ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ ހިޔަނީގަ ދިރިއުޅެމުން ބޭވަފާތެރިވެ އިތުރު އަނބިން ހޯދުމަކީ ޙައްޤެއްކަމަށް ބުނި ފިރިއަކަށް އަނބިމީހާ ދިން ވަރުގަދަ ފިލާވަޅުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 11ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ ހިޔަނީގަ ދިރިއުޅެމުން ބޭވަފާތެރިވެ އިތުރު އަނބިން ހޯދުމަކީ ޙައްޤެއްކަމަށް ބުނި ފިރިއަކަށް އަނބިމީހާ ދިން ވަރުގަދަ ފިލާވަޅުގެ ވާހަކަ!

މިޙާދިސާ މިގެނެސްދެނީ ކުށްކުރި މީހާ ކުށްވެރިކުރަން އެކަންޏެއް ނޫނެވެ. ބޭނުމަކީ ހެޔޮލަފާ ބައިވެރިއަކު ލިބުމުން އެބޮޑު ނިޢުމަތް ދެއްވެވި ފަރާތަށް ޝުކުރުވެރިވާން ނަޞީޙަތްތެރިވުމެވެ. ޝުކުރުވެރިވުމަކީ ނިޢުމަތް އިތުރުކުރައްވަވާ ކަމެކެވެ. ޝުކުރުވެރިނުވުމަކީ ނިޢުމަތް އަނބުރާ ގެންދަވާ ކަމެކެވެ. 

ހަމަ އެއްޒާތެއްގެ މައްސަލަތަކެވެ. އިތުރު އަނބިން ހޯދުމުގެ ޙައްޤު ލިބިގަތުމުގެ މައްސަލައެކެވެ. އެއްވެސް ޝައްކެއް ނެތެވެ. 4 އަނބިން ހަމަކުރުމުގެ ޙައްޤު ފިރިންނަށް އެބައޮތެވެ. ނަމަވެސް ސުވާލަކީ އަނބިމީހާގެ ފަސްބައިގައި އެލިގެން، އަނބިމީހާ ކާންދިނީމާ ކައިގެން އަނބިމީހާ ދިނީމާ ބޭނުންތައް ފުއްދައިގެން އަނބިމީހާގެ ގެދޮރުގައި ދިރިއުޅެމުން އަނބިމީހާގެ ކޮޓަރިއަށް ހިލޭ އަންހެނުން ވައްދައި އަނބިމީހާގެ އެނދުގައި ހިލޭ އަންހެނުން ގެންގުޅުމުގެ ޙައްޤު ދިނީ ކާކުކު ކޮން ގޮތަކުން ހެއްޔެވެ؟  

ތިރީގައިވާ ވާހަކައަކީ އެފަދަ ނުބައި ޢަމަލުތައް ކުރެވޭ ފިރިހެނުންނަށާއި އެފަދަ ނުބައި ޢަމަލުތައް ކުރުމުން ޢަމަލުކުރަން އޮތް ގޮތުގެ ވަރަށް ރަނގަޅު ފިލާވަޅެކެވެ. ވާހަކަ ވިދާޅުވެލައްވާށެވެ!  

ދެމަފިރިންގެ ކައިވެންނަށް 5 އަހަރެވެ. އަނބިމީހާއަކީ ކުރާ މަސައްކަތުގެ ގޮތުން ދޭތެރެދޭތެރެއިން ރާއްޖެއިން ބޭރަށްދާންޖެހޭ އަންހެނެކެވެ. އެއްފަހަރު 3 ދުވަހަށް ފުރިދަތުރެއްގައި ދިމާވި ބައެއް ކަންކަމުގެ ސަބަބުން އެނބުރިއާދެވުނީ 10 ދުވަސްފަހުންނެވެ.  

އަނބިމީހާ ގެއަށް ގޮސް ކޮޓަރިހުޅުވައިލިއިރު ފިރިމީހާ އޮތީ ހިލޭ އަންހެނަކު ގޮވައިގެންނެވެ. އަޅައިވެސްނުލާ ނުކުމެގެން އައިސް ސިޓިންގ ރޫމްގައި ހަމަޖެހިލައިގެން އިންދާ ފިރިމީހާ އައިސް ގާތުގައި އިށީނދެފައި ސުވާލުކުރީ ތިއައިނީ ވަރަށް ރުޅި އައިސްފައިތޯއެވެ؟ އަނބިމީހާ ޖަވާބެއް ނުދިނުމުން ރުއްސަންވެގެން އެކިބާވަތުގެ ވާހަކަތައްދައްކަމުން ގޮސް ބުންޏެވެ.  

