އަހުރެމެން ދެމީހުން ކައިވެނިކޮށްގެން ދިރިއުޅެންފެށީ ވަކިންނެވެ. އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެންނެވެ. ފިރިމީހާވެސް އެގޮތް ބޭނުންވީމައެވެ. ދެމީހުންނަށްވެސް ވަޒިފާއަދާކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭތީއާއިވެސް އެކުގައެވެ.
މަހެއްހައި ދުވަސްވީތަނާ ގެދޫކޮށް މައިދައިތަ އަހުރެންގެ ގާތަށް އަތުވެއްޖެއެވެ. ބަފައިބެ އެކަނި ދޫކޮށްލައިފައެވެ. އެހީތެރިވާންހުރީ ނޯކަރަކު އެކަންޏެވެ. 3 ދުވަހަށް އައިމީހާ 3 މަސްވީރުވެސް ނުދިއައެވެ. ކުރާ ކަމަކީ ދެމަފިރިންގެ ބޯގޮއްވުމެވެ. އަނގަ ހުއްޓައިވެސް ނުލައެވެ. އަބަދު އިންނަނީ ކޮންމެވެސް ކަމަކާ ބެހިބެހިއެވެ.
އެކަން ބޮޑުވެގެން އެއްރޭ ކާން ތިބެފައި ފިރިމީހާގެ ބުނީމެވެ. "ބައްޕަ އެކަނި އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. ސުވާލުކުރިޔަސް އުޅޭޙާލެއްވެސް ބުނަނީއެއް ނޫނެވެ. ވީމާ ޤަޞްދުކުރަނީ ދުވަސްކޮޅަކު ބައްޕަގެ ގާތުގައިއިނދެލުމަށް އެގެއަށްބަދަލުވާށެވެ. ބައްޕަގެވެސް ހިތްހަމަޖައްސައިދޭންވާނެ ނޫންހެއްޔެވެ؟ ތިބާއަށް ވަޤުތުވާ ރެއަކު ނިދާލަން އައިމާ ބައްޕަވެސް ހުންނާނީ ވަރަށް އުފަލުންނެވެ. ދެން ތިއަ ދެމައިން މިގޭގައި ތިބީމާ ރަނގަޅުވާނެއެވެ."
މައިދައިތަގެ ސުވާލަކަށްވީ ގެބަލަހައްޓައި ފިރިމީހާގެ ކަންކަން ކޮށްދޭނީ ކާކުހެއްޔެވެ؟ އަހުރެން ބުނީ އެކަންކަން މަންމަ ކޮށްލައިދިނަސް ރަނގަޅުވާނެއެވެ. އެކަމަށް މީހަކު ހޯދުމުގެ ބޭނުމެއް ނެތެވެ." މައިދައިތަ ޖަވާބެއް ނުދެއެވެ. އެކަމަކު ހެނދުނު އަހުރެމެން ހޭލަންވާއިރަށް ގެއަށް ބަދަލުވެއްޖެއެވެ. އެއްވެސް މަސައްކަތެއް ނުކޮށް ނޯކަރުކުއްޖާ ލައްވައި ހުރިހާ ކަމެއް ކުރުވައިގެން ގޭގައި އިނދެވޭނެތީއެވެ.
މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވާހަކަކޮޅެކެވެ. ބުނެލަން ބޭނުންވަނީ ކަންކަން ދިމާވުމުން ބުއްދީގެ ބޭނުންކުރާށެވެ. ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