ކޮންމެ ދެމަފިރިއަކުވެސް ދަންނާށެވެ! ހަމައެކެއްގެ ކުރިމަތީގައިވެސް ބައިވެރިޔާ ނިކަމެތިވާނެ ބަހެއް ނުބުނާށެވެ. އެފަދަ ކަމެއްވެސް ނުކުރާށެވެ! އެއީ ބައިވެރިޔާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެއީ ފަހުން މަސައްކަތްކުރިޔަސް ފޫބެއްދޭނެ އަނިޔާއެއް ނޫނެވެ.
ބައެއް ފމީހުން ގާތް އެކުވެރިންގެ ނުވަތަ އެންމެ މީހެއްގެ ކުރިމަތީގައި ނަމަވެސް ބައިވެރިޔާ ދެރަކޮށް ނިކަމެތިކޮށްލައެވެ. އޭނާއަށް ކުރެވޭ ކުށްތަކާއި ހުންނަ އުނިސިފަތަކުގެ ވާހަކަ ދައްކައެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.
ވިސްނާލަންވީ ތިމާއާއިމެދު އެފަދަ ބަހެއް ބުނެވިއްޖެނަމަ ތިމާ ދެރަވާނެ ވަރަށެވެ. ކުރާނެ އަސަރަށެވެ. ހިތުގައި ޖެހޭނެ ވަރަށެވެ. އެކަންކަމަސް ވިސްނާ މީހަކު އެހެން މީހުންނާއިމެދު ޚާއްޞަކޮށް ބައިވެރިޔާއާއިމެދު ވިސްނާނެއެވެ.
ބައިވެރިޔާއަށް ކުށެއް ކުރެވުނީއެވެ. އެކަމުގެ ވާހަކަ ދައްކަންވާނީ ދެމީހުން އެކަނި ތިބެގެންނެވެ. އެއްވެސް އިތުރު މީހަކަށް ނުއެނގޭނެ ގޮތަށެވެ. ބައިވެރިޔާ ތިމާ އިޞްލާޙްވުމަށް އެދޭކަން ޤަބޫލުކުރެވޭނީ އެއިރުންނެވެ. އިޞްލާޙްވާން މަސައްކަތްކުރަން ހިތްވަރުލިބޭނީވެސް އެއިރުންނެވެ.
އިތުކަމެއްވެސް ބުނެލާނަމެވެ. އެއީ ބައިވެރިޔާ ކަމަކުން ފޭލްވެއްޖެނަމަ ދެރަކޮށް ނިކަމެތިކޮށް ނުލުމެވެ. އެއިގެ ބަދަލުގައި ވާންޖެހޭނީ ބައިވެރިޔާއަށް ހިތްވަރުދޭ މީހަކަށެވެ. އެންމެންވެސް ފޭލްވާނެއެވެ. ފޭލްވުމަކީ މައްސަލައެއް ނޫނެވެ. ގަދައަޅައި މަސައްކަތްކުރުމުން އަރައިގަނެވޭނެއެވެ. ވީމާ ކަމަކުން ފޭލްވުމަކީ އެއްވެސް މީހެއްގެ ނިމުމެއް ނޫނެވެ.
އަހުރެންގެ ނަޞީޙަތަކީ ކިތަންމެ ގާތް އެކުވެރިޔެއްގެ ކުރިމަތީގައިވެސް ބައިވެރިޔާ ދެރަވާނެ، ހިތުގައި ޖެހޭނެ ބަހެއް ނުބުނުމެވެ. އެފަދަ ކަމެއްވެސް ނުކުރުމެވެ. ސަބަބުތަކާއި އެކަމުން ލިބޭނެ ގެއްލުމާއި ކުރާނެ ފައިދާވެސް މިކޔައިދިނީއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް