ޢިބްރަތްތެރި ވާހަކަ: ދެން ބައްދަލުވެވޭނެ މަގެއް ފެންނަން ނެތްއިރުވެސް މަންމަ ހޯދަމުން ހިނގި ކުޑަދަރިފުޅަށް މަންމަފެނި އުފާވެރިކަން ލިބުނު އަސަރުގަދަ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 42ސ
ޢިބްރަތްތެރި ވާހަކަ: ދެން ބައްދަލުވެވޭނެ މަގެއް ފެންނަން ނެތްއިރުވެސް މަންމަ ހޯދަމުން ހިނގި ކުޑަދަރިފުޅަށް މަންމަފެނި އުފާވެރިކަން ލިބުނު އަސަރުގަދަ ޙާދިސާއެއްގެ ވާހަކަ-

ތެދުވެރި ހިތަކަށް ނަމަވެސް ވިސްނޭ ކޮންމެ ކަމެއް ޙަޤީޤަތެއްގެ ގޮތުގައި ލޮލަށް ނުފެނިދާނެއެވެ. ހަމައެގޮތަށް ލޮލަށް ފެނިފައިވެސް އެބަހުއްޓެވެ. ޠޯހިރު ހިތް ތެދުވާނެ ކަމަށް ބުނެވެނީ އެހެންވެގެންނެވެ.  

ތިރީގައި އެވަނީ އެފަދަ ހާދިސާއެއްގެ  ވާހަކައެވެ. ނުބައި ބައްޕައެއްގެ ސަބަބުން ދެމައިންނަށް ބައްދަލުވެވޭނެ މަގެއް ފެންނަން ނެތްއިރުވެސް އެކަކު އަނެކަކަށް އިންތިޒާރުކުރި ދެމައިންނަށް ބައްދަލުވެވުނު ގޮތުގެ ވާހަކައެވެ. އަސަރުގަދައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަހަރެންނަށް ފެންނަނީ އުދުހެވޭތަނެވެ. އުދުހިފައި ތަންކޮޅަކަށް ދެވުނުތަނާ އިވެނީ ދަރިފުޅުގެ އަޑެވެ. އޭނާބަލައި އަންނާށޭ ގޮވާއަޑެވެ. ދެން އެނބުރިގޮސް ދަރިފުޅުގައިގައި ބައްދާލެވުނުތަނާ ހޭލެވެނީއެވެ. ހޭލެވުނުއިރު އޮވެވުނީ ހޮސްޕިޓަލެއްގައެވެ. ހޭލެވުމާއިއެކު ޑޮކްޓަރުންނާއި ނަރުހުންތައް ދުވެފައި އައިސް ބައްދާލައިފިއެވެ.

6 މަސްދުވަހު ކޯމާއެއްގައި އޮތުމަށްފަހު ހޭއެރީއެވެ. އެހިސާބުން ކަންކަން ހަނދާންވާން ފަށައިފިއެވެ. ދަރިފުޅާއި ފިރިމީހާ ކޮބައިތޯ ސުވާލުކުރުމުން ބުނީ ފިރިމީހާއަށް ގުޅައިފިން ކަމަށާއި މިހާރު އެބަ އަންނަކަމަށެވެ. ފިރިމީހާ އައުމުން ދަރިފުޅު ކޮބައިތޯ ސުވާލުކުރުމުން ބުނީ އެކްސިޑެންޓަގައި މަރުވެގެން ވަޅުލާފައިވާ ކަމަށެވެ.  

އެވާހަކަ އެހައި ބޮޑަކަށް ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް ޒުވާބެއް ނުކުރަމެވެ. އިތުރަކަށް ސުވާލެއްވެސް ނުކުރަމެވެ. ކެތްތެރިވެލައިގެން އޮތީއެވެ. ގެއަށްދެވުނީ 3 ހަފްތާ ފަހުންނެވެ. ގެއަށް ދެވުމުން ބެލިއިރު ދަރިފުޅުގެ ކޮޓަރިވެސް ވަނީ ހުސްކޮށްފައެވެ. ކުޅޭ އެއްޗެއްވެސް ނެތެވެ. އެކޮޓަރި ހުސްކޮށް އެއްޗެތިތައް އުކައިލީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ އެތަކެތި ފެނުމުން ދަރިފުޅުގެމަތިން ހަނދާންވެ އުނދަގޫވާތީ ކަމަށެވެ.  

ދުވަސްކޮޅަކުން އެނގުނީ ފިރިމީހާ ލޯބިވެރިއަކު ގެންގުޅޭކަމެވެ. އެކަން ހުއްޓާލަން ބުނެބުނެވެސް ހުއްޓާނުލުމުން ވަރިވެގެން ގެއިން ނުކުމެގެން ދިއައީއެވެ. ސިޓީވެސް ދޫކޮށް މަންމަމެންގެ ގާތަށެވެ. އެތަނުން ވަޒީފާއެއް ހޯދައިގެން އުޅެންފެށިތަނާ އެއްދުވަހެއްގެ ހަވީރު މަގުމަތީގައި ހުއްޓާ މަންމާއޭ ގޮވަމުން ދަރިފުޅު އައިސް އަހަރެންގެ ގައިގާ ބައްދައިގެންފިއެވެ.  

