ގިނަ ފަހަރަށް ކައިވެނިކުރެވެނީ އަލަތު ލޯބިވެރިޔާއަކާއެއް ނޫނެވެ. އަދި އަލަތު ކައިވެނީގައި ނުއުޅެވިގެން ވަކިވެ ދެވަނަ ކައިވެނިކުރަންޖެހޭ މީހުންވެސް ވަރަށް ގިނައެވެ. މިއީ އެއެންމެންވެސް ވިސްނަންޖެހޭ ކަމެކެވެ.
ދެމަފިރިންގެ މެދުގައި ކިތަންމެ ބޮޑު މައްސަލައެއް ޖެހުނަސް ކުރީގެ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ މާރަނގަޅުކަމަށް ބުނެގެންނުވާނެއެވެ. އަދި މިވެނި މީހެއްގެ ބައިވެރިޔާ މާރަނގަޅުކަމަށްވެސް ބުނެގެން ނުވާނެއެވެ. ސަބަބަކީ އެގޮތަށް އަޅުވައި ކިޔުމަކީ އަނެކާގެ ހިތް މަރުވާ ކަމެކެވެ. ހިތް މަރުވުމުން އުފާވެރިކަން ގެއްލި ދިރިއުޅުންވެސް މަރުވާނެއެވެ.
މިހާރަކަށް އައިސް އަމިއްލައަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދާ އަނބިން ވަރަށް ގިނައެވެ. އެކަމުން އެނގެނީ އަމިއްލަ ފުދުންތެރިކަން ހުންނަ އަނބިން ގިނަވާނެކަމެވެ. އެފަދަ އަނބިންނަށްވެސް ބުނެލަން އޮތީ ފިރިމީހާއާއި ދިމާއަށް "އަހުރެންނަށް ތިބާ ބޭނުން ނޫން" ކަމަށް ނުބުނާށެވެ. އެފަދަ ޢިބާރާތުން ބުނުމުން ފިރިމީހާއަށް ލިބޭނީ ވަރަށް ނުބައި މެސެޖެކެވެ. އެއީ އަނބިމިހާއަށް ތިމާ ބޭނުންނުވާ ކަމާއި ކޮންމެ ވަޤުތަކުވެސް ވަކިވެގެން ހިނގައިދާނެ ކަމުގެ މެސެޖެވެ. އެމެސެޖަށް ގިނަ ފިރިހެނުން ވަރަށް ބޮޑަށް ސަމާލުކަންދޭނެއެވެ.
ލޮބުވެތި އެކުވެރިންނޭވެ! ދިރިއުޅުން ކާމިޔާބުކުރެވޭނީ ޙިކުމަތުންނެވެ. ޙިކުމަތްތެރިން ކޮންމެ ބަހެއްވެސް ބުނާނީ ވިސްނުންތެރިކަމާއިއެކުގައެވެ. ސަމާސާކުރުމުގައިވެސް ބުނެވޭ ބަސްތަކަށް ސަމާލުކަންދޭންވާނެއެވެ. އަނެކާގެ ހިތުގައި ޖެހޭފަދަ ބަސް ބުނެފައި އެއީ ސަމާސާއެއް ކަމަށް ބުނުމަކުން އެބަސް ނުބުނާ ކަމަކަށް ނުވާނެއެވެ. އަނެކާގެ ހިތުން އެބަސް ފިލައިގެނެއްވެސް ނުދާނެއެވެ.
މިހުރީ ކޮންމެ ދެމަފިރިއަކުވެސް ވިސްނަންޖެހޭނެ ކަންކަމެވެ. މޮޅަށް ކިޔަވައިގެން ހުރުމަކުން ނުފުދެއެވެ. ދިރިއުޅުން ކާމިޔާބުކުރެވެނީ ޙިކުމަތްތެރިންނަށެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް