ޕީއެންސީގެ މަތީ މަޖިލީހުގެ 49 މަޤާމަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންގާރަ ދުވަހު ހުޅުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޕީއެންސީގެ މަތީ މަޖިލީހުގެ 49 މަޤާމަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންގާރަ ދުވަހު ހުޅުވާލަނީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާނެކަން އެ ޕާޓީން ހާމަކޮށްފިއެވެ. އެ ޕާޓީގެ މަތީ މަޖިލީސް ނުވަތަ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރ މަހުގެ 15 އިން 18 އަށެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މަތީ މަޖިލީހުގެ ޖުމްލަ 49 މަޤާމަކަށް މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިގެންދާނެ ކަމަށާއި، ކުރިމަތިލުމުގެ ހުރިހާ މަރުޙަލާއެއްވެސް ކުރިއަށްދާނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކަމަށް އޭނާ ހާމަކުރެއްވިއެވެ.

ޕީއެންސީގެ މަތީ މަޖިލީހަށް އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ނައިބު ރައީސްކަމުގެ 6 މަޤާމާއި، މެންބަރުންގެ މަޖިލީހުގެ 18 މަޤާމު ހިމެނެއެވެ. މީގެއިތުރުން، މެންބަރުންގެ މަޖިލީހަށް އަންހެނުންނަށް ޚާއްޞަ 10 މަޤާމާއި، ޒުވާނުންނަށް ޚާއްޞަ 7 މަޤާމުގެ އިތުރުން، އަންހެނުންގެ ހަރަކާތުގެ 4 މަޤާމާއި ޒުވާނުންގެ ހަރަކާތުގެ 4 މަޤާމަށް މެންބަރުން އިންތިޚާބު ކުރެވޭނެއެވެ.

މީގެއިތުރުން، އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޕޮލިސް ރެކޯޑާއި ކުށުގެ ރެކޯޑަކީ 1 މަސްދުވަސް ހަމަނުވާ ރެކޯޑުތަކަކަށް ވާންޖެހޭނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ޕާޓީގެ ކޮންގްރެސްގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިރުޒުލް އިތުރަށް ވިދާޅުވީ، އަސާސީ ޤަވާއިދާ އެއްގޮތަށް މަތީ މަޖިލީހުގައި ތިއްބަވާ މަޤާމުތަކުގެ ފަރާތްތަކަށް މިހާރު ދައުވަތު ފޮނުވިފައިވާ ކަމަށާއި، މިވަގުތު ކުރިއަށްދަނީ އިދާރީ އެކި ކަންކަން ހަމަޖެއްސުމުގެ މަސައްކަތްތައް ކަމަށެވެ.

މިއަދު އޮންލައިން