ދެރަވެ މާޔޫސްނުވާށެވެ! ކުރަން ބޭނުންވި ކަންތައް ނުކުރެވުމަކީ އެމީހަކަށް ލައްވަވާ ބޮޑު ރަހްމަތަކަށް ވެފައިވަނީ ކިތައް މީހުންނަށް ކަމާއިމެދު ވިސްނައިލީމަ އުފަލުން ހިތްފުރޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ދެރަވެ މާޔޫސްނުވާށެވެ! ކުރަން ބޭނުންވި ކަންތައް ނުކުރެވުމަކީ އެމީހަކަށް ލައްވަވާ ބޮޑު ރަހްމަތަކަށް ވެފައިވަނީ ކިތައް މީހުންނަށް ކަމާއިމެދު ވިސްނައިލީމަ އުފަލުން ހިތްފުރޭނެ!

މިރޭވެސް ފަށާނީ މިމިޘާލުންނެވެ! "ގާތް އެކުވެރިއަކާއި ދެމީހުން އެކުގައި ކުރަން އޮތް ދަތުރެކެވެ. އެންމެ ފަހުވަޤުތު ކުރިމަތިވި ކަންތައްތަކަކާއި ގުޅިގެން ނުގޮސް މަޑުކުރަންޖެހުނީއެވެ. އެކުވެރިޔާ ފުރީއެވެ. ދަތުރުގައި ފްލައިޓަށް ކުރިމަތިވި ކަމެއްގެ ސަބަބުން ވެއްޓި ދަތުރުކުރި އެންމެން މަރުވީއެވެ. އެކުވެރިޔާވެސް މަރުވީހެވެ. ޤަބޫލުކުރަންޖެހޭނީ އަހުރެންނަށްވެސް އެ ފްލައީޓުން ދަތުރުކުރެވުނު ނަމަ މަރުވީސް ކަމަށެވެ." 

މިވީ ކިހިނެއް ހެއްޔެވެ؟ އޭނާ ބޭނުންވި ގޮތަށް ދަތުރުނުކުރެވުނީތީ އޭނާގެ ފުރާނަ ސަލާމަތްވީ ނޫންހެއްޔެވެ؟ ތިމާ ބޭނުންވާ ކަންކަން ބޭނުންވާ ގޮތަށް ޙާޞިލުނުކުރެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަން މިމިޘާލުންވެސް އެނގިގެންދެއެވެ.   

ރަނގަޅަށް ނިކަން ވިސްނައިލަބަލާށެވެ! އެމީހަކު ކުރަން ބޭނުންވި ކަމެއް ކުރަން ބޭނުންވި ގޮތަށް ޙާޞިލު ނުކުރެވުމަކީ އެމީހާއަށް ކުރިމަތި ކުރެއްވެވި ބޮޑު ރަހްމަތެއް ކަމުގައި ވެފައިވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ ކުރަން މަސައްކަތް ކުރި ކަންތައް ކާމިޔާބުނުވުމަކީ ތިމާގެ މުޅި ހަޔާތުގެ ސަލާމަތްކަން ކަމުގައި ވެފައިވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ ހަމަ އެފަދައިން ކުރަން ބޭނުންވި ކަންތައް ޙާޞިލު ނުކުރެވުމުގެ ސަބަބުން ޙަޔާތައް މާބޮޑެތި ކުރިއެރުންތައް ލިބި ދިރުން ލިބުނީ ކިތައް މީހުންނަށް ހެއްޔެވެ؟  

އެމީހަކު ކުރަން ބޭނުންވެގެން އުޅޭ ކަމެއް ޙާޞިލު ނުކުރެވިއްޖެ ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެމީހަކު ބާކީވީކަމަށެވެ. އެކަން އެގޮތަށް މެދުވެރިވީ އެމީހާގެ ބަދުނަޞީބުން ކަމަށެވެ. ނަމަވެސް އެއީ ހަމަ ވަރަށް ގޯސް ނިންމުމެކެވެ.   

ކަންބޮޑުވެ މައްސަލައަކަށްވަނީ ކުރަން އުޅޭ ކަންކަން ނުކުރެވުމުން ކަންބޮޑުވާ ވަގުތު މިކަންކަމަށް ވިސްނައި ނުލެވޭތީއެވެ! ތިމާއަށް ދެރައެއް ލިބޭނެ ގޮތަކަށް ﷲ ތަޢާލާ އެއްވެސް ކަމެއް ނުކުރައްވަވާނެކަމުގެ ޔަޤީންކަން ހިތުގައި އޮންނަ މިންވަރު ކުޑަވާތީއެވެ.  

ކުރަން އުޅޭ ކަމެއް ނުކުރެވޭނެ ގޮތަށް ހުރިހާ ދޮރުތަކެއް ބަންދުކުރެވިފައިވާ ކަމަށް އަހަރެމެންނަށް ޤަބޫލުކުރެވިދާނެއެވެ. ނަމަވެސް ޔަޤީންކުރަންވީ އެދޮރެއްގެ ތަޅުދަނޑި ﷲ ތަޢާލާގެ ޙަޟްރަތުގައި ނުވާ އެއްވެސް ދޮރެއް ނުހުންނާނެ ކަމެވެ.  

ހުރިހާ މައްސަލަތަކެއްގެ ޙައްލުވެސް ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. އަހަރެމެންގެ ވާޖިބަކީ ﷲ ތަޢާލާއަށް ތެދުވެރިވުމެވެ. އިޚްލާޞްތެރިވުމެވެ. ﷲ ތައާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރުމުގައި ސާބިތުކަމާއިއެކު ދެމިތިބުމެވެ.  

އަހަރެމެންގެ ހުރިހާ ކަމެއް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އަހަރެމެންގެ ބޭނުންތައްވެސް ދެނެވޮޑިގެންވެއެވެ. ވީމާ ޔަޤީންކުރަންވީ އަހަރެމެންނަށް ދެރަވާނެ އެއްވެސް ގޮތަކަށް ﷲ ތަޢާލާ އެއްވެސް ކަމެއް މިންވަރު ނުކުރައްވަވާނެ ކަމެވެ. އަހަރެމެން އެދޭ ގޮތަށްވުރެ އަހަރެމެންނަށް ފައިދާހުރި ގޮތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމެވެ. މިގޮތަށް ވިސްނުން ބަހައްޓާނަމަ އެއްވެސް ކަމަކާއިމެދު ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން