އެމްޑީޕީގެ ޤައުމަށް ގެންނަން ބޭނުންވެގެން އެއުޅޭ ބަދަލު އެސަރުކާރުގެ 5 އަހަރު ރައޔިތުންނަށް ވަނީ ވަރަށް ރަނގަޅަށް ފެނިފައެވެ. އެބަދަލު ރައްޔިތުން އޮތީ ބަލައިނުގެންފައެވެ. އެންމެ ބޮޑު ކަމަކީ ރައްޔިތުން ﷲ ގެ ދީނާ ދުރަށް ޖެއްސުވުމަށް ހިންގި ކަންކަމެވެ. ސަރުކާރުގެ އިސް މަޤާމުތަކަށް އެމްޑީއެންގެ އިސް މީހުން ލައިގެން ﷲ ގެ ދީނާ ދުރަށް ޖައްސުވަން ހިންގި ކަންކަމެވެ. އެކަންކަމަށް ކުރިންވެސް ރައްޔިތުންވަނީ ނޫނެކޭ ބުނެފައެވެ. ދެންވެސް ބުނާނީ ނޫނެކޭއެވެ. މިހާރު މާބާރަށް ނޫނެކޭ ބުނާނެއެވެ.
ދިވެހިރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ބަދަލަކީ ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވުމެވެ. ޝައިޠޯނީ ވަސްވާސްތަކުގެ ސަބަބުން މަގުގެއްލިފައި ތިބި އެންމެންނަށް ތެދުމަގު ލިބުމެވެ. ކޮންމެ ދިވެހި ރައްޔޮތަކީވެސް ސުވަރުގެ ވައްދަވާނެ އަޅަކަށްވުމެވެ.
މިބަދަލު ގެންނަން މިސަރުކާރުގެ ކުރު މުއްދަތުގައި ކުރި މަސައްކަތްތަކުގެ ނަތީޖާ މިހާރުވެސް އެބަފެނެއެވެ. ކޮންމެ ދުވަހަކީވެސް އިތުރަށް ފެންނަ ދުވަހެކެވެ. "އަޅުގަނޑު ވާގިއެދެނީ ﷲ ގެ ޙަޟްރަތުން!" ކަމަށްވިދާޅުވެފައި ރައީސް ޑރ. މުޢިއްޒު މަޑުން ހުންނަވަނީއެއް ނޫނެވެ. މާތް ﷲ ގެ ރުހިވޮޑިގަތުން ހޯއްދަވަން ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
އެމްޑީޕީގެ ސަރުކާރުން ބޮޑު ބަދަލެއް ގެނައެވެ. އެއީ ފުންމިން ނޭނގޭ ކަނޑުފަޅުތަކުން ގޯތިދީ ލިޔުންވެސް ދޫކުރުމެވެ. ނަމަވެސް މިސަރުކާރުން މިހާރުވެސް އެކަން ބަދަލުކޮށްފިއެވެ. ގޯތިދިން ކަނޑުފަޅުތައް ހިއްކުމަށްފަހު ރަސްމާލޭގެ ދެބައިކުޅަ އެއްބައި ހިއްކައި ނިންމައިފިއެވެ. ރައްޔިތުން ބޭނުންވެގެން ތިބި ބަދަލު މިއަންނަނީ ފެންނަމުންނެވެ.
ރައްޔިތުންނަށް ފައިދާކުރާނެ ބަދަލުތައް ގެންނަތަން ރައްޔިތުންގެ ލޮލަށް ފެންނަން ފެށުމުން އެމަންޒަރުގައި އެހެން ކުލައެއް ޖައްސުވަން ކުރާ މަސައްކަތް ރައްޔިތުން ބަލައެއް ނުގަންނާނެއެވެ. އިތުބާރުކުރާނީ ލޮލަށްފެނި އަތުން ހިފޭ ކަންކަމަށެވެ. ދައްކާ ހުވަފެނަކަށް ނޫނެވެ.