"އެއީ ކަލޭދެކެ ލޯބިނުވާތީ ކުރިކަމެއް ނޫނެވެ. ހަމަކޮށްލެވުނު ކަމެކެވެ. ފިރިހެނުންގެ ޠަބީޢަތުގައި ހުންނަކަމަކަށްވާތީ ކޮށްލެވުނީއެވެ. އަދި ދެއަނބިންނާ ކައިވެނިކުރުމަކީ ފިރިހެނުންނަށް އޮތް ޙައްޤެއްވެސް ނޫންހެއްޔެވެ؟"  

އެހުރިހާ ވާހަކަތަކެއް ދެއްކުމުންވެސް އަނބިމީހާ ޖަވާބެއް ނުދެއެވެ. ކުރިމަތިންލާފައި އެ އަންހެންމީހާ ނުކުމެގެންދިއައިރުވެސް ކަންބޮޑުވެގެނެއް ނުއުޅެއެވެ. ހުއްޓުވާކަށްވެސް ސުވާލުކުރާކަށްވެސް ނުއުޅެއެވެ. އެކަމުގެ ސަބަބުން ފިރިމިހާގެ ހާސްކަން އިތުރުވިއެވެ.  

އަނބިމީހާ އޭނާގެ ފޯނުން ކޮންމެވެސް ބައaކަށް ނުވަތަ މީހަކަށް މެސެޖްތަކެއް ފޮނުވިއެވެ. އެކަމާ ސުވާލުކުރަންވެސް ނުކެރިފައި ފިރިމީހާ ބަލަން އިނެވެ. އިރުކޮޅަކުން ފިރިމީހާގެ އެންމެ ގާތް އެކުވެރިންނާއި މައިންބަފައިން ގެއަށް އަތުވެއްޖެއެވެ. ދައުވަތުދިން އެންމެން ހަމަވީމާ އަނބިމީހާ ބުންޏެވެ. "މިރޭ އަހަރެންނަށް މިފެނުނު ކަންތަކާއި އެކަންކަމުގެ ދިފާޢުގައި ކަލޭ ދެއްކި ވާހަކަތައް މިއެންމެންނަށް ކިޔައިދޭށެވެ. އަހަރެން ކިޔައިދޭން އުޅެފިނަމަ ދޮގެއް ހެދިދާނެތީއެވެ."  

ފިރިމީހާ އަނގައިން ނުބުނުމުން ކަންކަން ހިނގައިދިއަގޮތާއި ފިރިމީހާ ދެއްކި ވާހަކަތައް އަނބިމީހާ ކިޔައިދިނެވެ. އަދި ދޮގެއްހެދުނުތޯވެސް ސުވާލުކުރުމުންވެސް ފިރިމީހާ އަނގައަކުން ނުބުންޏެވެ.  

އަނބިމީހާ ބުންޏެވެ. "2 އަނބިން އެކަންޏެއް ނޫނެވެ. 4 އަނބިންނާ އިތުރު 4 ވަގުއަނބިންވެސް ގެންގުޅެންވީއެވެ. ނަމަވެސް އަނބިމީހާގެ ގޭގޭގައި އަނބިމީހާއާއިއެކުގައި ނިދާ، އަނބިމީހާ ގަނެފައިހުރި އެނދަކުނޫންދޯއެވެ! އެކަންވެސް ވެނިމުނީއެވެ." އެހެން ބުނިތަނާ ބެލްޖެހުމުން ހުޅުވިއިރު ފަރުނީޗަރު ވިއްކާ ފިހާރައަކުން އައިސްތިބީ އެނދެއް ހިފައިގެންނެވެ. އެއީ ގެއަށް އަބަދުވެސް ފަރުނީޗަރު ގެންނަ މީހުން ކަމަށްވުމުން ގޭގެ ތަންތަން އެނގޭނެތީ އަނބިމީހާ ބުންޏެވެ.  