ވަރަށް ވަރުގަދަ ޝޮކެއް ލިބުނެވެ. ޙަޔާތުގައި ލިބުނު އެންމެ ބޮޑު ޝޮކަކީ އެއީއެވެ. ކޮންމެއަކަސް ދަރިފުޅު ގޮވައިގެންހުރި މީހާ ކިޔައިދިނެވެ. "ދަރިފުޅުގެ ބައްޕައަކީ ކާކުކަމެއް ނުއެނގެއެވެ. އަހަރެންނަށް މިދަރިފުޅު ލިބުނީ ޔަތީމްޚާނާއަކުންނެވެ. އެމީހުން ބުނީ ދަރިފުޅުގެ މަންމަ މަރުވެފައިވާ ކަމަށެވެ. ކަލެއަކީ ހަމަ މިދަރިފުޅުގެ މަންމަހެއްޔެވެ؟"  

އެގޮތަށް ސުވާލުކުރުމުން ކަންތައްތައް ހިނގައިދިއަގޮތް ކިޔައިދިނުމުން އޭނާ ބުންޏެވެ. "ދަރިފުޅު އޭނާގެ މަންމަ މަރުވި ކަމަކަށް ޤަބޫލެއް ނުކުރެއެވެ. ކޮންމެ ދުވަހަކު މަންމައަށް ގޮވާނެއެވެ. މަގެއްމައްޗަށް ނެރެފިނަމަ މަންމަ ފެނޭތޯ ހޯދާނެއެވެ. މިއަދު މިވަނީ ދަރިފުޅުގެ އުންމީދުތައް ޙަޤީޤަތަކަށްވެފައެވެ."

އެއީ ވަރަށް ރަނގަޅު ދެމަފިރިންނެވެ. އަހަރެންނަށް ދަރިފުޅު އަނބުރާ ދިނުމުގެ ބަދަލުގައި އެގެއަށް އަހަރެންވެސް ގެންދިއައީއެވެ. ދެމައިން އެގޭގައި ގެންގުޅެންފެށީއެވެ. ދުވަސްކޮޅެއްފަހުން ކައިވެނިކުރާނެ ރަނގަޅު ފިރިއަކުވެސް ހޯދައިދިނެވެ.  

ދިރިއުޅުން ހަމައަކަށް އެޅިލުމުން ދެމައިންނަށް ދިން ގެއްލުމުގެ ބަދަލުހޯދަން މައްސަލަ ހުށަހެޅީމެވެ. ދަރިފުޅު ދުނިޔޭގައި ހުއްޓައި ނެތްކަމަށްބުނެ އޮޅުވައިލުމާއި ބެލެންއޮވެމެ ނުބަލައި ޔަތީމްޚާނާއަކަށްލީ ކަމުގެ ކުށުގެ އަދަބަކަށް އޭނާއަށް 10 އަހަރުދުވަހުގެ ޖަލުޙުކުމެއް އިއްވިއެވެ. އަދި އެކަށީގެންވާ ރަނގަޅު ބަދަލެއްވެސް ނަގައިދިނެވެ.   

އެދުވަހު މައްސަލަ ނިންމުމަން އުޅެން ފެށުމުން ފިރިމީހާ މާފަށް އެދި ވަރަށް އާދޭސްކުރިއެވެ. ނަމަވެސް މާފުކުރުމުގެ ހިތްވަރެއް ނުލިބުނެވެ. އެއީ އޭނާ އަހަރެން ބާކީކޮށްލައި އެއްލައިލީތީއެއް ނޫނެވެ. ދަރިފުޅު ހެޔޮހާލުގައި ދުނިޔޭގައި ދިރިހުއްޓައި ވަޅުލިކަމަށްހެދީތީއެވެ. އަބަދާ އަބަދަށް ދަރިފުޅު ގެއްލުވައިލަން މަސައްކަތްކުރީތީއެވެ. ދަރިފުޅުގެ މައްޗަށް ކުޑަނަމަވެސް ރަޙުމެއް ހަމްދަރުދީއެއް ނެތީމައެވެ.  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔާފައި ހިތަށް އެރީ އެމީހުންގެ އަމިއްލަ އުފަލަށްޓަކައި ދަރިންނާއިމެދު މިހާއަނިޔާވެރިގޮތްގޮތަށް ކަންކަންކުރަން ޖެހިލުން ނުވާ ބައްޕައިން އެހެން މީހަކަށް ކުރާނީ ކޮން ރަޙުމެއް ހެއްޔެވެ؟ ވާހަކައިން އެނގެނީ އޭނާ ދަރިފުޅު އެއްލައިލީ ލޯބިވެރިޔާއާއެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވާތީކަމެވެ. ނުވަތަ ލޯބިވެރިޔާ އެދިގެންކަމެވެ.  

ރާއްޖޭގައި ދަރިން އެއްލައިލެވޭނެ ޔަތީމްޚާނާ ނެތުމުން އެގޮތަށް އެއްލައި ނުލެވުނު ނަމަވެސް ދަރިން ލޮލުން ދެކެނުލާ އެތައް ހާސް ބައްޕައިން އެބައުޅެއެވެ. މިކުރެވެނީ އެއްކަމެއް ނޫން ހެއްޔެވެ؟ އަޅުގަނޑުގެ ވިސްނުމުގައި އެއަނހެން މީހާ ކަންތައް އެކުރީ ހަމަ ރަނގަޅަށެވެ. ދަރިންނާއިމެދު އެގޮތަށް ކަންތައްކުރާ ބައްޕައިންނަށް މާފުކުރުމެއް ނެތެވެ. އޮތީ ހަމަ ބަދަލުހިފުމެވެ.  

އަޅުގަނޑުގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ. މިވާހަކަ ޙަޤީޤީ ޙާދިށާއެއްގެ ގޮތަށް މިއަދުނޫހަށް މިފޮނުވީ މިވާހަކަ ޑޯން ނޫހުގައި ޝާއިޢުކޮށްފައިވަނީ ޙަޤީޤީ ޙާދިސާއެއްގެ ގޮތުގައިކަމަސްވާތީއެވެ!

 

- އައިންތު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން