މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
އެމްޓީސީސީގެ ހިންގާ ޤަވާއިދުގެ 57 ވަނަ މާއްދާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބަލައި މައި ޙިއްޞާދާރުގެ ޙައިސިއްޔަތުން ސަރުކާރުގެ ފަރާތުން 5 ޑިރެކްޓަރުން ޢައްޔަނު ކުރަން ޖެހޭއިރު، ޢާންމު ޙިއްޞާދާރުންގެ ތެރެއިން އިންތިޚާބު ކުރަނީ 2 ޑިރެކްޓަރުންނެވެ. މިހާރު ހުޅުވާލާފައިވަނީ ޢާންމު ޙިއްޞާދާރުން ތަމްސީލުކުރާ އެ 2 މެންބަރުންގެ މަޤާމަށެވެ. އެމްޓީސީސީން ވަނީ، ސީއެމްޑީއޭގެ ޤަވާއިދުތަކުގައި ބާރުއަޅާ ގޮތަށް މި މަޤާމުތަކަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލުމަށް އިލްތިމާސްކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އެމްޓީސީސީން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި، ކުންފުނީގެ ޙިއްޞާދާރެއް ކަމުގައިވުން ނުވަތަ ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށްވުން ހިމެނެއެވެ. މީގެ އިތުރުން ކުންފުނީގެ ވިޔަފާރިއާއި ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުމާއި، މާލީ ރިޕޯޓުތައް ދިރާސާ ކުރުމުގެ ޤާބިލުކަން ލިބިފައި ހުރުންވެސް ހިމެނެއެވެ.
ހަމައެއާއެކު، ބަނގުރޫޓުވެފައިވާ ފަރާތެއް ކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ޤައުމެއްގައި ހުކުމާ އެއްގޮތަށް އަދާކުރަމުންނުދާ ސާބިތު ދަރަންޏެއް އޮތް ފަރާތަކަށް ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ކުންފުނީގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ ވިޔަފާރިއެއްގައި ޝާމިލުވާ ފަރާތެއް ކަމުގައި ނުވުމުގެ އިތުރުން، އެ ފަރާތްތަކަކީ ސީއެމްޑީއޭގެ މިންގަނޑުތަކަށް ފެތޭ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށް އެމްޓީސީސީން ބަޔާންކުރެއެވެ.
މި މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން އެމްޓީސީސީގެ ޝެއަރހޯލޑަރސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް އަންނަ މަހުގެ 24 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.