ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާއަށް ޚިޔާނާތްތެރިވުމަށްފަހު ނުކުރާކަމަށް ބުނެ ދޮގުހުވާކުރުމަކީ މާބޮޑެތި ދެރަތައް ލިބޭކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 22ސ
ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާއަށް ޚިޔާނާތްތެރިވުމަށްފަހު ނުކުރާކަމަށް ބުނެ ދޮގުހުވާކުރުމަކީ މާބޮޑެތި ދެރަތައް ލިބޭކަމެއް!

މިއީ ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އާދައިގެ ކަމެއް ނޫނެވެ. ﷲ ތަޢާލާގެ ކޯފާ ވަޤުތުންވެސް ކުރިމަތިވެދާނެކަމަށް ބިރުވެތިވާންޖެހޭ ކަމެކެވެ. މިބުނަނީ ބޭވަފާތެރިވެފަ އެކަން ފޮރުވަން ނަމަވެސް ދޮގުހުވާ ކުރުމުގެ ވާހަކައެވެ.  

ދޮގުހެދުމަކީ ޙަރާމް ކަމެކެވެ. ދޮގުހުވާކުރުމަކީ އެންމެ ނުބައި ފާފަތަކުގެ ތެރެއިން ފާފައެކެވެ. ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވާ ކަމެކެވެ. ހިތާމައަކީ އެކަންކަމަށް ނުވިސްނައި ކިރިޔާ ކަމެއްވާއިރަށްވެސް އަދި ބޮޑެތި ފާފަތައް ކޮށްފައިވެސް ދޮގުހަދައި ދޮގުހުވާކުރާ ކަމެވެ. އެކަންކަން އެގޮތަށް އެކުރެވެނީ އެމީހުންގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތުމުންނެވެ.  

ބިރުވެތިވާނަމަ މަސައްކަތްކުރާނީ ފާފައެއް ނުކުރުމަށެވެ. ފާއެއް ކުރެވުނަސް ދޮގުހުވައެއް ނުކުރާނެއެވެ. ވަކިން ޚާއްޞަކޮށް ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ހުވާ ނުކުރާނެއެވެ. ވަޤުތުންވެސް ކޯފާއެއް ލައްވަވައިފާނެ ކަމަށް ބިރުވެތިވާނެއެވެ.  

ތިރީގައި އެވަނީ އަނބިމީހާއަށް ބޭވަފާތެރިވަމުން އަދި ނުކުރާކަމަށްބުނެ ދޮގުހުވާކުރަމުން ދިއަ މީހަކު ފަޟީޙަތްވެ ކަންކަން މެދުވެރިވި ގޮތުގެ ވާހަކައެވެ. މިއީ ފިރިހެނަކަށް ދިމާވިކަމެކެވެ. އަންހެނުންވެސް މިކަމަށް ސަމާލުކަންދޭށެވެ. ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

އަޅުގަނޑުގެ ފިރިމީހާއަކީ ތެދުވެރިއެއް ނޫންކަން އެނގެންފެށީ ކައިވެނީގެ 3 ވަނަ އެންވައިޒަރީ ފާހަގަކުރިފަހުންނެވެ. ވަރަށް ގިނަ ކަންކަމަށް ތުހުމަތުކުރެވެން ފެށުމުން ސުވާލުކުރާއިރަށް މަތިމައްޗަށް އެތައް ބައިވަރު ހުވާތަކެއްކުރާނެއެވެ. އެއްވެސް ކަމަކަށް އެއްބަހެއް ނުވާނެއެވެ.

ދަރިއަކު އޮތުމުން ކެތްކޮށްލައިގެން ހުރީއެވެ. އެއްރެއެކެވެ. މަންމަ ބަލިވެގެން މަންމަ ގޮވައިގެން ހޮސްޕިޓަލުގައި އުޅެފައި މަންމަ ގެންގޮސް ގެއަށްލާފައި ގެއަށް ދެވުނީ ތަންކޮޅެއްލަސްވީފަހުންނެވެ.  

