ސައިންސާއި، އިންޖިނިއަރިންގ އަދި ހިސާބުގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރާ ފަރާތްތަކަށް، ރާއްޖޭގައި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، "ދަ ޕަލްސް" ޕުރޮގުރާމުގެ 7 ވަނަ އެޕިސޯޑުގައި، އިންޖިނިއަރިންގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދެ ދަރިވަރުންނާ ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދު ފާހަގަކުރަމުންދާ، ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި "ދަ ޕަލްސް" ގެ މިރޭގެ އެޕިސޯޑު ޚާއްޞަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ، އިންޖިނިއަރިންގެ ދާއިރާގައި ކުރެއްވި މަސައްކަތްޕުޅުގެ މައްޗަށާއި، އިންޖިނިއަރިންގ ދާއިރާ އިން ދިވެހިރާއްޖޭގައި ހުރި ފުރުޞަތުތަކާއި އެ ފަންނުގެ މުސްތަޤުބަލާމެދު އެމަނިކުފާނާއި ދެ ދަރިވަރުން ކުރެއްވި ދިރާސީ މަޝްވަރާއަށެވެ.
މި މަޝްވަރާގައި އެމަނިކުފާނާއެކު ބައިވެރިވެވަޑައިގެންފައިވަނީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮޓިންގހަމް ގައި، ބެޗެލަރ އޮފް އިންޖިނިއަރިންގ (އޮނަރސް) އިން އާކިޓެކްޗަރަލް އެންވަޔަރަމަންޓަލް އިންޖިނިއަރިންގ ކިޔަވަމުންދާ ދަރިވަރު، ޢާއިޝަތު ލީން ނާޒިމް އާއި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގހަމް ގައި ބެޗެލަރ އޮފް އިންޖިނިއަރިންގ (އޮނަރސް) އިން މެކޭނިކަލް އިންޖިނިއަރިންގ ކިޔަވަމުންދާ ދަރިވަރު، މަޚްތޫމް ބިން ޙުސައިންއެވެ.
އިންޖިނިއަރިންގ ފަދަ ސައިންސަށް ބަރޯސާވާ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގައި ހުރި ފުރުޞަތުތަކާމެދު ދަރިވަރުން ކުރެއްވި ސުވާލުގެ ޖަވާބުގައި އެމަނިކުފާނު ވަނީ، އެފަދަ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހިތްވަރުދެއްވުމަށާއި ވަޒީފާގެ ފުރުޞަތުތައް ފަހިކުރެއްވުމަށް ސަރުކާރުން ކުރައްވަން ނިންމަވާފައިވާ ބައެއް ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން، ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުން ކިޔަވާނޭ ސްޓްރީމް އިޚުތިޔާރުކުރާ ހިސާބުންވެސް، ސައިންސްގެ އަދި ހިސާބު މާއްދާތަކާއެކު ހުރި ފުރުޞަތުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، ހަޔަރ އެޑިއުކޭޝަން ލޯން ދޫކުރުމުގައި އެފަދަ ދާއިރާތަކަށް އިސްކަންދިނުމާއި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ތެރެއިން އެފަދަ ވަޒީފާގެ ފުރުޞަތުތައް ފަހިކުރެވޭނޭ ފަދަ ސިޔާސަތުތައް ބައްޓަންކުރައްވަމުން ގެންދަވާނޭކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި، ސަރުކާރުން ދޫކުރާ މަތީ ތަޢުލީމުގެ ލޯނުގެ ދެބައިކުޅަ އެއްބައި، ސައިންސް، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ބޭސްޑް ދާއިރާތަކަށް ޚާއްޞަކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ، ކުރިއަށް އޮތް 3 އަހަރާއި 5 އަހަރާ ދެމެދުގައި ދިވެހި ފަންނުވެރިން މި ދާއިރާތަކުގައި ނަގާކިޔާ މަންޒަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދަރިވަރުންނާ މަޝްވަރާކުރައްވަމުން އެމަނިކުފާނު ވަނީ، ސިންދަފާތުގޮތެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، 2028 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖެއަށް ބޭނުންވާ ހަކަތައިގެ މަދުވެގެން ތިރީސް އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން، ކަނޑުގެ ލޮނުގަނޑުން ހަކަތަ އުފެއްދުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުންވެސް ދިރާސާކުރެވެންވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިޔާދަނުކުރެވޭ ހަކަތައިން އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަރުޙަލާ ކުރިއަށްދަނީ، ވަށާޖެހޭ ގޮތެއްގައިކަން ކަށަވަރުކުރެއްވުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދަ ޕަލްސް" ގެ މިރޭގެ އެޕިސޯޑުގައި ވަނީ، އިންޖިނިއަރެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ ވަނަވަރު ދައްކުވައިދޭ ރިޕޯޓެއް ގެނެސްދެއްވާފައެވެ. މި ރިޕޯޓަށް، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، އެމަނިކުފާނުގެ ތަޢުލީމީ ޙަޔާތާއި ޚިދުމަތުގެ ޙަޔާތުގައި ބައްދަލުވެވަޑައިގެންނެވި މަސައްކަތްތެރީންނާއި، ރަޙުމަތްތެރީންނާއި، މުދައްރިބުންގެ ބަސްދީގަތުންވެސް ހިމަނާފައިވެއެވެ.