ޖުވާކުޅުން ޢާންމުވީ އެމްޑީޕީގެ ވެރިކަމުގަ މަޖިލީހުން އެކަމަށް ކުރި ކެންޕޭނުން!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޖުވާކުޅުން ޢާންމުވީ އެމްޑީޕީގެ ވެރިކަމުގަ މަޖިލީހުން އެކަމަށް ކުރި ކެންޕޭނުން!

ރާއްޖޭގައި ޖުވާކުޅޭ ތަންތަން ނެތަސް ޖުވާކުޅުން މިވަނީ ޢާންމުވެފައެވެ. އަތުގައި އޮންނަ ފޯނުން ޖުވާކުޅޭތީއެވެ. މިއީ ކުރިން ރާއްޖޭގައި އޮތްކަމެއް ނޫނެވެ. މިކަން މިހައި ބޮޑަށް ޢާންމުވެ ފެތުރިގެންދިއައީ ނިމިގެންދިއަ މަޖިލީހުގައި، އެމްޑީޕީގެ ދައުރުގައި މަޖިލީހުން ލައިވްކޮށްގެން އެކަމަށް ކުރި ކެންޕޭނުގެ ސަބަބުންނެވެ.  

އެއިރު ޤައުމުގެ ރައީސްކަމާއި މަޖިލީހުގެ ރައީސްކަންވެސް އޮތީ އެމްޑީޕީއަށެވެ. އެހެންވީމާ ރަނގަޅަށް ވިސްނުމުން އެނގޭ ކަމަކީ މިއީ އެމްޑީޕީން ފައުޅުގައި ހިންގި ކެޕޭނެއް ކަމެވެ. ކެންޕޭނުގެ ސަބަބުން މަޅީގައި ޖެހުނު މީހުންގެ ސަބަބުން މިއަދު އަނބިދަރިން އެގެންދަނީ ހިތާމަކުރަމުންނެވެ. ގެއަށް ޚަރަދުކުރަންހުރި ފައިށާކޮޅު ޖުވާކުޅެން ޚަރަދުކުރާތީއެވެ. ފިރިން ދަރަނިވެރިވާތީއެވެ. މިއީ ރައްޔިތުން ދެކެ އެއްވެސް ވަރަކަށް ލޯބިވާ ނުވަތަ ހެޔޮއެދޭ ބައަކު ކުރާނެ ކަމެއް ނޫނެވެ. 

އެއިރުވެސް އެކަންވާނީ މިއަދުނޫހުން ފާހަގަކޮށް ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.  

ގުޅުންހުރި ލިޔުމެއް-: 

ނިމިގެންދިއަ 5 އަހަރު މަޖިލީހުގެ ތަޅުމުން އެންމެ ގަދައަށް އަޑުއިވުނު އެއްވާހަކައަކީ ރާއްޖޭގައި ޖުވާކުޅެން ހުއްދަކުރުމާއި އެކަމުން ލިބޭނެ ފައިދާތަކުގެ ވާހަކައެވެ. އެވާހަކަތަކަށް މަޖިލީހުގެ ރިޔާސަތުން ގެންދިއައީ ހިތްވަރުދެމުންކަން އެއީ ޖަލްސާތައް ބެލި ކޮންމެ މީހަކަށް ޔަޤީންކުރެވޭނެ ކަމެކެވެ.  

މިވާހަކަތައް މަޖިލީހުގެ ތަޅުމުގައި ދައްކަމުން ގެންދިއައީ ވަރަށް ބޮޑަށް ރާވައިގެން ހީލަތްތެރި ގޮތެއްގައެވެ. އެކަން އެނެގެނީ ރާއްޖޭގައި ޖުވާކުޅުން މަނާކުރާ ޤާނޫނެއް ނެތްތަނުގައި ދޭނެ އަދަބެއްވެސް ބަޔާންކޮށްފައި ނެތުމުންނެވެ. ވީމާ މިއީ ދުރާލައި ރާވައިގެން އަނބުރަމުން އައިސްފައިވާ ވިހަ ގޭސްގަނޑެއްކަން މިވަނީ އެނގި ޔަޤީންވެފައެވެ. 

ރާއްޖޭގައި ޖުވާކުޅުމުގެ ހުއްދަ ދީފައި ނުވިނަމަވެސް ރާއްޖޭގައި ޖުވާކުޅުމުގެ އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެކަން ހުއްޓުވަން ފުލުހުންނަށް ކުރެވެންހުރި މަސައްކަތްތައް ވަނީ ކޮށްފައެވެ. އެހެންކަމަށްވާއިރު ޖުވާކުޅުން މަނާކޮށް އަދި އެކަންކުރާ ބައަކަށް ދޭނެ އަދަބެއް ޤާނޫނުގައި ބަޔާންކޮށްފައި ނެތުމަކީ ކޮންފަދަ ބޮޑު ޖަރީމާއެއްކަމާއިމެދު ސުވާލުއުފެދެއެވެ.  

މިއަދުނޫހަށް އެނގިފައިވާ ގޮތުގައި ރާއްޖޭގައި ޖުވާކުޅުމަކީ ކުށެއްކަމަށް ޤާނޫނުގައި ބަޔާންކުރަން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ރާއްޖޭގައި ޢާންމުވެފައިވާ ކުށްތައް ހުއްޓުވުމަށާއި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

މިއަދު އޮންލައިން