ގެއަށް ގޮސް ދޮރުހުޅުވާލުމުން ފެނުނީ ލޮލަލަށް ފެނުމަށް އިންތިޒާރުކުރަމުން އައި ، އެކަމަކަށް ކެތްމަދުވެފައިހުރި މަންޒަރެވެ. ގޭގައި ޑިގްރީއަށް ކިޔަވަން ބަހައްޓާފައި ހުންނަ އަންހެންކުއްޖަކާއިއެކު ފިރިމީހާ ލޯބިކުރާ މަންޒަރެވެ.  

އަޅައިވެސް ނުލަމެވެ. ތަންކޮޅެއް ދުރުގައި ހުރި ކާމޭޒުދޮށުގައި އިށީނީމެވެ. ކަމެއް ފެނުނު ކަމަށްވެސް އެނގުނު ކަމަކަށްވެސް ނުހަދަމެވެ. އޮފީހުގެ އެކުވެރިއަކަށް ގުޅާފައި ވަރަށް އަވަހަށް ގެއަށް އަންނަން ބުނީމެވެ. އޭނާ އައުމުން ގޮވައިގެން މަތީބުރިއަށްދާން ސިޑިން އަރަންފެށީމެވެ.  

ފިރިމީހާއަކަށް ކެތެއް ނުކުރެވުނެވެ. އައިސް ކުރިމައްޗަށް އަރައި ހުރަސްއަޅައިފިއެވެ. ހުރަސް އެޅުމުން ގޮސް ސިޓިންގ ރޫމްގައި އިށީނދެފައި ސުވާލުކުރީމެވެ. "ގެއަކީ އަހަރެންގެ ގެއެވެ. އަހަރެންގެ ގޭގައި ހިލޭ އަންހެނުންނާއި ގުޅުން ހިންގަން ކަލެއަށް ކެރޭއިރު އަހަރެން ބޭނުން މީހަކު އަހަރެންގެ ކޮޓަރިއަށް ވައްދަން ހުރަސް އަޅަން ކަލެއަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ ކަލޭގެ ގާތް އެކުވެރިއެއްގެ ދަރިފުޅު ކަމަށްވެގެން މިގޭގައި ކިޔަވަން ބެހެއްޓި ދަރިވަރާ މިގޭގައި އެކިވަރުގެ ގުޅުންހިންގުމުގެ އިތުރުން އޭނާ މެދުވެރިވެގެން މިގެއަށް ގެނައި ކިތައް ކުދިންނާ ކަލޭ ހަމަ މިގޭގައި ގުޅުން ހިނަގައިފިން ހެއްޔެވެ؟  

ކޮންމެ ކަމަކަށް ސުވާލުކުރުމުން އެތައް ބައިވަރު ހުވާކޮށްފައި ދޮގުތައް ހަދަމުން ގޮސް މިރެއަކީ ކުރި ދޮގުހުވާތަކުގެ ޙަޤީޤަތް ފަޅާއެރިރެއެވެ. ވީމާ ދެން ރަނގަޅުވާނީ އަހަރެން ވަރިކޮށްފައި ތިއަ ދަރިވަރު ގޮވައިގެން މިގެއިން ނުކުމެގެން ދިއުމެވެ. 

މައުލޫމާތަށްޓަކައި ބުނެލަމެވެ. މިއިނީ އަހަރެންނާއި އެކުވެރި މުވައްޒިފެއްގެ ގުޅުން ފިޔަވައި އެއްވެސް ގުޅުމެއް އޮތް މީހެއް ނޫނެވެ. މުވައްޒިފެއްގެ ޙައިޞިއްޔަތުން ނޫން ގޮތަކަށް މިހައިތަނަށް ވާހަކަވެސް ދެއްކި މީހެއް ނޫނެވެ. އޭނާ ގެނުވީ އަހަރެން އެބާވަތުގެ ކަމެއް ކުރަން އުޅުނީމަ ކަލެއަށްވާގޮތް، އަރާވަރު ދައްކައިލާށެވެ! އޭނާ ގެނުވި ބޭނުން މިނިމުނީއެވެ."  

ފިރިމީހާ އެކިޒާތުގެ ވާހަކަތައް ދައްކަން ފެށިއެވެ. މާފަށް އެދި އާދޭސްކުރިއެވެ. އެކުއްޖާވެސް ރޮއި އާދޭސްކުރިއެވެ. އަޅައިވެސް ނުލާ ގޮސް ކޮޓަރިތަޅުލައިގެން ނިދީއެވެ. ނިދަމުން މެސެޖެއްކޮށްފައި ބުނީމެވެ. "ހެނދުނު ހޭލަންވާއިރަށް 2 މީހުން ގެއިން ނުކުންނަން ޖެހޭނެއެވެ. ނޫނީ ގަދަކަމުން ނެރޭނަމެވެ."  

