އަމީނީ މަގުގައި މަރާމާތުކުރަމުންދާ ސަރަޙައްދުގައި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ (އެގްރިގޭޓް ބޭސް ކޯސް) ލޭޔަރު އެޅުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން މިވަގުތު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ސެގްމަންޓް 1 ގެ ގޮތުގައި ކަނޑައަޅާފައިވާ، ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލްގެ ޕާކާ ހަމައަށް އޮތް 270 މީޓަރުގެ ސަރަޙައްދުގައެވެ. މި ސަރަޙައްދުގައި އޭބީސީ ލޭޔަރު އެޅުމަށްފަހު ވަރަށް އަވަހަށް ތާރު އެޅުމުގެ މަސައްކަތް ފެށިގެންދާނެއެވެ.
އަމީނީ މަގު އަވަހަށް ހަލާކުވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެ މަގުގައި ބޮޑެތި ބަހާއި ހެވީ ވެހިކަލްތައް ގިނައިން ދުއްވުމުގެ އިތުރުން، ކުރިން އަޅާފައިވާ ތާރު ރަނގަޅަށް ނުހިކެނީސް މަގު އާންމު ދަތުރުފަތުރަށް ހުޅުވާލުން ހިމެނެއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ކުރިއަށްދާ ސެގްމަންޓް 1 ގެ މަސައްކަތް ނިމުމާއެކު، ސެގްމަންޓް 2 ގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް ފަށާނެއެވެ. އަދި އަމީނީ މަގު މަރާމާތުކުރުމުގެ މުޅި މަސައްކަތް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފާފައެވެ.