އެސްއެމްއީ ޑިޖިޓަލްގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިތުރު މުހިންމު ކުރިއެރުމެއް ހޯދައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ހިދުމަތްތައް ހޯދޭނެއެވެ.
ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި އެޕްލިކޭޝަން މެދުވެރިކޮށް އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތަކަށް އެދުމާއި، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ވަގުތުން ބަލައިލެވޭނެއެވެ. މީގެއިތުރުން ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީތައް ބަލައި މެނޭޖްކުރުމާއި، ފެސިލިޓީތަކަށް ފައިސާ ދެއްކުމުގެ އިތުރުން ވަގުތުން ނޮޓިފިކޭޝަންތައް ލިބި، އެސްއެމްއީ ޑިޖިޓަލްއާ މުއާމަލާތް ކުރުމުގެ އިންތިޒާމުވެސް މި އެޕުން ވަނީ ހަމަޖައްސައިދީފައެވެ.
މޮބައިލް އެޕް އިފްތިތާހު ކުރުމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، "އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް ހިދުމަތްތައް ހޯދުމާއި މެނޭޖްކުރުން ފަސޭހަކޮށްދޭނެ ޑިޖިޓަލް ހައްލުތައް ހޯދައިދިނުމަށް. އަޅުގަނޑުމެންގެ މޮބައިލް އެޕް ތައާރަފުކުރުމުން ރަމްޒުކޮށްދެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، އަވަސް އަދި ފަސޭހަ މާލީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށް ވުމަށް އަޅުގަނޑުމެން ކުރާ ދަތުރުގައި ލިބުނު އިތުރު މުހިންމު ކުރިއެރުމެއް. ކުރިއަށް އޮތްތަނުގައި އާފީޗާތައް މޯބައިލް އެޕަށް އިތުރު ކުރެވޭނެ."
މުސްތަގުބަލުގައި މި އެޕްލިކޭޝަން މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ވިއްކޭނެ މާކެޓް ޕްލޭސެއް ހިމެނޭހެން އިތުރު ހިދުމަތްތަކެއް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ. އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ދާދި އަވަހަށް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ އިން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، އެޕް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވޭނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. އަދި ކަސްޓަމަރުންގެ އެކައުންޓަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމުން އެކަން އަންގާނެއެވެ.
މި އެޕްލިކޭޝަނަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި ވިޔަފާރިތަކަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދީ، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ގެންގުޅޭ ފުޅާ ތަސައްވަރުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.