ހެނދުނު ހޭލައިގެން ތިރިއަސް ދިއައިރު ދެމީހުން ސިޓިންގރޫމުގައި ތިބުމުން ބުނީމެވެ. "އަހަރެންގެ ނިންމުމަކީ ވަރަށް ގިނަ ދުވަހު ވިސްނާފައި ނިންމި ނިންމުމެކެވެ. ވީމާ ފެންވަރައިގެން ތިރިއަށް އައުމުގެ ކުރިން ދެމީހުން ގެއިން ނުކުންނާށެވެ." އެހެން ބުނެފައި ފިރިމީހާގެ ހެދުންތައް ފޮށްޓަށްއަޅައިގެން ތިރިއަށްގެނެސް ފޮށި ޙަވާލުކުރީމެވެ. ގެއިން ނުކުތީ އެވަރުކުރުމުންނެވެ.  

އަޅުގަނޑަށް ފަހުން އެނގުނު ގޮތުގަ އެދެމީހުން ދިއައީ ކުލީ ކޮޓަރިއަކަށެވެ. ކުލިދައްކަން އަންހެންކުއްޖާ ވިއްކަމުން ދަނިކޮށް ފަޅާއަރައި ދެމީހުން ޖަލަށްލީއެވެ. އެޚަބަރު ލިބުމުން ދަރިފުޅުގެ ބައްޕަ ކަމަށްވީތީ ވަރަށް ދެރަވިއެވެ. ދެރަވި ނަމަވެސް ވިސްނައިލީ އެމީހަކު ދުނިޔޭގައި ނުބައިމަގުން އުޅޭނަމަ ކޮންމެވެސް ދުވަހަކުން ﷲ ގެ ކޯފާ އެމީހަކާއި އަރާހަމަކުރާނެ ކަމެވެ.  

އަޅުގަނޑު ދެވަނަ ކައިވެނިކުރީ އަހަރެއްހައި ދުވަހު އެކަނި ހުރެފައެވެ. އެކަވެނިމަތީގައި މިހާރު 14 އަހަރުވީއެވެ. ﷲ ގެ ރަޙްމަތްފުޅުން ދެމީހުންގެ މެދުގައި ލޯތްބާއި ކުލުނު އެންމެ ފުރިހަމަ ގޮތުގައި އެބަ އޮތެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ ބޭވަފާތެރިވަމުން ބޮޑެތި ދޮގުތައް ހަދައި ހުވާތައްކުރާ މީހުންނަށް ޢިބްރަތަކަށެވެ. ދޮގުހުވައެއް ކުރާއިރަށް ﷲ ކޯފާ ބާވައި ނުލައްވަވާތީ ޖެހިލުން ނުވަނީއެވެ.  

އަޅުގަނޑަށް މައިންބަފައިންގެ މުދަލުން ކުޑަ ގެއެއް ލިބިފައިވީނަމަވެސް އަޅުގަނޑަކީވެސް ތަނަވަސް އަންހެނެއް ނޫނެވެ. ނަމަވެސް އަޅުގަނޑުގެ ހިތްވަނީ ފުރިފައެވެ. އެއީ އެންމެ ކުޑައިރުންސުރެ ﷲ ގެ މަގުގައި އުޅުމަށް މައިންބަފައިން އަޅުގަނޑަށް ދަސްކޮށްދީފައިވާތީއެވެ. އަދި އެގޮތަށް އުޅެން އަޅުގަނޑު މަސައްކަތްކުރާތީއެވެ.  

އެކުވެރި އުޚުތުންނަށް ބުނެލަން ބޭނުމީ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ބޭވަފާތެރި ފިރިންނާއިއެކު އުޅެން މަސައްކަތްނުކުރާށެވެ. އެކަމުން ލިބޭ ނިކަމެތިކަމުގައި އުޅުމަށްވުރެ ގެއެއްގައި ނޯކިރީކޮށްގެން އުޅުނަސް ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެއެވެ.

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން