ދިވެހިރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް، އެއްވެސް ހުއްދައެއް ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރަމުންދިޔަ 6 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑިޓެއިންކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއީ ރާއްޖޭގައި ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދައި ދެނެގަނެ، އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ ފަރާތްތައް ގުޅިގެން އެކުލަވާލާފައިވާ ޓާސްކްފޯސްއިން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއް ކަމަށެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ ދިވެހި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެންނެވެ.
ތަހުޤީޤަށް މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވި 3 އަހަރުގެ ތެރޭގައި މި 6 ބިދޭސީންގެ އެކައުންޓްތަކުގައި ޖުމްލަ 54،429،550.00 ރުފިޔާ (ފަންސާސް ހަތަރު މިލިއަން ހަތަރުލައްކަ ނަވާވީސްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) އަދި 1،627،810 ޔޫއެސް ޑޮލަރު (އެއްމިލިއަން ހަސަތޭކަ ހަތާވީސްހާސް އަށްސަތޭކަ ދިހަ ޑޮލަރު) ވަނީ ދައުރުކޮށްފައެވެ. ފުލުހުން ފާހަގަކުރެއްވި ގޮތުގައި މިއީ ހުއްދަދެވިފައިވާ މަސައްކަތުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގައި ހަރަކާތްތެރިވަމުން އައި ފަރާތްތަކެކެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރިއިރު، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީންނާ ހަވާލުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ އެކައުންޓްތަކާއި ވިޔަފާރިތައް ބޭނުންކުރަމުންދަނީ ބިދޭސީން އިސްވެ ހިންގާ ޤާނޫނާ ޚިލާފު އަމަލުތަކުން ހޯދާ ފައިސާ ދައުރުކޮށް މުއާމަލާތްކުރުމަށް ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.