ޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހާއެކު ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހާއެކު ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެ: ރައީސް

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ 'ޑެސްޓިނޭޝަން ޕްރިންސިޕަލް' އާ ގުޅިފައިވާ މުހިންމު އިސްލާހެއް ކަމަށާއި، މީގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. މި ބިލަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ހާސިލްކުރުމަށްޓަކައި ތަސްދީގުކުރެއްވި ބިލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މި ބިލު ޚާއްސަކުރެވިފައިވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އަދި މި ބަދަލުގެ ސަބަބުން އިގްތިސާދަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، "ޓުއަރިޒަމް ދާއިރާއިން މީގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކުރިއެރުމެއް މީގެތެރެއިން ލިބިގެން އެބަދޭ. އިންބައުންޑް ޕްރޮޑަކްޓްތައް ކަމަށްވާ އެކޮމޮޑޭޝަން، ކެއުން، ދަތުރުފަތުރު އަދި އެނޫންވެސް ޓުއަރިޒަމް ހަރަކާތްތަކުން އަޅުގަނޑުމެންނަށް މީގެއިން މި ޖީއެސްޓީ ނެގުމުގެ ފުރުސަތު %17 ރޭޓުގައި ނެގިގެން މިދަނީ. އެހެންވީމަ ޑެސްޓިނޭޝަން ޕްރިންސިޕަލް ތައާރަފްކުރެވިގެން ދިއުމުގެ އޭގެ ފައިދާ އިޤްތިޞާދަށް ކުރާނެ." މިފަދައިންނެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ މުޅިން އަލަށް ޓެކްސްއެއް ތައާރަފުކުރުން ނުވަތަ އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ ރޭޓު މަތިކުރުން ނޫންކަން ރައީސް ވަނީ ސާފުކޮށްދެއްވާފައެވެ. އޭގެ ބަދަލުގައި، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ޓެކްސް ބޭސް ފުޅާކުރުން ނުވަތަ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ދާއިރާ އިތުރަށް ފުޅާކޮށް، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ފުރިހަމައަށް ހޯދުމެވެ.

މިއަދު އޮންލައިން