ދެމަފިރިންވެސް ވިސްނާތި!: ތަނަވަސްކަން ކުޑަވެގެން ރޫޅޭ ކައިވެންޏަށްވުރެ ގިނައީ ބުނެވޭ ނުބައި ބަސްތަކުގެ ސަބަބުން ރޫޅޭ ކައިވެނި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދެމަފިރިންވެސް ވިސްނާތި!: ތަނަވަސްކަން ކުޑަވެގެން ރޫޅޭ ކައިވެންޏަށްވުރެ ގިނައީ ބުނެވޭ ނުބައި ބަސްތަކުގެ ސަބަބުން ރޫޅޭ ކައިވެނި!

ގިނަ ބައަކަށް ވިސްނިފައި އޮންނަނީ ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބަކީ ކުރިމަތިވާ މާލީ ދަތިކަން ނުވަތަ އަތްމަތިވުން ކަމަށެވެ. ނަމަވެސް ދިރާސާތަކުން އެނގޭގޮތް ތަފާތެވެ. ތަނަވަސްކަން ކުޑަވެގެން ރޫޅޭ ކައިވެންޏަށްވުރެ ގިނައީ މުޢާމަލާތުކުރުމުގައި ބުނެވޭ ނުބައި ބަސްތަކުގެ ސަބަބުން ރޫޅޭ ކައިވެނި ތަކެވެ.  

ކަނޑިފާރުގެ ހަނދާން ޒަޚަމް ފަށޭހަވުމުން ނެތިގެންދެއެވެ. ނަމަވެސް ހިތުފާރުގެ ހަނދާންތައް އެތައް އަހަރަކަށް ދެމިގެންދެއެވެ. ބައެއް ފަހަރު ޢުމުރަށްވެސް ދެމިގެންދެއެވެ. އެވާގޮތަކީ ކުކުޅުބިހަށްވާގޮތެވެ. ތެޅިއްޖެނަމަ ދެނެއް ނުގުޅުވޭނެއެވެ. ވީމާ ދެމަފިރިންވެސް އަނެކާއަށް ބަސްބުނަންވާނީ އެކަމަށް ވިސްނައިގެންނެވެ.

މިޘާލަކަށް "ކަލެއާ ކައިވެނިކުރެވުނުކަން އެއީ ހެދުނު އެންމެ ބޮޑު ގޯސް" ކަމަށް ފަދަ ބަސްތައް ނުބުނާށެވެ. ކިތަންމެ ބޮޑުކަމެއް ދިމާވިޔަސް އެއިގެ ބަދަލުގައި ބުނާށެވެ. "ވަރަށް ދެރަވެއްޖެއެވެ. މިއީ ވަރަށް ދެރަކޮށް ދިމާވިކަމެކެވެ. ވާހަކަދައްކައިގެން ޙައްލުކުރަންޖެހޭ ކަމެކެވެ. އިޞްލާޙްކުރަންޖެހޭ ކަމެކެވެ."  

ހަމައެއާއެކު އެކަކުވެސް އަނެކާއަށް ބުނެގެންނުވާނެ އެހެން ބަހެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ "ކަލޭ ދުވަހަކުވެސް އިޞްލާޙެއް ނުވާނެ!" ފަދަ ބަސްތަކެވެ. މިފަދަ ަބސްތައް ބުނުމަށްފަހު ދެމީހުން އެކުގައި އުޅުނަސް އެބަސްތައް ހަނދާން ނައްތައިލަން ވަރަށް އުނދަގޫވާނެއެވެ. ސަބަބަކީ އެފަދަ ބަސްތައް ބުނުމުން އަނެކާއަށް ޤަބޫލުކުރެވޭނީ އޭނާ ތިމާއާއިމެދު އުންމީދުކަނޑައިލީ ކަމަށެވެ. ތިމާ އިޞްލާޙްވުމަށް ނުއެދޭ ކަމަށެވެ.  

ވީމާ ކޮންމެ ދެމަފިރިއަކުވެސް ދުލުން ބުނެވޭ މިފަދަ ބަސްތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. އަނިޔާވެރި ބަސް ބުނުމުގެ ބަދަލުގައި އޯގާތެރި ބަސްތައް ބުނާށެވެ! އެއިރުން މައްސަލަތައް ޙައްލުކުރެވި ދިރިއުޅުމަށް ލިބޭ ކުރިއެރުން މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދުނޫސް

 

މިއަދު އޮންލައިން