ފަށަމުންވެސް އަހުރެން ބުނެލަން ބޭނުންވަނީ
ޢުމުރާވެވޭނެ ފައިސާ އަތުގައި ނެތި ދެމީހުންނަށް ޢުމުރާވެވޭހާ ގިނަ ފައިސާ ވަލީމާއަށް ޚަރަދުކުރަން ހެޔޮނުވާނެއެވެ. ސަބަބުތައް މިކިޔައިދެނީއެވެ.
ކައިވެނީގެ ހަފްލާ ބޭއްވުމަކީ ނުވަތަ ވަލީމާ ދިނުމަކީ ސުންނަތެކެވެ. ބޭނުމަކީ ވީހާ ގިނަ ބައަކަށް ކައިވެނި އިޢުލާނުކުރުމެވެ. އެކަންކުރަން އޮތީ އެމީހެއްގެ ފެންވަރުންނެވެ. ކޮންމެހެން ފަސްތަރީގެ ފެންވަރަކު ނޫނެވެ.
ނަމަވެސް ހިތާމައާއެކުވެސް ބުނަން މިޖެހެނީ ކައިވެންޏަށްފަހު 2 މީހުން އެކުގައި ޢުމުރާއަކަށް ދިއުމަށް ޚަރަދުކުރަންޖެހޭ ވަރަށްވުރެ ގިނަ ފައިސާ ބައެއް މީހުން ޙަފްލާ ޒީނަތްތެރިކުރަންވެސް ޚަރަދުކުރާ ކަމަށެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ތަނަވަސްކަން ހުރިނަމަ ކައިވެންޏަށްފަހު އަވަހަށް ޢުމުރާވާށެވެ! އެކަމުގެ ސަބަބުން އީމާންކަން ވަރުގަދަވެ ތަޤްވާވެރިކަން އިތުރުވާނެއެވެ. އެއިރުން ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތައް ބޮޑުތަނުން މަދުވާނެއެވެ. އިން ޝާ ﷲ
ކައިވެނީގެ އެންމެ މުހިންމު ކަމަކީ ކައިވެނީގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުން ކަމަށްވާއިރު ބަރަކާތް ކެނޑިގެންދާ ކަންކަން ކުރަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ ވީމާ މިކަންކަމަށް ތަންކޮޅެއް ބޮޑަށް ވިސްނައިލަމާ ހިނގާށެވެ!
ކައިވެނިކުރުމާއި ކައިވެނީގެ ހަފްލާ ބޭއްވުން އެއީ އެއްވެސް ޙާލެއްގައި ބައަކަށް ތިމާމެންގެ މޮޅުކަން ދައްކަން ކުރާ ކަމަކަށް ނުހަދާށެވެ! ކައިވެނީގެ ޙަފްލާއަކީ ދެއްކުންތެރިކަމުގެ ރަސްމިއްޔާތަކަށް ހަދައިފިނަމަ ފުރަތަމަ އެއޮތީ ފެށުން ނުވަތަ ބިންގާ ގޯސްވެފައެވެ.
ކޮންމެ ކަމެއްގައިވެސް އިސްލާމް ދީނުގައިވާ ރިވެތި އުޞޫލުތަކުގައި ހިފަހައްޓާށެވެ! އިންތަކުގެ ތެރެއިން އަމަލުކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ފަލާޙާއި ކާމިޔާބު ލިބުންވަނީ އެގޮތުގައެވެ!
މުސްލިމުންގެ މެދުގައިވެސް ޘަޤާފަތަކަށްވަމުން މިދަނީ ކައިވެނީގެ ހަފްލާތައް ބަރުކުރުމެވެ. އެކަމަކޫ ބޮޑު ކަންތައް ގަނޑަކަށް ހަދައި އެތައް ބައަކަށް ތަކްލީފްތަކެއް ކުރިމަތިކުރުވުމެވެ. ހަމަ އެޢާއިއެކު ޚަރަދުކުރަމުން ގޮސް ދަރަނިވެރިވެސް ވުމެވެ.
މިފަދައިން ކަންކަން ކުރާ މީހުން އަޅެ ނިކަން މިޙަދީޘްފުޅު ކިޔައިލަބަލާށެވެ!
Prophet Muhammad ﷺ said:
”The best wedding is that upon which the least trouble and expense Is bestowed.”
(mishkat)
ފަސޭހަކަމާއިއެކު އާދައިގެ ކައިވެނި ހަފްލާ ބޭއްވުމުގެ ރީތި އާދަ އަހަރެމެން ނަގާލައިފީމުއެވެ. އެ ރީތި ސިފަ ޚަރާބުކޮށްލައިފީމުއެވެ. ވިސްނައިލާށެވެ! އަހަރެމެން ކައިވެނިކުރަނީ ދެމަފިރިންގެ އުފާވެރިކަމަށާއި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. ނަމަވެސް މިއަދު އެކަން ވެގެން މިދަނީ މުޖުތަމައުގައި ކުރެވޭ ވާދައަކަށެވެ. ޖެހޭ ބޮޑު ރޭހަކަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން