ޔުނިވަރސިޓީއެއްގެ މަޤްޞަދަކީ ހަމައެކަނި ކިޔަވައިދިނުން ނޫންކަމަށާއި، މުޖުތަމަޢަށް ޚިދުމަތް ކުރުމާއި ޢިލްމީ އައު ހޯދުންތަކާއި ދިރާސާތައް ކުރުމާއި މިކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރުގެ ވާހަކަފުޅުގައި، އެކަންކަން ކުރަމުންދާކަން އައިޔޫއެމްއިން ކަށަވަރުކޮށްދެމުން އަންނަކަމަށް ވިދާޅުވެ، ޢިލްމީގޮތުން މުޖުތަމަޢު ނުވަތަ އިންސާނިއްޔަތު ބިނާކުރުމަކީ މަތިވެރި ވާޖިބެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ "ﷲ އައްޒަވަޖަލް އިންސާނާ އުފައްދަވާފައި ބިންމަތީގައި ޚަލީފާވެރިކުރެއްވީކީ އެކަންޏެއް ނޫން. ޚަލީފާވެރި ކުރެއްވީ ޢިލްމުވެރިކަމާއެކު. އަދި ޢިލްމުވެރިކުރެއްވީކީ އެކަންޏެއްވެސް ނޫން. ޢިލްމު ބަޔާން ކުރެއްވުމުގެ މަތިވެރި ނިޢުމަތްވެސް ދެއްވި. އެނގޭމީހުންނާއި ނޭނގޭ މީހުންގެ ތަފާތު. އަދި ޢިލްމަކީ ނަބީބޭކަލުންގެ ތަރިކަ ކަމުގައި ﷲ އައްޒަވަޖަލް ވަނީ ލައްވާފައި،" ކަމަށެވެ.
މީގެއިތުރުން، އައިޔޫއެމްގެ ރިސަރޗް ސެންޓަރުން ކުރަމުންދާ ބުރަ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން، މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ ކޮންފަރެންސަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސްޕޮންސަރ ދެއްވާނެކަމަށް ވަޒީރު އިޢުލާނު ކުރެއްވިއެވެ. އަދި މިފަދަ މަސައްކަތްތަކަކީ މުޖުތަމަޢުގެ އެއްބަޔަކު އަނެއްބަޔަކު ވާގިވެރިވެ، އެހީތެރިވެގެން ކުރިއަށްގެންދެވޭނެ ކަންކަން ކަމުގައިވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.