"އަހަރެންގެ ކޮޓަރިއަށްގޮސް ނިދާއެނދު ރޫޅާލައިގެން ގޮދަޑިއާއެކު ތިރިއަށް ގެންނާށެވެ! ތިރިއަށް ގެނެސް ގެއިން ނެރެ ގޯތިތެރޭގައި ބަހައްޓާފައި ތިގެނައި އެނދު އެތަނުގައި ރާވާށެވެ."  

އެހިސާބުންވެސް އެއްވެސް މީހަކު އަނގައަކުން ނުބުނެއެވެ. ހަމަ މަޑުންތިބީއެވެ. އެނދުރާވާ މީހުންގެ މަސައްކަތްނިމުމުން އަނބިމީހާ ބުންޏެވެ. "އަހަރެންގެ ޠަބީޢަތުގައި ހުރީ ކަލޭ ތިއަކުރިކަންކަން އިނތިހާއަށް ކުށްވެރިކުރުމެވެ. ދުވަހަކުވެސް މާފުނުކުރުމެވެ. ކަލޭފަދަ މީހަކާއި އިނދެގެން އިރުކޮޅަކުނަމަވެސް ނުއުޅުމެވެ. ވަރިވުމެވެ. 4 އަނބިން ހަމަކުރުމުގެ ޙައްޤު ކަލެއަށް ލިބިގެންވާ ފަދައިން އެކުގައި އުޅެން ބޭނުން ނުވާނަމަ ވަރިވުމަކީ އަނބިމިހާއަށް ލިބިގެންވާ ޙައްޤެއް ނޫން ހެއްޔެވެ؟ އެހެންވީމާ އަހަރެން މިބޭނުންކުރީ އަހަރެންގެ ޙައްޤެވެ. އަވަހަށް ވަރިކޮށްފައި ގެއިން ނުކުންނާށެވެ! ބޭނުންނަމަ އެ ނަޖިސް އެނދާއި ގޮދަޑިވެސް ގެންދާށެވެ. ކައިވެނިކޮށްގެން ނިދާނެ އެނދުވެސް ބޭނުންވާނެ ނޫން ހެއްޔެވެ؟ އަހަރެން ކަލެއަކާއި ރުޅިވެރިކަމެއް ނެތެވެ. ނަމަވެސް ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އަދި ރަނގަޅީ  ދުވަހަކުވެސް އަހަރެންގެ ކުރިމައްޗަށް ނޭރިއްޔާއެވެ. އެންމެ ފަހަރަކުވެސް ކަލެއާ ކުރިމަތިލާކަށްވެސް ބޭނުމެއް ނޫނެވެ."  

އޭނާ އާއި އޭނާގެ މައިންބަފައިން ވަރަށް ދެރަވެގެން ތިބެ ލޮލުން ކަރުނައަޅަމުން ގެއިން ނުކުމެގެންދިއައީއެވެ.  

މިވާހަކަ ކިޔާފައި ވަރަށް ގިނަ ކަންކަން ހިތަށް އެރިއެވެ. ފިރިހެނުންގެ ޠަބީޢަތްކަމަށް ޤަބޫލުކޮށް އުޅޭނެހައި ގޮތަކަށް އުޅެން ދޫކޮށްލުމެއް ނެތެވެ. އަނބިމީހާގެ ފަސްބައިގައި އެލިގެންއޮވެ ދިރިއުޅެމުން 4 އަނބިން ހަމަކުރުމުގެ ޙައްޤުގެވާހަކަ ދައްކާ ފިރިންނަށް އަނބިންގެވެސް ޙައްޤެއް އެބައޮތްކަން އަނގައިދޭން އެބަޖެހެއެވެ.  

އަދި އެއަކަމެއް ފާހަގަކޮށްލާނަމެވެ. އިތުރު އަނބިން ހަމަކުރަން ލޯބިވާ މީހާ އަނބިމީހާގެ ގެއަށް ވައްދައި އަނބިމީހާގެ އެނދުގައި ގެންގުޅުން ފަދަ ކަންކަން ކުރާއިރު އަޅެ ހިތަށް ހަމަ އަސަރެއްވެސް ނުކުރަނީ ހެއްޔެވެ؟  

މިއީ އަޅުގަނޑުގެ އެކުވެރި އަންހެނަކަށް ކުރިމަތިވި ކަމެކެވެ. މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް ހީކުރަމެވެ.

 

- ސަލްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން