ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 10.4 އިންސައްތަ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 8ސ
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 10.4 އިންސައްތަ އިތުރުވެއްޖެ

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ފާއިތުވެދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުން، 20 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.61 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 25.00 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި އާމްދަނީ އިތުރުވުމަށް އެންމެ ބޮޑު ބާރަކަށްވީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީއެވެ.

ޓީ.ޖީ.އެސް.ޓީ އަކީ ދައުލަތުގެ އާމްދަނީގެ މައިގަނޑު އެއް ބައިގެ ގޮތުގައި ދެމިއޮތްއިރު، 20 އޯގަސްޓް 2026 ގެ ނިޔަލަށް މި ދާއިރާއިން 7.39 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 6.88 ބިލިއަން ރުފިޔާއަށްވުރެ 512.1 މިލިއަން ރުފިޔާ ނުވަތަ 7.4 އިންސައްތަ އިތުރު އަދަދެކެވެ.

ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ އާމްދަނީ ވެސް ވަނީ ކުރިއަރާފައެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 4.60 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު 5.55 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 944.3 މިލިއަން ރުފިޔާ ނުވަތަ 20.5 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިމެނޭ ކޯޕަރޭޓް އިންކަމް ޓެކްސް 7.1 އިންސައްތަ އިތުރުވެ 2.86 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކްސް 10.2 އިންސައްތަ އިތުރުވެ 924.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ވިޔަފާރިއާއި މުދަލުގެ އެހެނިހެން ޓެކުހުން ލިބުނު އާމްދަނީ 87.9 އިންސައްތަ އިތުރުވެ 1.39 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ޖުމްލަ ޓެކްސް އާމްދަނީ 21.48 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.1 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީ 16.6 އިންސައްތަ އިތުރުވެ 2.19 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު ޖީ.އެސް.ޓީ 10.8 އިންސައްތަ އިތުރުވެ 3.53 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ގްރީން ޓެކްސް 6.2 އިންސައްތަ އިތުރުވެ 1.40 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ވަނީ 13.4 އިންސައްތަ އިތުރުވެ 1.24 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ 15.2 އިންސައްތަ އިތުރުވެ 1.27 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުދަލުން ލިބުނު އާމްދަނީ 31.9 އިންސައްތަ އިތުރުވެ 1.68 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ދެގުނައަށްވުރެ އިތުރުވެ، 105.7 އިންސައްތައިގެ ކުރިއެރުމަކާއެކު 455.7 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ޚަރަދުތަކަށް ބަލާއިރު، ރިކަރަންޓް ޚަރަދުއާއި، ކެޕިޓަލް ޚަރަދުގެ ޖުމްލަ ހުރީ 28.74 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 24.09 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.3 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 25.00 ބިލިއަން ރުފިޔާ ނުވަތަ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20.8 އިންސައްތަ އިތުރަށް ހޭދަކޮށްފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.75 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއީ މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު 10.2 އިންސައްތަ އިތުރު އަދަދެކެވެ.

ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން ފާއިތުވެދިޔަ ހަފުތާގައި އެންމެ ބޮޑަށް އިތުރުވެފައިވަނީ ކައުންސިލްތަކަށް ދޭ ގްރާންޓެވެ. ކައުންސިލް ގްރާންޓްގެ ގޮތުގައި ޖުމްލަ 1.66 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 227.2 މިލިއަން ރުފިޔާ ނުވަތަ 15.8 އިންސައްތައިގެ އިތުރުވުމެކެވެ. އެހެނިހެން ރިކަރަންޓް ޚަރަދުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރަށްވުރެ 11.1 އިންސައްތަ އިތުރު އަދަދެކެވެ. އިދާރީ އަދި ހިންގުމުގެ ޚަރަދުތައް 27.0 އިންސައްތަ އިތުރުވެ 15.54 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރޭގައި ހިމެނޭ އެހީއާއި ސަބްސިޑީގެ ޚަރަދުތައް ވަނީ 43.0 އިންސައްތަ އިތުރުވެ 8.47 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ސަބްސިޑީއަށް ކުރި ޚަރަދު 76.3 އިންސައްތަ އިތުރުވެ 3.54 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ޚަރަދު 13.5 އިންސައްތަ އިތުރުވެ 1.43 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ކެޕިޓަލް ޚަރަދުގެ ދަށުން، އިންފްރާސްޓްރަކްޗަރ ވަސީލަތްތަކަށް 3.26 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު ހޭދަކުރި 2.99 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.1 އިންސައްތައިގެ އިތުރުވުމެކެވެ. ކެޕިޓަލް ޚަރަދު އިތުރުވުމުގައި އިންފްރާސްޓްރަކްޗަރގެ އެކި ދާއިރާތަކަށް ކުރި ހޭދަ ބޮޑު ދައުރެއް އަދާކޮށްފައިވެއެވެ. ބިމާއި އިމާރާތްތަކަށް ކުރި ޚަރަދު 47.1 އިންސައްތަ އިތުރުވެ 1.20 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ފާލަންތަކާއި ބަނދަރު ހެދުމަށް ކުރި ޚަރަދު 63.9 އިންސައްތަ އިތުރުވެ 284.5 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ނަމަވެސް، މަގުތަކާއި ބްރިޖް އަދި އެއާޕޯޓްތަކަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 32.1 އިންސައްތަ ދަށްވެ، 961.3 މިލިއަން ރުފިޔާއަށް މަދުވެފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މައިގަނޑު ޓެކްސްތަކުން ލިބޭ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ އާމްދަނީ ދަނީ އަހަރުން އަހަރަށް ކުރިއަރަމުންނެވެ. ހަމައެއާއެކު ކައުންސިލް ގްރާން

ހަބަރު: ސަރުކާރު

މިއަދު އޮންލައިން