ރާއްޖޭގެ ޕާސްޕޯޓް ބުކްލެޓުގެ ސްޓޮކް މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ޕާސްޕޯޓަށް މުއްދަތު އިތުރުކުރުމަށް ކުރިންވެސް އޮންނަ ގޮތަށް އިމުގަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށް މޯލްޑިވްސް އިމިޤްރޭޝަންއިން ވިދާޅުވެއްޖެއެވެ.
ދިވެހި ޕާސްޕޯޓް ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ދާދިފަހުން ވަނީ ބައެއް ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލު ގެންނަން ނިންމީ، ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލަ ހައްލުވިނަމަވެސް، ރާއްޖެއަށް ބުކްލެޓް ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އިމިޤްރޭޝަނުން ވިދާޅުވީ، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓުގެ ތާރީޚު އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން ކުރިންވެސް އޮންނަ އުސޫލުން އިމުގަ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެ ކަމަށެވެ. އަދި އެޕްލައިކުރުމުން ތާރީޚު އިތުރުކޮށްދީފައިވާކަން ޕާސްޕޯޓުން ފެންނަން ހުންނާނޭހެން ސްޓޭމްޕް ޖަހައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ. އިމިޤްރޭޝަނުން އިތުރަށް ވިދާޅުވީ، ޕާސްޕޯޓުގެ މުއްދަތު އިތުރުކުރުމުގެ އަމަލީ މަސައްކަތް އަދި ނުފެށި ނަމަވެސް، ކުރިއެކޭ އެއްގޮތަށް މިހާރުވެސް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މީގެއިތުރުން، އަލަށް ޕާސްޕޯޓް ހައްދާ ފަރާތްތަކުގެ ތެރެއިން ދިވެހިން އާންމުކޮށް ދަތުރުކުރާ ޤައުމުތައް ކަމަށްވާ އިންޑިއާ އަދި ސްރީލަންކާ ފަދަ ޤައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަޖެންސީ ޕާސްޕޯޓް" ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. އަދި މިގޮތަށް އެޕްލައިކުރާއިރު ދަތުރުކުރާ ޤައުމު ފާހަގަކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.