ބޭރުގައި ހުރި މުދަލަށްވެސް ބައިނަލްއަގުވާމީ އެހީތެރިކަމާއެކު ފިޔަވަޅު އެޅުމުގެ ޖާގަ ލިބިގެންދެއެވެ. މި ގާނޫނު ތަންފީޒުކުރެވޭނެ ބޮޑެތި ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިން، ޓެރަރިޒަމް، ޑްރަގް ޓްރެފިކިން، ކޮރަޕްޝަން، މީހުން މެރުން، ޖިންސީ ކުށްތައް، ފަސް ލައްކަ ރުފިޔާއިން މަތީގެ ޓެކްސް މަކަރާއި، އެއް ލައްކަ ރުފިޔާއިން މަތީގެ ވައްކަމާއި ފޭރުން ހިމެނެއެވެ.
މީގެ އިތުރުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ މަސްދުވަހުގެ ތެރޭގައި އަތުލައިގަނެވޭ މުދާ ބެލެހެއްޓުމަށް "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" އެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަން ޖެހޭއިރު، 60 ދުވަހުގެ ތެރޭގައި "ރިކަވާޑް އެސެޓް ފަންޑު" ގާއިމުކުރަން ލާޒިމުކުރެއެވެ. މިއީ މުދާ ނެގުމަށްފަހު އެއިން ރައްޔިތުންނަށާއި އަނިޔާ ލިބޭ ފަރާތްތަކަށް ހައްގު ބަދަލު ހޯދައިދިނުމަށް އެޅޭ ނިޒާމީ ބަދަލެކެވެ.
ހަގީގަތުގައި ކުށްކޮށްގެން ހޯދާ މުދަލުން މުއްސަނދިވުމަކީ މުޅި މުޖުތަމައުގެ ހައްގުތައް ނިގުޅައިގަތުމެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ނުހައްގު މުއްސަނދިކަން މަނާކުރާ ބިލެއްވެސް ސަރުކާރުން ހުށަހަޅާފައިވާއިރު، މި ހުރިހާ މަސައްކަތަކުން ދަލީލުކޮށްދެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުށާއި ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާ ސާބިތު އަދި ކެރޭ ސިޔާސަތެވެ.
ކުށްކޮށްގެން މުދާ ހޯދުމުގެ ވަބާ ނިމުމަކަށް ގެނައުމަކީ ރާއްޖޭގައި މާ ކުރިންވެސް ހިނގަންޖެހިފައި އޮތް ކަމެކެވެ. މި ސަރުކާރުން އިސްނަގައިގެން، ފަސްޖެހުމެއްނެތި މިފަދަ ހަރުކަށި އަދި ފުރިހަމަ ގާނޫނެއް އެކުލަވާލުމަކީ ދިވެހި ގައުމުގައި އިންސާފާއި އަދުލުވެރިކަން ގާއިމުކުރުމަށް އެޅުނު ފާހަގަކޮށްލެވޭ ގަޓު ފިޔަވަޅެކެވެ. މިއީ ދިވެހިރައްޔިތުންގެ މުދަލާއި މާލިއްޔަތު ރައްކާތެރިކޮށް، ގައުމުގައި އަމާންކަން ގާއިމުކުރުމަށް ކޮށުނު އަލިގަދަ މަގެކެވެ.