މިއަހަރުގެ މިހާތަނަށް 29 ދަރިވަރަކު ޤުރުއާން ހިތުދަސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
މިއަހަރުގެ މިހާތަނަށް 29 ދަރިވަރަކު ޤުރުއާން ހިތުދަސްކޮށްފި

މިއަހަރުގެ މިހާތަނަށް 29 ދަރިވަރަކު ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކޮށްފައިވާ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަކޮށްފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ދައުލަތުގެ މީޑިއާއަށް ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު ޤުރުއާން ހިތުދަސްކުރި ދަރިވަރުންގެ ތެރޭގައި އެކި އުމުރުފުރާތަކުގެ ކުދިންނާއި މީހުން ހިމެނެއެވެ. އޭގެ ތެރޭގައި 13 އަހަރުގެ 4 ކުދިންނާއި، 15 އަހަރުގެ 5 ކުދިން އަދި 16 އަހަރުގެ 4 ކުދިން ހިމެނެއެވެ. މީގެއިތުރުން 18 އަހަރުގެ 2 ކުއްޖަކާއި، 19 އަހަރުގެ 2 ކުއްޖެއްގެ އިތުރުން 23 އަހަރުގެ ކުއްޖަކު ވެސް ވަނީ މިއަހަރު ޤުރުއާން ހިތުދަސްކޮށްފައެވެ.

ޒުވާން އުމުރުފުރައިގެ އިތުރުން، އުމުރުން 43 އަހަރުން މަތީގެ 4 މީހަކުވެސް މިއަހަރުގެ ތެރޭގައި ޤުރުއާން ހިތުދަސްކޮށްފައިވާ ކަމަށް އެ މަރުކަޒުން މަޢުލޫމާތު ދެއެވެ. މި އަދަދުތަކާއެކު މިހާތަނަށް ރާއްޖޭގައި ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކުރި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 320 އަށް އަރާފައެވެ.

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މަރުކަޒުން ހިންގާ ޤުރުއާން ހިތުދަސްކުރާ ކްލާސްތަކުގައި މިހާރުވެސް 1،185 ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލުކުރަމުންނެވެ. މި ކުލާސްތަކުގައި އުމުރުން 7 އަހަރުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ދޮށީ އުމުރުގެ ފަރާތްތައްވެސް ބައިވެރިވެއެވެ. މީގެ އިތުރުން، 3 ދަރިވަރަކު މިހާރުވެސް ޤުރުއާން ހިތުދަސްކޮށް ނިންމުމަށްފަހު ކޮމިޓީއަށް ކިޔައިދެމުން އަންނަކަމަށް އެ މަރުކަޒުން ބުނެއެވެ.

މިއަދު އޮންލައިން