ކޮލެސްޓްރޯލް ހުންނަނަމަ ހަމައެކަނި ބޭހަކުން ނުފުދޭނެ! ވީވަރަކުން މިތަކެތި ކެއުމަށްވެސް ސަމާލުކަންދޭންވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 7ސ
ކޮލެސްޓްރޯލް ހުންނަނަމަ ހަމައެކަނި ބޭހަކުން ނުފުދޭނެ! ވީވަރަކުން މިތަކެތި ކެއުމަށްވެސް ސަމާލުކަންދޭންވާނެ!

އަޅުގަނޑުމެން ކެއުމުގައި ހިމަނާލާ އެއްޗެހިންނާއި އަޅުގަނޑުމެން ގެންގުޅޭ ބައެއް އާދަތަކުން ކޮލެސްޓްރޯލް ދަށްވެ ނުވަތަ މަތި ވުމަށް މަގުފަހިވެގެންދެއެވެ.

ކޮލެސްޓްރޯލް ހުންނަ ބޭފުޅުން ކެއުމުގައި ހަށިގަނޑުގައި ހުންނަ ގޯސް ކޮލެސްޓްރޯލް ދަށްކުރުމަށް އެހީތެރިވާނެ ބާވަތްތައް ކެއުމުގައި ހިމާނާލުން މުހިއްމުއެވެ. ކޮލެސްޓްރޯލް މަތިވެ ބައެއް ފަހަރު ހިތުގެ މައްސަލަތައް ކުރިމަތިވުމަށް މަގުފަހިވެގެންދެއެވެ. ވީމާ އަޅުގަނޑުމެންގެ ހަށިގަނޑުގައި މުހިއްމު ރޯލެއް އަދާކުރާ ހިތުގެ ދުޅަހެޔޮކަމަށްޓަކައި ކޮލެސްޓްރޯލް މަތިވިޔަ ނުދީ ހިފަހެއްޓުމަކީ މުހިއްމު ކަމެކެވެ.  

ކްލެސްޓްރޯލް ހުންނަ ފަރާތްތަކުން ކެއުމުގައި ހިމަނާލުން އެދެވިގެންވާ ބައެއް އެއްޗެހި: 

1. ބީންސް ( ތޮޅި )

2021 ވަނަ އަހަރު ކުރި ދިރަސާއަކުން ދައްކާ ގޮތުގައި ބީންސް ކެއުމުގައި ހިމަނާލި ފާރާތްތަކުގެ ކޮލެސްޓްރޯލް ދަށްވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މި ދިރާސާގައި ބައިވެރިވި ބައެއް ބައިވެރިންނަށް ހުދު ބަތް ދެވުނެވެ. އަދި ދެން ހުރި ބައިވެރިންނަށް ބީންސް ދެވުނެވެ. 29 ދުވަސް ފަހުން ކޮލެސްޓްރޯލް ޗެކް ކޮށްލިއިރު، ކޮންމެ ދުވަހަކު 1 ޖޯޑު ބީންސް ކެއުމުގައި ހިމަނާލި ބައިވެރިންގެ ކޮލެސްޓްރޯލްވަނީ ދިރާސާފެށި ފުރަތަމަ ދުވަހާއި އަޅާބަލާއިރު ވަރަށް ބޮޑުތަނުން ދަށްވެފައެވެ.

(Avocados)2. އެވޮކާޑޯ

އެވޮކާޑޯ ފާހަގަވެފައިވަނީ އެލްޑީއެލް ކޮލެސްޓްރޯލް ( ހަށިގަނޑަށް ގެއްލުން ހުންނަ ކޮލެސްޓްރޯލް) ދަށްކޮށް، އެޗްޑީއެލް ކޮލެސްޓްރޯލް ( ހަށިގަނޑަށް ފައިދާކުރުވަނި ކޮލެސްޓްރޯލް ) މަތިކުރުމަށް އެހީތެރިވެދޭ ދެ ނިއުޓްރިއެންޓް ކަމަށްވާ މޮނޯއަންސެޗުރޭޓެޑް ފެޓްސް އާއި ފައިބަރުން މުއްސަނދިވެފައިވާ މޭވާއެއްގެ ގޮތުގައެވެ.

2015 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު އެއް އެވޮކާޑާ ކެއުމުގައި ހިމަނާލި ބައިވެރިންގެ އެލްޑީއެލް ކޮލެސްޓްރޯލްވަނީ އެވޮކާޑާ ނުކައި ބައިވެރިންނަށްވުރެން ދަށްވެފައެވެ.  

3. ނަޓްސް ( ބަދަން )

2016 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް ސާރވިންއެއްގެ ( ކުޑަ އަތްގޮށްޓެއްގެ ) ނަޓްސް ކެއުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 30 ޕަސެންޓްއަށް ދަށްކޮށްދޭ ކަމެކެވެ. އާމަންޑުގައި ފައިޓޯސްޓެރޯލް ހިމެނެއެވެ. މިއީ އެލްޑީއެލް ކޮލެސްޓްރޯލް ދަށްކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. 

4. މޭވާ  

ގިނަ ބާވަތްތަކުގެ މޭވާއަކީ ސޮލިއުބަލް ފައިބަރުން މުއްސަނދި މޭވާތަކެކެވެ. މީގެ ސަބަބުން ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދެނީ ކޮލެސްޓްރޯލް ނައްތާލުމަށް ހަށިގަނޑަށް ހިތްވަރުދީ، ލިވާއިން މި ކޮމްޕައުންޑް އުފެއްދުން ހުއްޓުވައިގެންނެވެ.

2012 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ސޮލިއުބަލް ފައިބަރުގެ ބާވަތެއް ކަމަށްވާ ޕެކްޓިން އިން ކޮލެސްޓްރޯލް 10 ޕަސެންޓަށް ދަށްކޮށްދެއެވެ. ޕެކްޓިން ފެނިފައިވާ މޭވާތަކުގެ ތެރޭގައި އާފަލު، މޭބިސްކަދުރު، ސްޓޯބަރީ އަދި ސިޓްރަސް ( ހުތް ) މޭވާ ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ކޮލެސްޓްރޯލް ދަށް ކުރުމަށްޓަކައި ގިނައިން ތަރުކަރީއާއި ފެހިކަން ގަދަ ފަތް ކެއުމުގައި ހިމަނާލުން މުހިއްމުއެވެ.  ތެޔޮ ބޭނުން ކުރާނަމަ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް ( ޒައިތޫނި ތެޔޮ ) ބޭނުން ކުރުން ވަރަށް ރަނގަޅެވެ. މީގެ އިތުރުން ގަވައިދުން ކަސްރަތު ކުރުން ވަރަށް މުހިއްމެވެ.  

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.  

ލިޔުނީ: އުންމު ނަވާރު  

މަސްދަރު

https://www.healthline.com/nutrition/13-foods-that-lower-cholesterol-levels#faq

https://www.mayoclinic.org/diseases-conditions/high-blood-cholesterol/in-depth/cholesterol/art-20045192

މިއަދު އޮންލައިން