މަސްވެރިކަމުގެ ގާނޫނަށް ގެނައި އިސްލާހާއި ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ ބިލަކީ އިގްތިސޯދީގޮތުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ގާނޫނުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ ގާނޫނަށްހުށަހަޅާފައިވާ އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މިއަދު ތަސްދީގު ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުތައް ތަސްދީގުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މީގެ ކުރިން ގާނޫނު އޮތްގޮތުން ސިނާއީ އެކިކަހަލަ އިގްތިސޯދީ ބޭނުންތަކަށް ފަޅުތަކާއި ފަޅުރަށްރަށް ކުއްޔަށް ދެވެން ނޯންނަކަމަށެވެ. އެހެންނަމަވެސް މިގާނޫނުގެ ސަބަބުން އެކިއެކި ބޭނުންތަކަށް ފަޅުތައް ނަގައިގެން އިންވެސްޓު ކުރެވޭނެ ކަމަށާ އޭގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
އަޅުގަނޑު ޔަގީން ކުރަނީ މި ހުޅުވިގެންދިޔައީ ވަރަށް ބޮޑު އިގްތިސޯދީ ދޮރެއް މީގެ ސަބަބަން އިރާދަކުރެއްވިއްޔާ ރާއްޖެއަށް އެކި ދާއިރާތަކުން ފަޅުތަކަށާއި ފަޅުރަށްތަކަށް އިންވެސްޓު ކުރާނެ އިންވެސްޓަރުން އަންނާނެ.
މަސްވެރިކަމުގެ ގާނޫނަށް މިގެނައި އިސްލާހުގެ ސަބަބުން ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތައް ގާއިމްކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމާ ބެހޭ ގާނޫނަށް މި އިސްލާހުތައް ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކާއި އެހެނިހެން ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމެވެ. ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައެޅުމުގެ ބާރު ކުރިއެކޭ އެއްގޮތަށް ލިބިފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް ރައީސް އަށް ފަޅުރަށްތައް އެކަށައެޅޭނީ، ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ސިނާޢީ، އިގްތިސާދީ އަދި އިޖުތިމާޢީ ބޭނުންތަކާއި ދައުލަތުގެ ބޭނުންތަކުގެ އިތުރުން އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ޚާއްސަ ބޭނުންތަކަށެވެ.
އަލަށް ގެނައި އިސްލާހުތަކާއިއެކު ފަޅު ކުއްޔަށް ދެވޭނީ ޞިނާޢީ، އިޤްތިޞާދީ އަދި މަސްވެރިކަމުގެ ބޭނުންތަކަށެވެ. ފަޅުތައް ކުއްޔަށް ދޫކުރުމުގެ ޢުޞޫލުތައް ސާފުކޮށް ކަނޑައެޅިގެން ދިއުމާއެކު، ދަޢުލަތަށް ބޮޑެތި މަންފާތައް ލިބިގެންދާނެއެވެ.އެގޮތުން ފަޅުގެ ކުލީގެ ގޮތުގައި އަދި އިކުއިޒިޝަން ފީގެ ގޮތުގައި ދަޢުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ އެވެ.